01 ޖުލައި 2017 - 08:02

އިންޖެކްޝަން މެދުވެރިކޮށް ފުލޫ ވެކްސިން ޖަހަން ބިރުގަންނަ މީހުންނަށް މާ ފަސޭހަ އަދި ލުއި ގޮތެއް ސައިންސްވެރިން އީޖާދުކޮށް، އިންސާނުންގެ ފުރަތަމަ ޓެސްޓުން ވެސް އެ ފަރުވާ ފާސްވެއްޖެ އެވެ.

ބޭސް މަލަން ކަހަލަ، އަތުގައި ތަތްކޮށްލާ މަލަންކޮޅެއްގެ ޒަރީއާ އިން ހަށިގަނޑަށް ވެކްސިންގެ ބައި ފޯރުކޮށްދޭ މި ފަރުވާ ވާނީ އޭގެ ޒާތުގައި ވަރަށް ފަސޭހަ އަދި ބޭނުންކުރަން މީހުން ޖެހިލުންނުވާނެ އެއްޗަކަށެވެ.
މި މަލަންކޮޅުގެ ތަތްކޮށްލާ ބައިގައި ހިމެނެނީ ވަރަށް ކުދިކުދި، ސަތޭކައެއްހާ ކައްޓެވެ. އެކަމަކު އެ މަލަންކޮޅު ތަތްކޮށްލާ އިރު، ހަންގަނޑު ތެރެއަށް ވަދެގެން ދަނީ ތަދުގެ އެއްވެސް އިހުސާސެއް ނުވެ އެވެ.
މަޝްހޫރު ސައިންސް މަޖައްލާއެއް ކަމަށްވާ ލެންސެޓްގައި ލިއަމުން ސައިންސްވެރިން ފާހަގަކުރި ގޮތުގައި މިއީ އިންޖެކްޝަން ޖަހަން ބިރުގަންނާތީ އެކި ރޯގާތަކުން ސަލާމަތްވާން ވެކްސިން ނަގަން ޖެހިލުންވާ މީހުންނަށް ހުޅުވޭނެ ވަރަށް ބޮޑު ފުރުސަތެކެވެ.
އާންމު ފްލޫ ވެކްސިންތައް އައިސްއަލަމާރިއަށް ލާން ޖެހޭ އިރު ފަހުގެ މި ފަރުވާ ބޭސްފިހާރަތަކުގެ ހަރުގަނޑުގައި ބަހައްޓާލެވެ އެވެ.
މި މަލަންކޮޅު ޓެސްޓްކުރަން ބައިވެރިވި ވޮލަންޓިއަރުން ބުނާ ގޮތުގައި އިންޖެކްޝަން ޖެހުމަށް ވުރެ އެ މީހުން ގަޔާވަނީ އާ ފަރުވާއަށެވެ.
މި ފަރުވާ އީޖާދުކުރި އެމޮރީ ޔުނިވަސިޓީ އާއި ޖޯޖިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ބުނީ އާންމު ވެކްސިންތަކުގައި ހިމެނޭ ހުރިހާ ފައިދާއެއް، އެއްވެސް ތަދެއް އިހުސާސްކުރުމެއް ނެތި، އެ މަލަންކޮޅުން ލިބޭނެ ކަމަށެވެ.
އިންޖެކްޝަން ޖަހާ އިރު ހަންގަނޑުގެ އިތުރުން މަސްގަނޑަށް ވެސް ކަށި ވަދެގެން ދެ އެވެ. އެކަމަކު މަލަންކޮޅުގެ ކުދިކުދި ކަށިތައް ހަމައެކަނި ވަންނަނީ ހަމުގެ ފަށަލަ އަށެވެ.
"މައިކްރޮސްކޯޕަކުން އެއަށް ބަލައިފި ނަމަ ފެންނާނީ ވަރަށް ކުދިކުދި ކަށިތަކެއް. ހަމުގެ ތެރެއަށް އެ އެއްޗެހި ވަންނާނީ އެއްވެސް ތަދެއް އިހުސާސްނުވެ،" މި ފަރުވާގައި އެންމެ އިސްކޮށް ހުންނެވި ޕްރޮފެސަރު މާކް ޕްރޯނިޒް ވިދާޅުވި އެވެ.
ފްލޫ އިންޖެކްޝަނާއި މަލަންކޮޅު އެކުއެކުގައި ޓެސްޓްކުރަން ވޮލަންޓިއަރުން ބޭނުންކުރި އެވެ. ގާތްގަނޑަކަށް 100 އެއްހާ މީހުންގެ އަތަށް އާންމު އިންޖެކްޝަން ޖެއްސެވެ. އަނެއް ބައެއްގެ އަތުގެ ކުޑަ ހުޅު ކައިރީގައި މަލަންކޮޅު ތަތްކޮށްލައިގެން 20 މިނިޓް ހޭދަކުރި އެވެ.
ގިނަ މީހުން ބުނީ އެއްވެސް ތަދެއް ނުވާ ކަމަށެވެ. ނަމަވެސް ބައެއް މީހުންގެ މަލަންކޮޅު ތަތްކޮށްލި ތަން ރަތްވެ، ހިރުވައި ހެދި އެވެ. އާދައިގެ މި ސައިޑް އިފެކްސްޓްތައް ދެތިން ދުވަހުގެ ތެރޭގައި އޭގެ ޒާތުގައި ފިލައިގެން ދިޔަ އެވެ.
މި ފަރުވާ އާންމުކޮށް ބޭނުންކުރުމުގެ ކުރިން އަދިވެސް އެތައް އަހަރެއްގެ ޓެސްޓްތައް ކޮށް، ފާސްކުރަން ޖެހެ އެވެ. އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި އާ ފަރުވާގެ ސަބަބުން ފުލޫ ވެކްސިނާއި އެހެން ބާވަތުގެ ވެކްސިންތައް ދެމުން އަންނަ ގޮތަށް އިންގިލާބީ ބަދަލެއް އަންނާނެ އެވެ.
މި މަލަންކޮޅު ބޭނުންކޮށްފައި އާންމު ޑަސްބިން އަށް ވެސް އެއްލައިލެވެ އެވެ. ސަބަބަކީ އޭގައި ހިމެނޭ ކުދިކުދި ކަށިތައް އޭގެ ޒާތުގައި ހަލާކުވެގެން ދާތީ އެވެ.