30 ޖޫން 2017 - 11:03

މޮސްކޯ، ރަޝިއާ (ޖޫން 30) – އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯ އަތުން 4-1 އިން މޮޅުވެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ފައިނަލުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ފުރަތަމަ ފަހަރަށް ރޭ ޖާގަ ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޖަރުމަން ބައްދަލުކުރާނީ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ ފައިނަލުން ފުރުސަތު ހޯދި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީއާ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ އަށް މިނެޓުގެ ތެރޭގައި ޖަރުމަނުން ދެ ލަނޑު ޖެހުމާ އެ ޓީމުން މި މެޗު ފަސޭހަކަމާ އެކު ކާމިޔާބުކުރާނެކަން ޔަގީންކުރެވުނެވެ. ފުރަތަމަ ލަނޑު ހަ ވަނަ މިނެޓުގައި އަދި ދެ ވަނަ ލަނޑު އަށް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝާލްކާގެ ޒުވާން މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އެވެ.
މި ދެ ލަނޑާ އެކު މެކްސިކޯ އަށް ކުރިއަށް ޖެހެން މަޖުބޫރުވި އެވެ. އެއާ އެކު އެ ޓީމުން އެޓޭކްތަކެއް އުފެއްދި ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ހަވިއޭ ހެނާންޑޭޒް (ޗިޗަރީޓޯ) އަށެވެ.
ޖަރުމަނުގެ ތިން ވަނަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓިމޯ ވާނާ އެވެ. މެކްސިކޯގެ ފަބިއަން 89 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް އެއީ އެ ޓީމަށް އިތުރު އުއްމީދެއް ލިބުނު ގޯލަކަށް ނުވި އެވެ. ޖަރުމަނުގެ ހަތަރު ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ އަމީން ޔޫނުސެވެ.
ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ މެކްސިކޯ އިން އެ ޓީމުގެ ގޭމް ކުޅެން މަސައްކަތްކުރި ކަމަށާއި އެކަމަކު ޖަރުމަނުން ބޭނުންވީ މޮޅުވެ އަދި މެޗު ޑޮމިނޭޓްކުރަން ކަމަށެވެ.
"އަހަރެމެން އެކަން ވަރަށް ފުރިހަމަކޮށް ކުރިން. ހާއްސަކޮށް ފުރަތަމަ 15 ނުވަތަ 20 މިނެޓުގެ ތެރޭގައި. އަހަރެމެންގެ ޒުވާން ކުޅުންތެރިންނަށް އެކަމުގެ ޝުކުރު ހައްގު،" ލޯ ބުންޏެވެ.