02 ޖުލައި 2017 - 06:34

ޝްރީދޭވީގެ އާ ފިލްމު "މޮމް" ހުކުރު ދުވަހު ރިލިޒްކުރުމުގެ ތައްޔާރީތައް ކުރިއަށް ދާއިރު ގިނަ ބަޔަކު ތިބީ ފިލްމު ބަލައިލަން ޝައުގުވެރިވެފަ އެވެ. ބެލުންތެރިން މި ފިލްމަށް އެހާ ބޮޑު ފޯރިއެއް ދައްކަނީ ފިލްމުގައި ބައިވެރިވާ ތަރިންގެ ސަބަބުންނެވެ. ޝްރީދޭވީގެ އިތުރުން ނަވާޒުއްދީން ސިއްދީގީ އާއި އަކްޝޭ ކަންނާ ބައިވެރިވެ އެވެ. އަދި ޕާކިސްތާނުގެ ވަރަށް ހުނަރުވެރި ދެ އެކްޓަރުން ކަމަށްވާ ސަޖަލް އަލީ އާއި އަދްނާން ސިއްދީގީ ވެސް ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ.
ފިލްމު ޕްރޮމޯޓްކުރަން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ޝްރީދޭވީ ވަނީ ނަވާޒުއްދީންގެ މޮޅުކަމަށް ތައުރީފުކޮށްފަ އެވެ. ނަވާޒުއްދީންގެ ހުރިހާ ފިލްމެއް ވެސް ބެލިކަމަށާއި އޭނާގެ ޕާފޯމަންސްގައި ވަަރަށް ޝައުގުވެރިވާ އަދި ބަލާހިތްވާ ގޮތްތަކެއް ހުންނަ ކަމަށް ވެސް ޝްރީދޭވީ ބުންޏެވެ.
އަކްޝޭގެ ހުނަރަށް ވެސް ޝްރީދޭވީގެ ހިތުގައި އޮތީ ތައުރީފްގެ ބަސްތަކެވެ. އޭނާ ބުނި ގޮތުގައި އަކްޝޭ އަކީ ފިލްމު އިންޑަސްޓްރީން މަދުން ނޫނީ ނުފެންނަ ވަރުގެ ކުޅަދާނަ އެކްޓަރެކެވެ.
ޝްރީދޭވީ އެންމެ ފަހުން ކުޅުނު "އިންގްލިޝް ވިންގްލިޝް"ގައި ވެސް އޭނާ ވަނީ ވަރަށް މޮޅު އެކްޓިންއެއް ދައްކާފަ އެވެ.
"މޮމް"ގައި ޝްރީދޭވީ ކުޅެނީ ބައެއްގެ ނުބައި ރޭވުންގަނޑެއްގައި ބަނދެވިފައިވާ އަންހެންދަރިފުޅު އެމީހުންގެ ކިބައިން ސަލާމަތް ކުރުމުގެ މަސައްކަތެވެ.
ރަވީ އުދްޔާވަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ ޖުލައި 7 ގަ އެވެ.