ޝްރީދޭވީގެ ހަގު ދަރިފުޅު އެއްވެސް މީހަކަށް ނޭނގި "ޑާންސް ޕްލަސް" އަށް
ޝްރީދޭވީގެ ހަގު ދަރިފުޅު އެއްވެސް މީހަކަށް ނޭނގި "ޑާންސް ޕްލަސް" އަށް

ޝްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ފިލްމު ކުޅެން ފަށާތީ ފިލްމު އިންޑަސްޓްރީގައި އަޑުކިޔާފައި އެ ވާހަކަ އެބަ ދެކެވެ އެވެ. އަދި އޭނާގެ ހަގު ދަރިފުޅު ޚުޝީ ވެސް ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ މަސައްކަތް މަޑުމަޑުން ފަށައިފި އެވެ.

ޚުޝީ ވަނީ ސްޓާ ޕްލަސް އިން ދައްކާ ކޯރިއޯގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ފަނޑިޔާރުކަން ކުރާ ޑާންސް ރިއަލިޓީ ޝޯ "ޑާންސް ޕްލަސް" ގެ އޮޑިޝަންގައި ބައިވެރިވެފަ އެވެ.

މިހާތަނަށް ޚުޝީ އަަބަދުވެސް ފެންނަނީ އޭނާގެ މަންމަ ޝްރީދޭވީ އާއި ދައްތަ ޖާންވީއާ އެކު ތަންތަނަށް ގޮސް އުޅޭ ތަނެވެ. އޭނާ މުސްތަގްބަލްގައި ކުރާނެ ކަމަކާ ބެހޭ ގޮތުން އެއްވެސް ޚަބަރެއް މިހާތަނަކަށް އިވިފައެއް ނުވެ އެވެ. އެހެންކަމުން ޑާންސް ޕްލަސްގެ ތިން ވަނަ ސީޒަނަށް އޮޑިޝަން ޚުޝީ އޮޑިޝަން ހެދިއިރު ވެސް އެއްވެސް މީހަކަށް އޭނާއަކީ ކާކުކަމެއް ނޭނގެ އެވެ.

"ޖާންވީ ހާ ގިނައިން ބޭރު ތެރެއިން ވެސް ޚުޝީ ނުފެންނާތީ އެއްވެސް މީހަކަށް އެއީ ކާކުކަމެއް ނޭނގުނު. ޚުޝީ ވެސް އެކަން ހާމައެއް ނުކުރޭ. ނަމަވެސް ޓޮޕް 35 އަށް ޚުޝީ ގޮސްގެން ރޭމޯގެ ކުރިމަތީގައި ނެށި ފަހަރު އެންމެންނަށް ކުއްލިއަކަށް އެއީ ޝްރީދޭވީގެ ދަރިފުޅުކަން އެނގުނީ،" ޝޯގެ ކަންތައްތަކުގައި އުޅޭ މީހަކު އިންޑިއަން އެކްސްޕްރެސް އަށް ކިޔައިދިނެވެ.

ޚުޝީ ބޭނުންވީ މަންމަގެ މަޝްހޫރުކަމުން ކުރިޔަށް ދިއުމުގެ ބަދަލުގައި އޭނާގެ އަމިއްލަ ހުނަރާއި މަސައްކަތުން އޮޑިޝަން ރައުންޑްތަކުން ކުރި ހޯދާށެވެ.

ޚުޝީ ފައިނަލް ރައުންޑަށް ހޮވުނުތޯ ނުވަތަ ނޫންތޯ ރޭމޯ އަދި ނުނިންމަ އެވެ.

ޚުޝީގެ ދައްތަ ޖާންވީ މިހާރު ދަނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންއާ އެކު ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަމުންނެވެ.

ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމަކީ ހޮލީވުޑްގެ ވަރަށް އަަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށްވާ "ދަ ފޯލްޓް އިން އަވާ ސްޓާޒް"ގެ ރަސްމީ ކޮޕީއެކެވެ. ފިލްމު ޑައިރެކްޓްކުރާނީ ޝަޝާންކް ޚައިތާން އެވެ. ޝަޝާންކް އަކީ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" ސީރީޒްގެ ފިލްމުތައް އުފައްދަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން އުފެއްދީ ދަރްމާ ޕްރޮޑަކްޝަންގެ "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ.