30 ޖޫން 2017 - 15:18

ދިމިޝްގު (ޖޫން 30) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ، އެމެރިކާގެ މަދަދު ލިބޭ ހަނގުރާމަވެރިން ވަށާލައިފި އެވެ.
ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ސީރިއާގެ އުތުރުން އޮންނަ ރަށް ހުރިހާ ދިމާއަކުން ބައްދާލުމުން އައިއެސްގެ ހަނގުރާމަވެރިން މިހާރު ތިބީ ރައްގާގައި ތާށިވެފަ އެވެ. އެމެރިކާ ކޯލީޝަނުގެ ތަރުޖަމާން ޖޯ ސްކްރޮއްކާ ވިދާޅުވީ ފުރާތު ކޯރުގެ ދެކުނުން ރައްގާ އަށް ދާން އޮންނަ ހުރިހާ މަގެއް އެސްޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ބުނެފައި ވަނީ ރައްގާގައި އައިއެސް އަށް އޮތް ހަމައެކަނި ގޮތަކީ އަމާން ދިނުން ކަމަށެވެ.
އެމެރިކާ ކޯލީޝަނުން ބުނީ ރައްގާ އަށް ދެވެން އޮންނަ ހުރިހާ ބްރިޖްތަކެއް ވެސް މިހާރު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި އައިއެސްގެ 2،500 ހަނގުރާމަވެރިން ތިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރައްގާގެ އިރުމައްޗާއި ހުޅަނގު އަދި އުތުރުން ހަމަލާދީ އެ ސިޓީ ހިފުމުގެ ހަނގުރާމަ ވަރުގަދަކޮށްފައި ވަނީ މި މަހު 6 ވަނަ ދުވަހު އެވެ. ރައްގާގެ ދެކުނުން ހަމަލާތައް ދޭން ފެށީ މި މަހު ފަހުކޮޅު އެވެ.
ސީރިއާގައި އައިއެސްގެ ބާރު ހިންގަމުން އަންނަ ރައްގާ ވަށާލި އިރު އިރާގުގެ އައިއެސް އިން ކޮންޓްރޯލް ކުރަމުން ދިޔަ މޫސަލްގެ އަލް ނޫރީ މިސްކިތް މިހާރު ވަނީ އިރާގު ސިފައިންގެ ބާރުގެ ދަށުގަ އެވެ. މީގެ ތިން އަހަރު ކުރިން އައިއެސް އިން އެ މީހުންގެ ޚިލާފަތު އިއުލާންކުރި މަޝްހޫރު މިސްކިތް ދާދި ފަހުން ވަނީ ގޮއްވާލައިފަ އެވެ.