24 ޖޫން 2016 - 07:56

ހޮލީވުޑްގައި ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ މިހާރު ދަނީ ރަނގަޅު މަގާމެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސޯނަމް ކަޕޫރު ވެސް ހޮލީވުޑަށް ދާން ޝައުގުވެރިވުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ސޯނަމް މިހާރު ހުރީ ލޮސް އެންޖަލިސްގަ އެވެ. ހޮލީވުޑް ފިލްމެއްގެ އޮޑިޝަން ދޭން ކުރާ ދަތުރެއް ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް ސޯނަމްގެ ގާތް ހުރިހާ އެންމެން ވެސް ތިބީ މިކަމާ ގުޅޭ ވާހަކަތައް ސިއްރުކޮށްގެންނެވެ. ނަމަވެސް އޭނާ އޮޑިޝަން ދޭ ވާހަކަ މިހާރު ފިލްމު އިންޑަސްޓްރީގައި ވަރަށް ބާރަށް ދެކެވެމުން އެބަދެ އެވެ. ސޯނަމް އާ އެކު މި ދަތުރުގައި ބައިވެރި ވަނީ އޭނާގެ ކޮއްކޮ ރެއާ ކަޕޫރެވެ.
ރެއާ ބައިވެރިވާތީ ވެސް މިއީ ހަމައެކަނި މަޖާކޮށް ޗުއްޓީ ހޭދަކޮށްލަން ކުރާ ދަތުރެއް ނޫންކަމަށް ބެލެވޭ ކަމަށް ފިލްމު އިންޑަސްޓްރީގެ މީހުން ލަފާ ކުރެ އެވެ.