29 ޖޫން 2017 - 09:31

ޓިއުރިން (ޖޫން 29) – ޔުވެންޓަސް ދޫކޮށްލާފައިވާ ބްރެޒިލް ފުލްބެކް ޑެނީ އަލްވެސް ނެތްތަން ފޫބެއްދުމަށް ރެއާލް މެޑްރިޑުގެ ބްރެޒިލް ފުލްބެކް ޑެނީލޯ ގެނައުމަށް ޔުވެންޓަސް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން މިދިޔަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވި އަލްވެސް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ކްލަބާ އުފެދުނު ހިޔާލުތަފާތުވުމެއްގައި އޭނާ ވަނީ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ. އޭނާ ގުޅޭނެ ކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީއާ އެވެ.
ޑެނީލޯ އަކީ ރެއާލް މެޑްރިޑުން 2015 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އިން 31.5 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިއެކެވެ. އެކަމަކު ބްރެޒިލް ގައުމީ ޓީމަށް 15 މެޗު ކުޅެދީފައިވާ ޑެނީލޯ އަދި މެޑްރިޑުގައި ވިދާލާ ގޮތެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 25 އަހަރުގެ ޑެނީލޯ ގަތުމަށް ޔުވެންޓަސް އިން ހުށައަޅަނީ 15 މިލިއަން ޔޫރޯ އެވެ. އެކަމަކު އެ އަގަށް މެޑްރިޑް އެއްބަސްވާނެ ކަމަށް ނުބެލެވެ އެވެ. އަދި ފަހަރުގައި ދެ ޓީމުން 20 މިލިއަން ޔޫރޯގެ އަގަކަށް އެއްބަސްވެދާނެ ކަމަށް ބެލެވެ އެވެ.
ޔުވެންޓަސްގެ ބްރެޒިލް ފުލްބެކް އެލެކްސް ސެންޑްރޯ ޗެލްސީ އަށް ބަދަލުވާ ކަމަށް ވަނީ ބެވެލެވިފަ އެވެ. އޭނާ ވިއްކާނުލާނެ ކަމަށް ޔުވެންޓަސް އިން ބުނި ނަމަވެސް ކުޅުންތެރިއާ އެގޮތަށް އެދޭ ނަމަ ވިއްކާލަން އޮތީ ތައްޔާރަށެވެ. ބެލެވޭ ގޮތުގައި ޗެލްސީން އޭނާ 60 މިލިއަން ޔޫރޯގެ އަގަކަށް ގަންނާނެ އެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުލްބެކް ނެތްތަން ފޫބެއްދުމަށް ޔުވެންޓަސް އިން އަންނަނީ އިޓަލީގެ ދެ ޑިފެންޑަރަކަށް ފާރަލަމުން ކަމަށް ނޫސްތަކުން ބުނެ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުގެ މަޓެއޯ ޑާމައިން އާއި އޭސީ މިލާނުގެ މަޓިއާ ޑި ސިގްލިއޯ އެވެ.