ދުނިޔެ ދުށް އެންމެ ނުރައްކާތެރި ކޮލެރޭ ވަބާ ޔަމަންގައި
ދުނިޔެ ދުށް އެންމެ ނުރައްކާތެރި ކޮލެރޭ ވަބާ ޔަމަންގައި

ޔަމަންގައި މިހާރު ފެތުރެމުން ދަނީ ދުނިޔެ މިހާތަނަށް ދުށް، ކޮލެރާގެ އެންމެ ނުރައްކާތެރި ވަބާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

މި އަހަރުގެ އެޕްރީލް މަހު ޔަމަންގައި ކޮލެރާ ފެތުރެން ފެށި ފަހުން މިހާތަނަށް 1،310 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. އަދި 200،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަން މިހާތަނަށް ވަނީ ރަސްމީ ހިސާބުތަކުން ކަށަވަރުވެފަ އެވެ. ނަމަވެސް މި އަދަދު މިއަށް ވުރެ އިތުރު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް މާގްރެޓް ޗެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިހާރު ޔަމަންގައި ކޮލެރޭ ފެތުރެމުންދާ ހަލުވިމިނުގައި ބަލި ފެތުރެމުންދާ ނަމަ، އޮގަސްޓް މަހުގެ ނިޔަލަށް 300،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ޔަމަންގެ ހުރިހާ ބޮޑެތި ސަހަރުތަކަށް ކޮލެރޭ ފެތުރިފައިވާ ކަމަށް ވެސް އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި ބަލީގައި 1،300 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ހަތަރު ބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ކޮލެރާ އާންމު ގޮތެއްގައި ފެތުރެނީ ނުސާފު ބޯފެނާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ޒަރީއާއިންނެވެ. އަދި މި ބަލި ޖެހޭތާ ކުރީކޮޅު ފަރުވާ ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮލެރާއަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް ފަރުވާ ކުރުން ފަސޭހަ ބައްޔެކެވެ. ނަމަވެސް ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މުޅި ގައުމުގެ އާންމު ނިޒާމު ގެއްލިފައި ވުމުންނާއި، ސާފު ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ، ކޮލެރާ ނައްތާލުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ތުހުމަތުކުރާ ގޮތުގައި ޔަމަންގައި ކޮލެރާ ކޮންޓްރޯލް ނުވެ ފެތުރެމުން ދަނީ ހަނގުރާމަކުރާ ޖަމާއަތްތަކާއި އެ ޖަމާއަތްތަކަށް އެހީތެރިވާ ގައުމުތަކުގެ ސަބަބުންނެވެ.

ޔަމަންގެ ސަރުކާރާ ދެކޮޅަށް ޝީއީންގެ ހޫތީ ހަނގުރާމަވެރިން މީގެ ދެ އަހަރު ކުރިން ފެށި ހަނގުރާމައިގައި ރައީސް އަބްދު ރައްބޫ މަންސޫރުގެ ވެރިކަން ވެއްޓުމާ ގާތްވެފައި ވަނިކޮށް، ސައޫދީ އަރަބިއްޔާ އިސްވެ އެކުލަވައިލި އަރަބީންގެ ގުޅިފައިވާ ލަޝްކަރުން ހޫތީންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ހަނގުރާމައިގައި ހޫތީންނަށް ވާގިވެރިވަނީ އީރާނުންނެވެ.

ޔަމަންގެ ހަނގުރާމައިގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 45،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި ގައުމުގެ 26 މިލިއަން މީހުންގެ ގާތްގަނޑަކަށް 11 ޕަސެންޓް މީހުން ވަނީ ގެދޮރު ގެއްލި ގައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލި ވެފަ އެވެ.