އޮބާމާގެ އާއިލާ އިންޑޮނީޝިއާގައި، ސެކިއުރިޓީ އަށް 650 މީހުން
އޮބާމާގެ އާއިލާ އިންޑޮނީޝިއާގައި، ސެކިއުރިޓީ އަށް 650 މީހުން

ޖަކާޓާ (ޖޫން 29) - އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޅަ އުމުރުގައި ދިރިއުޅުއްވި އިންޑޮނީޝިއާ އަށް، އާއިލާއާ އެކު ޗުއްޓީއެއްގައި ވަޑައިގެންފި އެވެ.

އޮބާމާގެ އާއިލާ އިންޑޮނީޝިއާގައި، ސެކިއުރިޓީ އަށް 650 މީހުން
އޮބާމާގެ އާއިލާ އިންޑޮނީޝިއާގައި، ސެކިއުރިޓީ އަށް 650 މީހުން

ޕްރައިވެޓް ޖެޓެއްގައި އޮބާމާގެ އާއިލާ އިއްޔެ ޔޮގީއަކާޓާގެ އަސްކަރީ އެއާޕޯޓަކަށް ވަޑައިގަތުމާ އެކު އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ވަނީ 650 އިންޑޮނީޝިއާ ސިފައިން ހަވާލުވެފަ އެވެ. ފަސް ދުވަހުގެ ޗުއްޓީއެއްގައި އޮބާމާ ފުރަތަމަ ވަޑައިގެންނެވި ޔޮގީއަކާޓާ އަކީ ޕީއެޗްޑީ ރިސާޗް ހެއްދެވުމަށް އޮބާމާގެ މަންމާފުޅު ދުވަސްތަކެއް ހޭދަކުރެއްވި ގަދީމީ ސިޓީއެކެވެ. އޮބާމާ ވެސް ވަނީ މަންމާފުޅާ އެކު އުމުރުފުޅުން ހަ އަހަރުން ފެށިގެން ހަތަރު އަހަރު އިންޑޮނީޝީއާގައި ހޭދަކުރައްވައިފަ އެވެ.

އޮބާމާގެ މަންމާފުޅު އޭން ދުންހާމް އާއި ބައްޕާފުޅު ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ ހަވާއީ ޔުނިވާސިޓީގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު އެވެ. އޭގެ ފަހުން އޮބާމާގެ މަންމާފުޅު ވަނީ އިންޑޮނީޝިއާ މީހަކާ ކައިވެނިފުޅު ބައްލަވައިގެންފަ އެވެ. މަންމާފުޅާ އެކު އޮބާމާ ޖަކާޓާ އަށް ބަދަލުވެވަޑައިގެންނެވީ 1967 ވަނަ އަހަރު އެވެ. ހަތަރު އަހަރަށް ފަހު އޮބާމާ ވަނީ އެނބުރި ހަވާއީ އަށް ވަޑައިގެންފަ އެވެ.

އޮބާމާ އިންޑޮނީޝިއާ އަށް ވަޑައިގަތުމަށް އެ ގައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ރައީސް ވިޑޯޑޯ އާއި އޮބާމާ ހޮނިހިރު ދުވަހު ބައްދަލު ކުރައްވާނެ އެވެ. އިންޑޮނީޝީއާގައި ބޮޑު މަގްބޫލްކަމެއް ލިބިފައިވާ އޮބާމާ ވަނީ ވެރިކަމުގައި ހުންނެވި އިރު 2010 ވަނަ އަހަރު ވެސް އަނބިކަނބަލުން މިޝޭލްއާ އެކު އިންޑޮނީޝީއާ އަށް ވަޑައިގެންފަ އެވެ.