28 ޖޫން 2017 - 23:51

ޔުނައިޓެޑް ވިކްޓަރީ އަތުން މިރޭ 3-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުން އީގަލްސް އަތުން 4-0 އިން ބަލިވި ބަލިވުމުގެ ހިތްދަތިކަން ފިލުވާލައިފި އެވެ.
ލީގުގައި މި ވަގުތު ހުރިހާ ޓީމެއް ވެސް 10 މެޗު ކުޅެފައިވާއިރު މާޒިޔާ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ތިން ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ ގްރީން ސްޓްރީޓްސް އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެ ޓީމަށް ގަދަ ހަތަރަކަށް އަރައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ.
ރަނގަޅު ފޯމެއްގައި ކުރިއަށް ދަނިކޮށް އެންމެ ފަހުން ކުޅުނު ތިން މެޗުން މާޒިޔާ ބަލިވެ ގޯސް ފައްތަރަކަށް ވެއްޓުނު ނަމަވެސް މިރޭގެ މެޗާ އެކު އެ ޓީމު ވަނީ އަލުން ޓްރެކަށް އަރައިފަ އެވެ. މާޒިޔާ މިރޭ މޮޅުވާން ބޭނުންވެފައި ތިބި މިންވަރު ސާބިތުވީ މެޗުގެ ކުރީކޮޅު ވައްދާލި ތިން ލަނޑާ އެކު އެވެ.
އެ ޓީމަށް އަށް ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ސެންޓްރަލް ޑިފެންޑަރު އަންދްރެއީ ކޮޑޯސް އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޝްހަދު އަލީ (އަޑުބަރޭ) އެވެ. އަދި 29 ވަނަ މިނެޓުގައި ކޮޑޯސް އިތުރު ލަނޑެއް ޖަހައި މާޒިޔާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
ކުރީކޮޅު ބޮޑު ލީޑެއް ނެގުމާ އެކު މާޒިޔާ އިން އިތުރު ލަނޑުތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ. އަދި ލަނޑު ޖަހަން ފުރުސަތު ވެސް ލިބުނެވެ. އެކަމަކު މެޗު ނިންމާލީ ސްކޯ ބޯޑަށް އިތުރު ބަދަލެއް ނުގެނެވި އެވެ. މި މެޗުގައި މާޒިޔާގެ ކެޕްޓަން އަދި މިހާތަނަށް މި ސީޒަނުގައި 11 ލަނޑު ޖަހާފައިވާ އަސަދުﷲ އަބްދުﷲ އަށް ވަނީ ލަނޑު ޖަހަން ހުސް ހަތަރު ފުރުސަތު ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފުގައި އޭނާ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ގޯލް މަތިން ދިޔައިރު ދެ ވަނަ ހާފުގައި، 68 ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ގޯލްކީޕަރު އާމިރޯފް ރުސްލާން މަތަކުރި އެވެ. އޭގެ ފަހުން 84 ވަނަ މިނެޓުގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) މުޅިން ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ. އަދި 87 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޖަހަޖަހާ އޮއްވާ ކީޕަރު ހޯދީ އެވެ. އަސަދުﷲ އަލުން އެ ބޯޅަ އަތުލައި ޖަހަނިކޮށް ދެ ވަނަ ފަހަރަށް ވެސް ކީޕަރު އެ ބޯޅަ ސަލާމަތްކުރި އެވެ.
މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ މިރޭ އޭނާގެ ޓީމުން ސާބިތުކޮށްދިނީ އީގަލްސް އަތުން ބަލިވުމަކީ "އެންމެ މެޗެއްގެ ކަމެއް" ކަމަށެވެ.
"ކުޅުންތެރިންނަށް އަހަރެން މަރުހަބާ ކިޔަން. އެ ކުޅުންތެރިން ސާބިތުކޮށްދިނީ ކުރީ ރޭގެ މެޗަކީ ގޯސްކޮށް ދިޔަ ހަމަ އެންމެ މެޗެއްކަން. ފުޓްބޯޅައިގައި އެހެން ވެސް ވާނެ. އެކަމަކު މިރޭ މޮޅުވިޔަސް އަހަރެމެން އަދި މާބޮޑަށް ކުރިއަށް ވިސްނައި ތާވަލާ މެދު ވިސްނާކަށް ނެތިން. ދެން ވެސް ބަލާނީ މެޗަކަށް ފަހު މެޗެއް މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރުސަތުތަކަށް ބަލާއިރު މިއީ މާޒިޔާ އަށް ހައްގު މޮޅެއް ކަމަށާއި އެ ޓީމުން ނުކުތީ ކުރީ ރޭ ބަލިވުމުން އެ ރުޅީގައި ކަމަށެވެ.
"އެ މެޗުން ބަލިވުމުގެ ރުޅީގައި މި މެޗަށް ނުކުތީ ކޮންމެހެން ވެސް މެޗު ކާމިޔާބުކުރަން. އެހެންވެ އިތުރު ހިތްވަރެއް ވެސް ލާނެ. މުޅި މެޗަށް ބަލާއިރު ވެސް މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު. އެގޮތުން މިއީ އެ ޓީމަށް ހައްގު މޮޅެއް. އެކަމަކު ހަގީގަތުގައި ވަދެފައި ހުރި ލަނޑުތަކަކީ ފަސޭހައިން ވަދެފައި ހުރި ގޯލްތަކެއް. އަހަރެމެންނަށް ވެސް ގޯސްތަކެއް ހެދުނީ. އެކަމަކު ކުޅުމަށް ބަލާއިރު މިއީ ވާދަކޮށްލެވޭނެ ޓީމެއް. އެއީ ބޯޅަ ގެންއުޅުނު ނިސްބަތަށް ބަލާއިރު ދެ ޓީމު އެއްވަރުވާނީ ނުވަތަ ޔުނައިޓެޑް ވިކްޓަރީ ތަންކޮޅެއް ގިނަ ވާނެ،" ނަޒީހު ބުންޏެވެ.
ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރެވެ. ބައްދަލުކުރާނީ އީގަލްސް އާއި ވެލެންސިއާ އެވެ. އެރޭ ކުޅޭނީ މާޒިޔާ އާއި ޓީސީ އެވެ. އަންގާރަ ދުވަހު ހަވީރު ނިއު އާއި ޔުނައިޓެޑް ވިކްޓަރީ ވާދަކުރާއިރު އެރޭ އޮންނާނީ ވިކްޓަރީ އާއި ގްރީން ސްޓްރީޓްސްގެ މެޗެވެ.