23 ޖޫން 2016 - 10:40

ޕާކިސްތާނުގެ މަޝްހޫރު ސޫފީ ލަވަކިޔުންތެރިއެއް ކަމަށްވާ އަމްޖަދު ސަބްރީ އިއްޔެ ކަރާޗީގެ މަގަކުން ކާރުގައި ދަނިކޮށް ބަޑިޖަހާ މަރާލައިފި އެވެ.
ލިއާގަތުއާބާދުގެ ވަރަށް ކާރޫބާރޫ ބޮޑު މަގަކުން ސަބްރީ ކާރުގައި ދަނިކޮށް ބަޑިހިފައިގެން ތިބި ދެ މީހުން އޭނާގެ ކާރަށް ދިން ހަމަލައިގައި ވަރަށް ބޮޑަށް ޒަޚަމްވުމުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވެ އެވެ.
ގައްވާލީ ލަވަތައް ކިޔާތީ ސަބްރީއާ މެދު ހިތްހަމަނުޖެހިގެން ހަރުކަށި ޖަމާއަތްތަކުން އުޅޭކަން އެނގިފައި ވެ އެވެ. ނަމަވެސް އޭނާ މަރާލީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސަބްރީގެ ބައްޕަ އާއި އާއިލާގެ ގިނަ މެންބަރުންނަކީ ވެސް 1970ގެ އަހަރުތަކުން ފެށިގެން ޕާކިސްތާނުގައި ސޫފީ ލަވައަށް ވަރަށް މަޝްހޫރު އާއިލާއެއްގެ ބައެކެވެ. އަދި ސަބްރީގެ ލަވަތަކަށް ލޯބިކުރާ އޭނާގެ ފޭނުންގެ އަދަދު މިލިއަނުން ގުނާލެވެ އެވެ.