29 ޖޫން 2017 - 08:21

ދަ ގާލް ވިތު ދަ ޑްރެގެން ޓެޓޫ އާއި ޖޯން ވިކް އަދި މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު މައިކަލް ނިގްވިސްޓް މަރުވެއްޖެ އެވެ.
އޭނާގެ އާއިލާ އިން ބުނީ މައިކަލް، 56، މަރުވީ ފުރަމޭގެ ކެންސަރާ ހަނގުރާ ކުރަމުން ދަނިކޮށް އަންގާރަ ދުވަހު ކަމަށެވެ.
މައިކަލްގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ "މައިކަލްއަކީ އަބަދު ވެސް އެކްޓް ކުރަން ވަރަށް ބޮޑު ޝައުގެއް ދިން މީހެއް" ކަމަށާއި "އޭނާއާ އެކު މަސައްކަތް ކުރި އެތައް ބަޔަކަށް އެކަން އެނގޭނެ" ކަމަށެވެ. އަދި އޭނާގެ ކުއްލި ވަކިވުމަކީ އާއިލާ އާއި ހޮލީވުޑަށް ލިބިގެންދާނެ ހިތާމައެއް ކަމަށް ދެކޭ ކަމަށް އާއިލާ އިން ބުންޏެވެ.
އުމުރުން އެންމެ 17 އަހަރުގައި އެކްޓިންގެ ތެރެއަށް ވަން، ސްވެޑްން އަށް އުފަން މައިކަލް ވަނީ ވަރަށް ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.
އޭގެ ތެރޭގައި ޑޭ އެންޑް ނައިޓް (2004)، އެބްޑަކްޝަން (2011) އަދި ޒީރޯ އަވާ (2013) ހިމެނެ އެވެ.
މައިކަލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ހަންޓާ ކިލާ" އާއި "ރޭޑްގަން" ގެ އިތުރުން "ކާސްކް" ހިމެނެ އެވެ.