30 ޖޫން 2017 - 07:36

ބައެއް ގައުމުތަކުގައި ކައިވެންޏާ ބެހޭ ގޮތުން ހައިރާންވާ ކަހަލަ ގަވާއިދުތައް ހަދާފައި ހުރެ އެވެ. މި ޒަމާނުގައި ވެސް އެފަދަ ގަވާއިދުތަކަށް މީހުން އަމަލުކުރާތީ ގިނަ ބަޔަކު އަޖައިބުވެ އެވެ.
ސައޫދީ އަރަބިޔާ: ސައޫދީ އަރަބިޔާގެ ފިރިހެނުންނަށް ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން މަަނަ އެވެ. އޭގެ ތެރޭގައި ޕާކިސްތާން، ބަންގްލަދޭޝް، ޗާޑް އަދި މިޔަންމާ ހިމެނެ އެވެ. ބުނެވޭ ގޮތުގައި މި ގަވާއިދު ހެދީ ސައުދީ އަށް މަސައްކަތްކުރަން ދާ ބޭރު މީހުންނާ އެ ގައުމުގެ މީހުން ކައިވެނި ކުރިޔަ ނުދިނުމަށް ޓަކަ އެވެ.
އެމެރިކާ: އެމެރިކާގެ ސިފައިންގެ ތެރޭގައި އުޅޭ ކެލިފޯނިއާ، ކޮލަރާޑޯ، ޓެކްސަސް، މޮންޓާނާގެ މީހުންނަށް "ޕްރޮކްސީ މެރިޖް" ހުއްދަ އެވެ. އޭގެ މާނައަކީ ކައިވެނި ކުރާ ދެ މީހުން ކުރެ އެކަކު ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވުމުން ފުދުމެވެ. އެތަނަށް ހާޒިރުނުވެވޭ މީހާގެ ފަރާތުން ޕްރޮކްސީއެއް ތަމްސީލު ކުރީމާ ނިމުނީ އެވެ. މޮންޓާނާގައި ކައިވެނިކުރާ ދެ މީހުން ހަފުލާގައި ނެތި ވެސް ކައިވެނީގެ ރަސްމިއްޔާތު، ބަދަލުގައި އަންހެނަކާއި ފިރިހެނަކު ހިމަނައިގެން ކުރިއަށް ގެންދެވެ އެވެ.
ފްރާންސް: މަރުވެފައި ތިބޭ މީހުންނާ ކައިވެނި ކުރެވޭ ގަވާއިދެއް ފްރާންސްގައި އޮވެ އެވެ. މި ގަވާއިދުގެ ދަށުން ކައިވެނިކުރާ ދެ މީހުން ކުރެ އެކަކު މަރުވެފައި ވިޔަސް އެމީހަކާ ކައިވެނިކުރެވޭނެ އެވެ. މި ޕްރެކްޓިސް ފެށީ އެއް ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. އެ ދުވަސްވަރު އަންހެނުން ކައިވެނީގެ ހަފުތާތަކެއް ކުރިން މަރުވެފައިވާ ސިިފައިންނާ ކައިވެނިކުރެ އެވެ. ނަމަވެސް އާއްމުންނަށް މި ގަވާއިދު ބޭނުންކުރަން ފެށީ 1950 ގެ އަަހަރު ތަކުގަ އެވެ. އެ ފަހަރު އަންހެނަކު އޭނާ އެންގޭޖްވެ ކައިވެނިކުރަން ތައްޔާރުވެފައިވާ ފިރިހެންމީހާ، ޑޭމްއެއް ހަލާކުވުމުގެ ހާދިސާގައި މަރުވި 400 ވަރަކަށް މީހުންގެ ތެރޭގައި ހިމެނުނެވެ. އެހެންކަމުން ބަދަލުގައި އެހެން މީހަކު ބަހައްޓައިގެން އޭނާއާ ކައިވެނިކުރުމުގެ ހުއްދަ އަންހެންމީހާ އަށް ދިނެވެ.
މޮނާކޯ: މޮނާކޯގައި އާއްމުކޮށް ކައިވެނި އިއުލާންކުރުން މަޖްބޫރެވެ. ނަމަވެސް ގްރީސްއާ ޚިލާފަށެވެ. ގްރީސްގައި ކައިވެނީގެ ވާހަކަ ނޫހުގައި ޖަހަން ޖެހެ އެވެ. މޮނާކޯގައި ޓައުން ހޯލްގެ ދޮރުގައި ކަރުދާސްގަނޑެއްގައި ކައިވެނީގެ ވާހަކަ ލިޔެ ތަތްކޮށްލުމުން ފުދެ އެވެ. މި އެނައުންސްމަންޓް 10 ދުވަސް ވަންދެން އެތަނުގައި ހުންނަން ޖެހެ އެވެ. މި 10 ދުވަހުގެ ތެރޭގައި ދެ އާދިއްތަ އަންނަން ޖެހެ އެވެ.
ޖަޕާން: ޖަޕާނުގައި މުސްކުޅިންނަށް އިސްކަން ދިނުމުގެ ސަގާފަތެއް ގެންގުޅެ އެވެ. އެހެންވެ ދޮށީ ބޭބެ އަށް އެންމެ ހަގު ކޮއްކޮގެ ލޯބިވެރިޔާ ކުރެން ރަސްމީކޮށް ކައިވެންޏަށް އެހިދާނެ އެވެ. އަދި އެ ދެ މީހުން ވެސް އެކަމަށް އެއްބަސް ވާން ޖެހެ އެވެ.
އިންގްލެންޑް އާއި ވޭލްސް: މި ގައުމުތަކުގެ ގާނޫނު ބުނާ ގޮތުން ކައިވެނިކުރަން ޖެހޭނީ ފުރާޅެއް ލާފައި ހުރި ތަނެއްގަ އެވެ. އޭގެ މާނައަކީ އައުޓްޑޯގައި ކައިވެނި ނުކުރެވޭނެ ކަމެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވަރަށް މަގްބޫލު ގަވާއިދެކެވެ.