ރިޔާސީ އިންތިޚާބަށް އަޅުގަނޑު ކުރިމަތި ނުލާނެ ކަމުގެ ވަސްވާސް އުފައްދަނީ ނުބައި ރޭވުމެއްގެ ދަށުން: ރައީސް
ރިޔާސީ އިންތިޚާބަށް އަޅުގަނޑު ކުރިމަތި ނުލާނެ ކަމުގެ ވަސްވާސް އުފައްދަނީ ނުބައި ރޭވުމެއްގެ ދަށުން: ރައީސް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތި ނުލައްވާނެ ކަމުގެ ވަސްވާސް އުފައްދަނީ ބައެއްގެ ނުބައި ރޭވުމެއްގެ ދަށުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގްރޫޕުގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތި ނުލައްވާނެ ކަމަށް ބުނެ ވާހަކަތައް ދައްކަނީ ނުބައި ރޭވުމެއްގެ ދަށުން ކަމަށެވެ. އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން އޮޅުވައި ނުލުމަށް، ލީކުވި ވައިބާ މެސެޖެއްގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަން ޔަގީން ކަމަށެވެ.

"ﷲ ގެ އިރާދަފުޅާއެކު 2018 ކާމިޔާބު ކުރާނީ ރައީސް ޔާމީން،" ނިހާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފޮޓޯއާ އެކު، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުގައި ތިބީ 2008 އާއި 2013 ގައި ރައްޔިތުން ނޫނެކޭ ބުނެފައިވާ ލީޑަރުން ކަމަށެވެ.

"މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް ދެއްތޯ؟،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ނިހާން އަންނަ އަހަރުގެ އިންތިޚާބާ ގުޅޭ ގޮތުން ޓްވީޓްތަކެއް ކުރެއްވިއިރު، އެ އިންތިޚާބުގައި ރައީސް ޔާމީންގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި ނޯންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ އިންތިޚާބާ ހަމައަށް ދާއިރު، ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އަދި ރައްޔިތުންގެ ތާއީދު ނެތްކަން އެނގިވަޑައިގެން ވަކި ހިސާބަކުން އިންތިޚާބަށް ނުނިކުންނަވަން ނިންމެވުމުން ކަމަށް އިދިކޮޅު މީހުން ބުނެ އެވެ.

މިދިޔަ އޭޕްރީލްމަހު މ. ކުނޫޒްގައި ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

"ހަމައެކަނި މި މާހައުލަށް ބައްލަވާލެއްވީމަ ވެސް ފެންނާނެ ރާއްޖޭގެ ހާލަތަށް އައިސްފައި އޮތް ބަދަލު. ކަންކަން ބަދަލުވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަކަށް،" މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި އަމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އަލުން ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ރައީސް ޔާމީނާއި މެމްބަރުންނާ ދެމެދު ކުރި މެސެޖުތަކެއް މިއަދު ފުލުފުލުން ވަނީ ލީކްކޮށްލައިފަ އެވެ. އެ މެސެޖުތައް ލީކްކުރާ މައްސަލާގައި ވެސް ބައެއް މެމްބަރުން ވަނީ އެ ގުރޫޕުގައި މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.