ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް، ބަތަލަކީ ކީޕަރު!
ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް، ބަތަލަކީ ކީޕަރު!

ކަޒާން، ރަޝިއާ (ޖޫން 29) – ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކުރި ތިން ޕެނަލްޓީއާ އެކު ޕެނަލްޓީ ޖަހައިގެން 3-0 އިން ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ފައިނަލުން ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ ރޭ ޖާގަ ހޯދައިފި އެވެ.

އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޗިލީ ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ އެވެ.

ރޭ ޗިލީ އާއި ޕޯޗުގަލް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. މުޅި މެޗު ވެސް ކޮންޓްރޯލްކޮށްގެން ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދީ ޕޯޗުގަލުންނެވެ. ހާއްސަކޮށް ދެ ވަނަ ހާފުގައި އެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު ޗިލީގެ ވަރުގަދަ ޑިފެންސިވް ކުޅުމާ އެކު ޕޯޗުގަލަށް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. ޗިލީން ވެސް ކައުންޓާ އެޓޭކުގައި ދޭތެރެ ދޭތެރެއިން ނުރައްކާކުރި އެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި ޗިލީގެ ތަރިއަކަށްވީ ބާސެލޯނާ އަށް ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ބަދަލުވި ބްރާވޯ އެވެ. އޭނާ ވަނީ ޕޯޗުގަލްގެ ރިކާޑޯ ކުއަރެސްމާ އާއި ޔޮއާއޯ މުޓީނިއޯ އަދި ލުއިސް ނާނީގެ ޕެނަލްޓީތައް މަތަކޮށްފަ އެވެ. ޗިލީގެ ތިން ޕެނަލްޓީ ވެސް އަރްޓޫރޯ ވިޑާލާއި ޗާލެސް އަރަންގުއިޒް އަދި އެލެކްސިސް ސަންޗޭޒް ކާމިޔާބުކުރި އެވެ.

ޕޯޗުގަލްގެ ކެޕްޓަން އަދި އިތުބާރާ އެކު ޕެނަލްޓީ ޖަހާ ކްރިސްޓިއާނޯ ރޮނާލްޑޯ ބެލެވޭ ގޮތުގައި ހުރީ ހަތަރު ވަނަ ނުވަތަ ފަސް ވަނަ ޕެނަލްޓީ ޖަހާށެވެ. އެކަމަކު ބްރާވޯގެ ހުށިޔާރުކަމުގެ ސަބަބުން ރޮނާލްޑޯ އަށް ފުރުސަތެއް ނުލިބުނެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ކުއަރެސްމާ، މުޓީނިއޯ އަދި ނާނީގެ އަތުން ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް އެ ތިން ކުޅުންތެރިންނަކީ ބަތަލުން ކަމަށެވެ. އޭނާ އިޝާރާތްކުރީ މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ޕޮލެންޑް އަތުން ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް މޮޅުވިއިރު އެ ތިން ކުޅުންތެރިން ވެސް ޕެނަލްޓީ ކާމިޔާބުކުރި ކުރުމަށެވެ. ގްރޫޕް ސްޓޭޖުގައި ދަށްކޮށް ދިޔަ ނަމަވެސް އެ މޮޅާ އެކު ޕޯޗުގަލުން ފޯމަކަށް އެޅި މުބާރާތުގެ ތަށި ހޯދި އެވެ.