23 ޖޫން 2016 - 11:00

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖުލައި 26 ގައި ބާއްވާ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން، ނަވާޒް ޝަރީފަށް ދެއްވި ދައުވަތު އެ މަނިކުފާނު މިހާރު ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.
ރާއްޖެ މިނިވަން ވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖެ ވަޑައިގަންނަވަން ވެސް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ ނަވާޒް ޝަރީފެވެ. އެކަމަކު، ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ބައެއް މަރުވުމާ ގުޅިގެން އެ ދަތުރުފުޅު ކެންސަލް ކުރެއްވީ އެވެ.
މިނިވަން 50ގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ލަންކާގެ ރައީސް މަތިރިޕަލާ ސިރިސޭނާ އެވެ.
ރައީސް ޔާމީން ވެސް މިދިޔަ އަހަރު ޕާކިސްތާނަށް ވަޑައިގަތެވެ.