01 ޖުލައި 2017 - 08:01

ސަލްމާން ޚާންގެ "ޓިއުބުލައިޓް" އަކީ މި އަހަރު ނުކުންނާނެ އެންމެ މޮޅު އަދި ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ބެލެވުނަސް ބޮކްސް އޮފީހަށް ތޫފާނެއް ނަ އެވެ. އިންޑިއާ އިން މި ފިލްމަށް ހަ ދުވަހުގެ ތެރޭގައި ލިބުނީ 105 ކްރޯޑު (10.5 ބިލިއަން ރުޕީސް) އެވެ. މިއީ ސަލްމާންގެ އީދު ރިލީޒްއަކާ ބަލާއިރު އުންމީދުކުރި ވަރާ ގާތްކުރާ ވަރުގެ އަދަދެއް ވެސް ނޫނެވެ.
ގާތްގަނޑަކަށް 80-100 ކްރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމުގެ ސެޓެލައިޓް އަދި މިއުޒިކް ރައިޓްސް ވިއްކާލައިގެން ފުދޭވަރެއްގެ މަންފާއެއް ރިލީޒްކުރިއިރު ވެސް ވަނީ ލިބިފަ އެވެ. އެހެންކަމުން އެއްވެސް ހާލެއްގައި މިއީ ފްލޮޕެއް ނޫނެވެ. ހަގީގަތުގައި މި ފިލްމަށް 150 ކްރޯޑު (15 ބިލިއަން ރުޕީސް)ގެ ފައިދާއެއް މިހާތަނަށް ވެސް ވަނީ ލިބިފަ އެވެ.
ނަމަވެސް ސިނަމާތަކުގައި ފިލްމު ރަނގަޅަށް ނުހިނގުމުން އޭގެ ގެއްލުން ވެސް ބޮޑެވެ. ޑިސްޓްރިބިއުޓަރެއް ކަމަށްވާ އަކްޝޭ ރާތީ ބުނީ ސިނަމާތަކަށާއި ޑިސްޓްރިބިއުޓަރުންނަށް ދަނީ ގެއްލުން ވަމުން ކަމަށެވެ.
މިގޮތަށް ދިމާވީ ސަލްމާންގެ ފިލްމެއް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ބޮޑުކަމުން ސިނަމާތަކުގައި ދެއްކުމުގެ ހައްގު ހޯދަން 132 ކްރޯޑު (13.2 ބިލިއަން ރުޕީސް) ހޭދަކުރުމުންނެވެ. ނަމަވެސް މި ފިލްމު ބަލަން ވަން މީހުންގެ އަދަދު ހީކުރިވަރާ ގާތަށް ވެސް ނުދާތީ ފުރަތަމަ ހަފުތާ ނުނިމެނީސް އެ ވިޔަފާރިވެރިންނަށް ދިޔައީ ގެއްލުން ދައްކަމުންނެވެ.
ތަޖުރިބާކާރެއް ކަމަށްވާ ކޯމަލް ނަހާތާ ބުނީ "ޓިއުބުލައިޓް" ނުހިނގާތީ ބައެއް ވިޔަފާރިވެރިން މުމްބައި އަށް ގޮސް ސަލްމާނާ ބައްދަލުކޮށް އޭނާގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށެވެ.
ކޯމަލްގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި "ޓިއުބުލައިޓް" އެޅުވި ވަރަށް ގިނަ ސިނަމާތަކަށް އެތައް ލައްކަ ރުފިޔާއަކުން ގެއްލުންވި އެވެ. އަދި "ބަހޫބަލީ 2" އާއި "ދަންގަލް" އިން ލިބުނު ފައިދާ ވެސް މި ފިލްމުގެ ސަބަބުން ގެއްލިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ބައެއް މީހުން ސަލްމާންގެ ކިބައިން އެދުނީ ގެއްލުމުގެ ބަދަލަކަށެވެ. އެކަމަކު އެއްބަސްވުންތަކަށް ބަލާއިރު އެކަހަލަ ބަދަލެއް ދޭކަށް ނުޖެހެ އެވެ. ބަދަލެއް ދެންޏާ އެއީ ސަލްމާންގެ ރަނގަޅުކަމުން ކުރާ ކަމެކެވެ.
އަކްޝޭ ރާތީ ބުނީ "ޓިއުބުލައިޓް" އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބުން އެންމެން ވެސް ވަރުގަދަ ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށެވެ. އެއީ ފިލްމުގައި އުޅޭ އެކްޓަރަށް ބަލައިގެން އެއްވެސް ފިލްމެއް ހިނގާނެ ކަމަށް ޔަގީންނުކުރުމެވެ. ފިލްމެއް ކާމިޔާބުވުމުގައި ޑައިރެކްޓަރާއި ލިޔުންތެރިން އަދި އެހެން މީހުންގެ ވެސް ހިއްސާ އޮންނަ ކަން ފިލްމު އިންޑަސްޓްރީން މިހާރު ގަބޫލުކުރަން މަޖުބޫރުވެއްޖެ ކަމަށް ވެސް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
އޭގެ އެއް މިސާލަކީ "ބަހޫބަލީ 2" އެވެ. އޭގައި އުޅެނީ ހިންދީ ފިލްމު އާއްމުކޮށް ބަލާ މީހުންނަށް ނުވެސް އެނގޭ ދެކުނު އިންޑިއާގެ ދެ އެކްޓަރުންނެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން އާދައިގެ ހިންދީ ފިލްމަކަށް ވުރެ ރަނގަޅަށް އެ ފިލްމު ހިނގި އެވެ. އެހެންކަމުން ފިލްމުގެ ހަގީގީ "ބަތަލަކީ" އޭގެ ސްކްރިޕްޓާއި ކޮންޓެންޓް ކަން އެެންމެން ވެސް މިހާރު ގަބޫލުކުރަން ޖެހޭ ކަމަށް ރާތީ ބުންޏެވެ.