ސެމްސަންގުން ސުޕާ އޯލެޑް ފެކްޓަރީއެއް ބިނާކުރަނީ
ސެމްސަންގުން ސުޕާ އޯލެޑް ފެކްޓަރީއެއް ބިނާކުރަނީ

ސެމްސަންގުން ޗައިނާގައި ބިނާކޮށްފައި ހުރި ޑިސްޕްލޭ ފެކްޓަރީ، އޭ3 ޕްލާންޓަށް ނުކަތާ ވަރަށް އޯލެޑް ޑިސްޕްލޭ އުފައްދަން އޯޑަރު ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކޮށްފި އެވެ. އެޕަލް އައިފޯން އޯލެޑް ޑިސްޕްލޭ އަށް ބަދަލުކޮށްފި ނަމަ އެއީ ސެމްސަންގަށް ވެސް އޮބި ނޯންނަ ވަރު ބިޔަ އޯޑަރުތަކަށް ވާނެ އެވެ. ދެމެހެއްޓިނި ގޮތުގައި އޯޑަރުތައް ބެލެހެއްޓުމަށްޓަކައި، ސައުތު ކޮރެއާގައި ބިޔަ ފެކްޓަރީއެއް ބިނާކުރުމަށް ސެމްސަންގުން މަސައްކަތް ފެށި ސަބަބަކީ މިއީ އެވެ.

ސެމްސަންގްގެ ޒާތީ ވިސްނުމަށް ބަލާއިރު ވެސް، އޯލެޑް ޑިސްޕްލޭ އަކީ އެ ކުންފުނީގެ އަމިއްލަ ޓެކްނޮލޮޖީއެއް ގޮތުގައި ދެކެވެ އެވެ. އެ މީހުންނަށް ވުރެ ގިނައިން އޯލެޑް ޑިސްޕްލޭ އެހެން ބަޔަކު އުފެއްދުމަކީ ސެމްސަންގް އިން ބޭނުންވާ ކަމެއް ވެސް ނޫނެވެ. އޯލެޑް ޑިސްޕްލޭ އުފެއްދުމަށް ސެމްސަންގުން ކުރާ އިންވެސްޓްމަންޓަށް ބެލުމުން ވެސް އެކަން ކަށަވަރުވެ އެވެ.

ސައުތު ކޮރެއާގައި ބިނާކުރާ ފެކްޓަރީ ވަނީ ދެ ފިޔަވައްސަކަށް ބަހާލާފަ އެވެ. ސެމްސަންގުން ވިސްނާ ގޮތް އެނގޭ މީހަކު ބުނި ގޮތުގައި، ފެކްޓަރީގައި ޖާގަ ތަނަވަސްކުރަން ވިސްނާފައި ވަނީ އެޕަލް އިން ދޭ އޯޑަރުތަކުގެ ނިސްބަތުންނެވެ.

ޗައިނާގައި ހުރި ފެކްޓަރީ އަށް ނުކަތާ ވަރު ވުމުގެ ކުރިން ސައުތު ކޮރެއާ ފެކްޓަރީގެ ފުރަތަމަ ފިޔަވަހި ނިންމައި މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ. އެއީ 2019 ވަނަ އަހަރާ ހިސާބުގަ އެވެ. ދެ ވަނަ ފިޔަވައި ނިންމައި މަސައްކަތްތައް ފެށުމަށް ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރު ލައިގަތުމުގެ ކުރިންނެވެ.

ތުންތުންމަތިން ދެކެވޭ ވާކަތަކަށް ބަލާއިރު އެޕަލުން ވަނީ ސެމްސަންގް އަށް ބިޔަ އޯޑަރުތަކެއް ދީފަ އެވެ. އެ ގޮތުގައި 2018 ވަނަ އަހަރު 180 މިލިއަން އޯލެޑް ޑިސްޕްލޭ އެޕަލް އަށް އުފައްދައިދޭން ޖެހެ އެވެ.