01 ޖުލައި 2017 - 09:39

މި ސީޒަނަށް އެންމެ ބޮޑު ހަރަދުކޮށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމަކީ ނިއު ރޭޑިއަންޓެވެ. އެ ޓީމުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ކޯޗަކަށް ހަމަޖެއްސީ ފެންވަރު ރަނގަޅު ގިނަ ކޯޗުންގެ ހުށަހެޅުން ލިބިފައިވަނިކޮށް ކަމަށް އެ ޓީމުން އޭރު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ސީޒަންގައި ނިއު ކުޅުނު 10 ވަނަ މެޗަށް ފަހު ޓަވަރޭސް ވަނީ މަގާމުން ދުުރުކޮށްފަ އެވެ. ޓަވަރޭސް ވަކިކުރަން ނިއު އިން ނިންމުމަކީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟

ޓަވަރޭސްގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ތިން މެޗުން ބަލިވިއިރު އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެ ޓީމު ބަލިވީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 2-1 އާއި އީގަލްސް އަތުން 1-0 އަދި ލީގުގެ ފަހު ބުރުގައި ގްރީން ސްޓްރީޓްސް އަތުން 3-0 އިންނެވެ.
ގްރީން ސްޓްރީޓްސް އަތުން ބަލިވި މެޗާއި އެންމެ ފަހުން ނިއު ކުޅުނު މެޗު ކަމަށްވާ ޓީސީ އަތުން 4-3 އިން މޮޅުވި މެޗުގެ ދެމެދު ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ބްރޭކެއް ލިބުނެވެ. ނިއު އިން ޓަވަރޭސް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސިއިރު، އެ ދުވަހު މީޑިއާއާ ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާ ގަބޫލުކުރަނީ ގިނަ ޕްރެކްޓިސްތަކެއް ކޮށް އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރެވިއްޖެނަމަ ނަތީޖާ ނެރެވޭނެ ކަމަށެވެ.
ޓީސީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓަވަރޭސް ބުނީ އެންމެ ފަހުން ލިބުނު ބްރޭކުގައި އޭނާ ބޭނުންވި ގޮތަށް ޕްރެކްޓިސް ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް ހުރި ގޮންޖެހުންތަކުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
"ހަގީގަތުގައި ނިއުގައި އެބަތިބި ދެ ފަންތިއެއްގެ ކުޅުންތެރިން. އެއީ ހަތް ވަރަކަށް ކުޅުންތެރިން އެބަތިބި ވަރަށް މޮޅު. އެ ކުޅުންތެރިންނަށް މި ކުރިއަށްގެންދަން ޖެހެނީ ތަފާތު ޓްރެއިނިން އެއް. ދެން މި ތިބީ މި ބުނި ހަތް ކުޅުންތެރިންނަށް ވުރެ ފެންވަރުގެ ގޮތުން ދަށް ކުޅުންތެރިންތަކެއް. މި ކުޅުންތެރިންނަށް ބޭސިކް ވެސް ބުނެދޭން ޖެހެނީ. ދެން އެގޮތަށް ބުނެދޭއިރު ޓީމުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ބޭނުންވާ ޓްރެއިނިންތައް ކުރިއަށްގެންދަން ވަގުތެއް ނޯވޭ،" ޓަވަރޭސް ޓީމުގެ ޓްރެއިނިން ކުރިއަށް ގެންދަން އޮތް ކަންބޮޑުވުން ހިއްސާކުރި އެވެ.
ޓަވަރޭސްގެ ޕްރޮފައިލަށް ބަލާއިރު އޭނާ އަކީ މޮޅު ޓްރެއިނަރެކެވެ. ޓެކްޓިކަލީ ބަލާއިރު ނިއު އިން ކުޅުނު 10 މެޗުގައި ވެސް އޭނާ އަށް މާބޮޑު ތަފާތެއް ނުދެއްކުނެވެ. ނިއުގައި އޮތް ސްކޮޑަށް ބަލާއިރު ގިނަ މެޗުތަކުގައި އެ ޓީމުން ނެރެފައިވަނީ އާދައިގެ ނަތީޖާތަކެކެވެ. ނިއު މޮޅުވި ހަތް މެޗުގެ ތެެރެއިން އެއް ގޯލުގެ ތަފާތަށް ވުރެން ބޮޑުކޮށް މޮޅުވެފައިވަނީ ދެ މެޗުންނެވެ. އެއީ ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ވިކްޓަރީ އަތުން 3-0 އިން މޮޅުވިއިރު، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ.
ޓަވަރޭސްގެ ކޯޗުކަމުގައި ކުޅުނު 10 މެޗަށް ބަލާއިރު މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާ އަލީ ފާސިރު (ސެންޓޭ)ގެ ބޭނުން އެންމެ ފުރިހަަމަ އަށް ނުހިފެ އެވެ. ކުޅުނު 10 މެޗުން ސެންޓޭ އަށް ޖެހިފައިވަނީ ހަތަރު ލަނޑެވެ. ނިއުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މި ފަހަރު އެ ޓީމާ ގުޅުނު ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. އޭނާ ވަނީ ހަތް ގޯލު ކާމިޔާބު ކޮށްފަ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން ގައުމީ ޓީމުގެ ބްރޭކަށް ފަހު ސެންޓޭ އަންނަނީ އަލުން ކުރީގެ ފޯމަށް އެޅެމުންނެވެ. ޓީސީ މެޗުގެ ކުރިން ސެންޓޭގެ ފޯމާ ގުޅޭގޮތުން ސުވާލުކުރުމުން ޓަވަރޭސް ބުނީ ގައުމީ ޓީމަށް ސެންޓޭ ދައްކާ ކުޅުން ނިއު އިން ކުރިއަށް ހުރި މެޗުތަކުން ފެންނާނެ ކަމަށެވެ. ސެންޓޭ ވަނީ ޓީސީ ކޮޅަށް ނިއު އިން ހަތަރު ލަނޑު ޖެހިއިރު، ދެ ލަނޑު ޖެހުމުގެ އިތުރުން އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޓަވަރޭސް އަށް ދިން ވަގުތަށް ބަލާއިރު އޭނާގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާތަކެއް ނުފެނުނު ނަމަވެސް ވަކިކުރި ވަގުތު އެންމެ ރަނގަޅެއް ނޫން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެއީ ނިއު އިން އަލަށް ހަމަޖެއްސި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ބަރޭރާ އަކީ ވެސް ޓަވަރޭޒް އެކޭ އެއްގޮތަށް ރަނގަޅު ޓްރެއިނަރެކެވެ. އޭނާ އަށް ވެސް ޓީމު ދެނެގަންނަން ވަގުތު ބޭނުންވާނެ އެވެ.
ނިއު އިން ޓަވަރޭސް ވަކިކުރަން ނިންމާފައިވާނަމަ ލީގުގެ ބްރޭކުގެ ބޭނުން އެ ޓީމަށް ހިފޭނެ ހާލަތެއް އޮތެވެ. އެއީ ބްރޭކަށް ދިއުމުގެ ކުރިން އާ ކޯޗެއް ގެނެސް ޓީމު ދެނެގެންނަން ފުރުސަތު ލިބޭނެ އެވެ. އެކަމު ނިއު އިން ޓީސީ މެޗަށް ފަހު ކޯޗު ބަދަލުކުރުމުން އާ ކޯޗު އޮސްކާ އަށް މެޗާ ދެމެދު ލިބިފައިވަނީ އަށް ވަރަކަށް ދުވަހެވެ. އަންނަ އަންގާރަ ދުވަހު ލީގުގައި އެ ޓީމު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
ފާއިތުވި ތިން ވަރަކަށް އަހަރަށް ބަލާއިރު ނިއު އަކީ އެންމެ ގިނައިން ކޯޗުން ބަދަލުކުރި ޓީމެވެ. އެކި ފަހަރު މަތިން އެ ޓީމަށް އެކި ކޯޗުން އިރުޝާދުދިންއިރު މި ފަހަރު އެ ޓީމާ ހަވާލުވި އޮސްކާ އަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ޓީމަށް އިރުޝާދުދޭނެ ނުވަ ވަނަ ކޯޗެވެ.