ގަތަރުން ދަނީ ލީބިޔާގެ ޓެރަރިސްޓުންނަށް އެހީވަމުން: މިސްރު
ގަތަރުން ދަނީ ލީބިޔާގެ ޓެރަރިސްޓުންނަށް އެހީވަމުން: މިސްރު

ލީބިޔާއާ ދެކޮޅަށް އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާ ޚިލާފަށް ގަތަރުން ދަނީ ލީބިޔާގެ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިވަމުން ކަމަށް މިސްރުން ބުނެފި އެވެ.

ގަތަރުން ދަނީ ލީބިޔާގެ ޓެރަރިސްޓުންނަށް އެހީވަމުން: މިސްރު
ގަތަރުން ދަނީ ލީބިޔާގެ ޓެރަރިސްޓުންނަށް އެހީވަމުން: މިސްރު

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިސްރުގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު ތާރިގް ވިދާޅުވި ގޮތުގައި ލީބިޔާ އަށް ދަތިކުރުމުގެ ގޮތުން އދ. އިން އަޅާފައިވާ ފިޔަވަޅުތަކާ ގަތަރުން ދަނީ ތަކުރާރުކޮށް ޚިލާފު ވަމުންނެވެ. އެހެން ކަމުން އދ.ގެ ސަލާމަތީ މަޖިލީހުން މި މައްސަލަ ބެލުމަށް އޭނާ ގޮވައިލެއްވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ގަތަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމަކުން ވެސް ދަނީ ލީބިޔާގެ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިވަމުންނެވެ.

އދ. ގައި ހުންނަވާ މިސްރުގެ ސަފީރު އުމަރު އަބުލް އަތާ ވިދާޅުވި ގޮތުގައި ލީބިޔާގެ ހަމަޖެހުން ނަގައިލާ މައިގަނޑު ސަބަބަކީ ޓެރަރިސްޓު ހަރަކާތްތަކެވެ. އަދި އެ ހަރަކާތްތަކުގެ ނޭދެވޭ އަސަރު އަވައްޓެރި ގައުމުތަކަށާއި މުޅި ސަރަހައްދަށް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބުލް އަތާ ވިދާޅުވި ގޮތުގައި ލީބިޔާގައި ޓެރަރިސްޓު ހަރަކާތްތައް މިފަހަކަށް އައި އިތުރުވާން ފެށީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވެރިޔާ އަބޫބަކުރުލް ބަޣްދާދީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ސީރިޔާ އާއި އިރާގަށް ދިއުމުގެ ބަދަލުގައި ލީބިޔާ އަށް އައިސް ހަނގުރާމައިގައި ބައިވެރިވުމަށް ގޮވައިލި ފަހުންނެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުން ފިޔަވަޅުތަކެއް އެޅުމަށް ލީބިޔާގެ މަންދޫބު ވެސް ވަނީ ސަލާމަތީ މަޖިލީހުގައި އެދިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރު، ލީބިޔާ ސަރުކާރަށް ފޯރުކޮށްދިނުމާއި، ބިދޭސީ ހަނގުރާމަވެރިން އެތެރެވުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރަހައްދީ ރޮނގު ބަލަހައްޓަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަނގުރާމަވެރިންނާއި ހަތިޔާރު ލީބިޔާ އަށް އެތެރެކުރުން މަނާކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ތަންފީޒު ކުރުމާއި، ހަތިޔާރުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ލީބިޔާ އާއި އެހެން ގައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.

މި މައްސަލައިގައި ގަތަރުގެ މަންދޫބު ސަލާމަތީ މަޖިލީހުގައި ވިދާޅުވީ އެ ގައުމުން އަބަދުވެސް މަސައްކަތް ކުރަނީ ޓެރަރިޒަމާ ދެކޮޅަށް ކަމަށެވެ. އަދި ލީބިޔާގެ ހާލަތާ ބެހޭ ގޮތުން ތަޖުރިބާކާރުން މިހާތަނަށް ތައްޔާރު ކުރި އެއްވެސް ރިޕޯޓެއްގައި، ލީބިޔާގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ހަރަކާތެއް ގަތަރުން ހިންގި ކަމަށް ނުވަތަ ސަލާމަތީ މަޖިލީހުގެ އެއްވެސް ގަރާރަކާ ގަތަރުން ޚިލާފުވި ކަމަކަށް ބުނެފައެއް ނެތެވެ.