ޒިދާންގެ ދަރިފުޅު ރެއާލް މެޑްރިޑް ދޫކޮށް އަލަވެސް އަށް
ޒިދާންގެ ދަރިފުޅު ރެއާލް މެޑްރިޑް ދޫކޮށް އަލަވެސް އަށް

މެޑްރިޑް (ޖޫން 30) – ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްޒީދާން ޒިދާންގެ ދަރިފުޅު އެންޒޯ ފެނާންޑޭޒް އެ ކްލަބް ދޫކޮށް ސްޕެނިޝް ލީގުގެ އެހެން ޓީމެއް ކަމަށްވާ ޑިޕޯޓިވޯ އަލަވެސް އަށް ބަދަލުވެއްޖެ އެވެ.

އެންޒޯ ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ނުވަ ވަނައިގައި ނިންމާލި އަލަވެސްއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މި ބަދަލުގެ ބޭނުމަކީ ކުޅުމުގެ އެކަށީގެންވާ ފުރުސަތު ހޯދުމެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން އޭނާ ދޫކޮށްލީ އެ ޓީމުން ބޭނުންވެއްޖެ ނަމަ އޭނާ އަލުން ގަތުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

ޒިދާން ޔުވެންޓަސް އަށް ކުޅުނުއިރު އުމުރުން ދެ އަހަރުގައި 1997 ވަނަ އަހަރު ޔުވެންޓަސްގެ އެކަޑަމީއާ ގުޅުނު އެންޒޯ ރެއާލް މެޑްރިޑުގެ އެކަޑަމީއާ ގުޅުނީ 2004 ގަ އެވެ. އެތަނުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ތަމްރީން ވުމަށް ފަހު ރެއާލް މެޑްރިޑުގެ ސީ ޓީމަށް އެއް އަހަރު ކުޅުމަށް ފަހު ބީ ޓީމަށް 2014 އިން 2017 އަށް ކުޅުނެވެ. ސީނިއާ ޓީމާ ގުޅުނީ މިދިޔަ އަހަރެވެ. އޭނާ ވަނީ ލިބުނު ހަމައެކަނި ފުރުސަތުގައި ސްޕެނިޝް ކަޕް މެޗެއްގައި މިދިޔަ ނޮވެމްބަރު މަހު ކަލްޗަރަލް ލެއޮނެސާ ދެކޮޅަށް ކުޅެ ގޯލް ވެސް ޖަހައިފަ އެވެ.

އެންޒޯ ވަނީ ރެއާލް މެޑްރިޑުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ހިމެނިފަ އެވެ. އޭގެ ތެރޭގައި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ހިމެނެ އެވެ. އެކަމަކު ބެންޗުން ފުރުސަތު ލިބުނީ މަދު ފަހަރަކު އެވެ.

ސްޕެއިނުގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އެންޒޯ ބެލެވޭ ގޮތުގައި ސީނިއާ ލެވެލްގައި ކުޅޭނީ ފްރާންސަށެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ފްރާންސުގެ 19 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނިފަ އެވެ.

ރެއާލް މެޑްރިޑަށް 2001 އިން 2006 އަށް ކުޅުނު ޒިދާން އަންނަނީ ކޯޗެއްގެ ގޮތުގައި ވެސް އެ ޓީމަށް ކާމިޔާބީ ހޯދައިދެމުންނެވެ. އެގޮތުން މިިދިޔަ ދެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ މި ފަހަރުގެ ސްޕެނިޝް ލީގު ވަނީ ކާމިޔާބުކޮށްދީފަ އެވެ.