30 ޖޫން 2017 - 11:26

ލިވަޕޫލް (ޖޫން 30) – ޖަރުމަނުގެ އާރްބީ ލީޕްޒީގުގެ ގިނީ މިޑްފީލްޑަރު ނަބީ ކެއިޓާ ގަތުމަށް ލިވަޕޫލުން ބިޑްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ގިނީ ގައުމީ ޓީމަށް 25 މެޗު ކުޅެދީފައިވާ އުމުރުން 22 އަހަރުގެ ކެއިޓާ އަކީ މި ވަގުތު ޔޫރަޕުގައި ކުޅޭ އެންމެ ހުނަރުވެރި އެއް ބޮކްސް-ޓު-ބޮކްސް މިޑްފީލްޑަރެވެ. ޗެލްސީގެ އެންގޯލޯ ކާންޓޭއާ އެއް ސްޓައިލަކަށް ކުޅޭ ކެއިޓާގެ އަގު އުޅެނީ 70 މިލިއަން ޕައުންޑުގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އަށް ގޯލް ޖަހައި ހަތް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. މިއީ ސެންޓްރަލް މިޑްފީލްޑަރަކާ ބަލާއިރު ވަރަށް މަތީ އަދަދެކެވެ.
ޖަރުމަން ލީގުގެ ދެ ވަނަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ ދަނޑިވަޅެއްގައި ކެއިޓާ ވިއްކާލުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށް ލީޕްޒިގުން ދެކެ އެވެ. އެކަމަކު ބޮޑު އަގެއް ލިބިއްޖެ ނަމަ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.
ޑެއިލީ މިރާ ނޫހުން ބުނާ ގޮތުގައި ލިވަޕޫލް އޮތީ ކެއިޓާ ގަތުމުގެ މަޝްވަރާތައް ލީޕްޒިގާ އެކު ކުރަން ތައްޔާރަށެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލުން ވަނީ ރޯމާގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް 36.9 މިލިއަން ޕައުންޑަށް ގަނެފަ އެވެ. މިއީ ކްލަބުގެ ރެކޯޑެކެވެ.