ރެކޯޑް ހެދުމުން އުފާވޭ، ގްރޫޕް އެއް ވަނަ ނުލިބުމަކީ ދެރައެއް: ރޮނާލްޑޯ
ރެކޯޑް ހެދުމުން އުފާވޭ، ގްރޫޕް އެއް ވަނަ ނުލިބުމަކީ ދެރައެއް: ރޮނާލްޑޯ

ލިޔޯން، ފްރާންސް (ޖޫން 23) - ޔޫރޯގެ ހަތަރު މުބާރާތުގައި ލަނޑު ޖެހުމުގެ ރެކޯޑް ހެދުމުން އެއީ ލިބުނު އުފަލެއް ކަމަށާއި ނަމަވެސް ގްރޫޕްގެ އެއް ވަނަ ނުލިބުމަކީ ލިބުނު ދެރައެއް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޭ ހަންގޭރީ ކޮޅަށް ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ވެފައިވަނީ ޔޫރޯގެ ހަތަރު މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާ އަށެވެ. އަދި ރޭގެ މެޗަކީ ރޮނާލްޑޯ ޔޫރޯގައި ކުޅުނު 17 ވަނަ މެޗެވެ. އެއާ އެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއާ އަށެވެ. ކުރިން އެ ރެކޯޑް އޮތީ ފްރާންސްގެ ޑިފެންޑަރު ލިލިއަން ތުރާމާއި ނެދަލެންޑްސްގެ ކީޕަރު އެޑްވިން ވެން ޑަ ސާ އަތުގަ އެވެ.

"ރެކޯޑްތައް ހެދުމުން ވަރަށް އުފާވޭ. މިއީ އާދަޔާ ހިލާފު މެޗެއް. ބޭނުންވީ ގްރޫޕްގެ އެއް ވަނަ ހޯދަން. އެކަން ކާމިޔާބު ނުވުމަކީ ލިބުނު ދެރައެއް. އެކަމަކު ބޭނުންވީ ކޮންމެ ހާލެއްގައި ވެސް ދެ ވަަނަ ބުރުގެ ޖާގައެއް ހޯދަން. އެކަން ކާމިޔާބު ވެއްޖެ،" ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.

ތިން މެޗުން އެއްވަރުވެ، ޕޯޗުގަލް ދެ ވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޕޯޗުގަލް އޮތް ގްރޫޕްގެ އެއް ވަނަ ދިޔައީ ހަންގޭރީ އެވެ. ދެ ވަނަ ހޯދީ އައިސްލެންޑެވެ. އެންމެ ފުލަށް ދިޔައީ އޮސްޓްރިއާ އެވެ.

ދެ ވަނަ ބުރުގައި ޕޯޗުގަލް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. ރޮނާލްޑޯ ބުނީ އެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

"ސްޕެއިން އަކީ އެންމެ ފަހުގެ ޗެމްޕިއަން. އެ ޓީމު އަތުން އާދައިގެ ޓީމަކަށް މޮޅެއް ނުވެވޭނެ. ކްރޮއޭޝިއާ ވަނީ ސްޕެއިން އޮތް ގްރޫޕެއްގެ އެއް ވަނަ ހޯދާފައި. މި ވަރުން އެޓީމުގެ ފެންވަރު ދެނެގަންނަން ޖެހޭ. ނޮކައުޓް މެޗެއްގައި ނުކުންނައިރު ދެ ޓީމަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް. ވަކި ފަސޭހަ ނުވާނެ އެއް ޓީމަކަށް ވެސް،" ރޮނާލްޑޯ ބުންޏެވެ.