ތައްބޫ ހުއްސަރިބައިކޮށް ހުރީ އަޖޭގެ ސަބަބުން
ތައްބޫ ހުއްސަރިބައިކޮށް ހުރީ އަޖޭގެ ސަބަބުން

އުމުރުން 45 އަހަރު ވީ އިރު ވެސް މަޝްހޫރު ބަތަލާ ތައްބޫ ކައިވެނި ނުކޮށް ހުރީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު އޭނާއާ ސުވާލުކުރެ އެވެ. ދާދި ފަހުން ތައްބޫ ދިން އިންޓަވިއުއެއްގައި އޭގެ ޒިންމާ އެޅުވީ އަޖޭގެ ބޮލުގަ އެވެ.

ތައްބޫ އާއި އަޖޭ އެކުގައި ލޯބީގެ ފިލްމެއް ކުޅުނު ފަހުން 23 އަހަރު ވެއްޖެ އެވެ. މިހާރު ދެ އެކްޓަރުން އަނެއްކާ އަންނަނީ ރޯހިތު ޝެޓީގެ "ގޯލްމާލް" ސީރީޒްގެ އާ ފިލްމުގައި ލޯބީގެ ރޯލެއް އަދާކުރަމުންނެވެ.

ދާދި ފަހުން މުމްބައި މިރާއާ ވާހަކަ ދައްކަމުން ތައްބޫ ބުނީ އޭނާ ހުއްސަރިބަޔަށް ހުރުމުގެ ޒިންމާ ނަގަން ޖެހޭނީ އަޖޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އަޖޭ އާއި އޭނާގެ ރަހުމަތްތެރިކަމަށް 25 ވަރަކަށް އަހަރު ވެއްޖެ އެވެ. އަޖޭ އަކީ ތައްބޫގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ސަމީރް އާރްޔާގެ ގާތް އެކުވެރިއެއްގެ އިތުރުން އަވަށްޓެރިއެއް ކަމަށް ވެސް ބުންޏެވެ.

ތައްބޫގެ ޒުވާން ދުވަސްވަރު އަޖޭ އާއި ސަމީރް އޭނާއަށް ފާރަލަ އެވެ. އަދި ދާހާ ތަނަކަށް ފަހަތުން ދިއުމުގެ އިތުރުން އޭނާއާ ވާހަކަ ދައްކާ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައިގަންނާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށް ވެސް ތައްބޫ ބުނެ އެވެ.

މިއަދާ ހަމައަށް ވެސް ކައިވެންޏެއް ނުކޮށް ހުރީ، ތައްބޫ ބުނި ގޮތުގައި، އަޖޭ އާއި ސަމީރުގެ ބުލީކުރުމުގެ ސަބަބުންނެވެ. އަދި އެކަމާ އަޖޭ ދެރަވެ މައާފަށް އެދި ތައުބާ ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް، މަޖަލަކަށް، އޭނާ ބުންޏެވެ.

ސަމާސާއަކަށް ތައްބޫ ދެއްކި މި ވާހަކަތަކުގެ ތެރޭގައި އޭނާ ބުނީ އޭނާއަށް އެކަށީގެންވާ ރަނގަޅު މީހަކު ހޯދައިދިނުމުގެ ޒިންމާ އެޅިފައި އޮތީ ވެސް އަޖޭގެ ބޮލުގައި ކަމަށެވެ.

"ކުރީ ދުވަހަކު ވެސް އަހަރެން ބުނެފިން އޭނާ ކައިރީ ހެޔޮނުވާނޭ މަށަށް ކައިވެނިކުރާނެ ރަނގަޅު ފިރިހެނަކު ހޯދައިދީ ބަލާށޭ،" ތައްބޫ ބުންޏެވެ.

ސަމާސާ ވާހަކަތައް މެދުކަނޑާލާފައި ސީރިއަސް ވެފައި ތައްބޫ ދެން ބުނީ ފިރިހެން އެކްޓަރުންގެ ތެރެއިން އަބަދުވެސް އޭނާއާ އެންމެ ގާތް ގުޅުމެއް އޮންނަނީ އަޖޭ ކަމަށެވެ.

އަޖޭ އާއި ތައްބޫ ވަނީ "ވިޖޭޕަތު"، "ތަކްޝަކް" އަދި "ހަގީގަތު"ގައި މަސައްކަތް ކޮށްފަ އެވެ. މިހާރު މި ދެ އެކްޓަރުން ކުޅެމުން އަންނަ "ގޯލްމާލް އެގެއިން"ގެ އިތުރުން ވެސް ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެއް ވެސް ދެ މީހުންނަށް ވަނީ ލިބިފަ އެވެ.