ލަކަޒެޓޭ ހޯދުމުގެ ރޭހުގައި އާސެނަލަށް އަދި ކުރިއެރުމެއް ނެތް
ލަކަޒެޓޭ ހޯދުމުގެ ރޭހުގައި އާސެނަލަށް އަދި ކުރިއެރުމެއް ނެތް

ލަންޑަން (ޖޫން 29) – ލިޔޯންގެ ފްރާންސް ފޯވާޑް އަލެކްސެންޑާ ލަކަޒެޓޭ އާއި މޮނާކޯގެ ފްރާންސް ވިންގާ ތޯމަސް ލޭމާ އަށް އާސެނަލުން ކުރި ބިޑްތައް އަނބުރާ ފޮނުވާލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު ލަކަޒެޓޭ ގަތުމަށް އެއްބަސްވުމަކަށް އާދެވޭތޯ އާސެނަލާއި ލިޔޯން އިން އިތުރު މަޝްވަރާކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އުމުރުން 21 އަހަރުގެ ލޭމާ އަށް އާސެނަލުން އިތުރަށް މަސައްކަތްކުރާނެ ކަމަށް ނުބެލެވެ އެވެ. އަދި ބަދަލުގައި އެ ޓީމުން ދެން ސަމާލުކަންދޭނީ ލެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާ ރިޔާޒް މާރޭޒަށް ކަމަށް ބެލެވެ އެވެ.

އަންނަ ސީޒަނަށް އިތުރު ފޯވާޑެއް ހޯދުމަށް އާސެނަލުން މަސައްކަތް ފަށާފައިވާއިރު އެ ޓީމުގެ ފުރަތަމަ ޓާގެޓަކީ މޮނާކޯގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ އެވެ. އެހެން ނަމަވެސް އެމްބާޕޭގެ އަގުބޮޑުވުމުންނާއި އޭނާގެ ޝައުގުވެރިކަން ރެއާލް މެޑްރިޑަށް ހުރުމުން އާސެނަލުން ވަނީ އޭނާ ގެންނަން ކުރި މަސައްކަތް ހުއްޓާލައިފަ އެވެ.

ފޯވާޑާކާއި ވިންގެއް ހޯދުމަށް އާސެނަލުން މަސައްކަތްކުރާއިރު އެ ޓީމުގެ މިހާރުގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ކުރިމަގު އަދި ސާފެއް ނޫނެވެ. އޭނާ ގެންދިއުމަށް ގިނަ ކްލަބްތަކުން ޝައުވުވެރިވި ނަމަވެސް އެއްވެސް ކްލަބަކުން ރަސްމީކޮށް އަދި ބިޑްނުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ޓްރާންސްފާގެ ވާހަކަތައް ރަސްމީކޮށް ފެށޭނީ ކޮންފެޑެރޭޝަންސް ކަޕަށް ފަހު އެވެ.

ސަންޗޭޒުގެ ކޮންޓްރެކްޓް އާކުރުވަން އާސެނަލުން ބޭނުންވި ނަމަވެސް އޭނާ އެގޮތް ބޭނުން ނުވާ ނަމަ ރަނގަޅު އަގަކަށް އޭނާ ވިއްކާލާނެ އެވެ. އެކަމަކު ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް އާސެނަލުން ބުނެ އެވެ.

މި ވަގުތު އާސެނަލުގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އުމުރުން 26 އަހަރުގެ ފޯވާޑް ލަކަޒެޓޭ އެވެ. އޭނާ މި ސީޒަނަށް ފަހު ކްލަބް ބަދަލުކުރަން ނިންމާފައިވާއިރު، އޭނާގެ ފުރަތަމަ ވިސްނުމަކަށްވީ އެތުލެޓިކޯ މެޑްރިޑާ ގުޅުމެވެ. އެހެން ނަމަވެސް އެތުލެޓިކޯ އަށް މި ވަގުތު ކުޅުންތެރިއެއް ސޮއިކުރި ނަމަވެސް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ މަހުގަ އެވެ. އެއީ އެތުލެޓިކޯ އަށް ފީފާއިން ދީފައިވާ ސަސްޕެންޝަން ހަމަވުމުންނެވެ.

އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށްވުމުން ލަކަޒެޓޭގެ އަމާޒަކީ މުޅި ސީޒަނުގައި ވެސް ކުޅުމުގެ ފުރުސަތު ލިބޭ ޓީމަކާ ގުޅުމެވެ. ލިޔޯނުން ދާދި ފަހުން ބުނީ ލަކަޒެޓޭ ހޯދަން އިނގިރޭސި ކްލަބަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިދިޔަ ސީޒަނުގައި ލިޔޯނަށް 28 ލަނޑު ޖަހައިދިން ލަކަޒެޓޭ ވިއްކާލަން އެ ޓީމުން ކިޔާ އަގަކީ 50 މިލިއަން ޕައުންޑެވެ.