29 ޖޫން 2017 - 08:17

ފައިސާ އާއި މުދަލުން އުފާވެރިކަން ގަނެވޭނެ ނަމަ އިންދިރާނީ މުކަރުޖީގެ ދިރިއުޅުން އުފާވެރި ވީހެވެ. އެއް އިރެއްގައި އޭނާއަކީ މުއްސަނދި ފިރިއަކާއި ބޭނުން ވަރަކަށް ފައިސާ ލިބުނު މަޝްހޫރު މީހެކެވެ. ނަމަވެސް 2012 ގައި އޭނާގެ ނަސީބު މުޅިން ބަދަލުވީ އަަމިއްލަ އެދުމައިގެން ފޯވެގެން އަމިއްލަ ދަރިފުޅު މަރާލި ހިސާބުންނެވެ. ޝީނާ ބޯރާ މަރާލި ހާދިސާގައި އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވެނީ އިންދިރާނީ އަށެވެ. އޭނާގެ ޑްރައިވަރު ވަނީ ޝީނާ މަރާލީ އިންދިރާނީ ކަމަށް ހެކިބަސް ދީފަ އެވެ.

މި ހާދިސާގެ ކުރިން އިންދިރާނީ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި އަރަމުން ދިޔަ ކުޅަދާނަ ވިޔަފާރިވެރިއެކެވެ. އޭނާގެ ފިރިމީހާ ޕީޓާ މުކަރުޖީ އަކީ އޭރު ސްޓާ ނެޓްވާކްގެ އެންމެ އިސް ވެރިޔާއަށް ވުމުން އެ ރޮނގުން ކުރިޔަށް ދާނެ ވަރަށް ރަނގަޅު ފުރުސަތުތައް އިންދިރާނީ އަށް އޮތީ ހުޅުވިފަ އެވެ.
ޝީނާ މަރާލުމަށް ފަހު ވެސް އެކަމާ ދެރަވެގެން އިންދިރާނީ އުޅޭތަނެއް ނުފެނުނެވެ. ޖަލުގައި ވެސް އޭނާ ދަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެހެން ގައިދީންނާ ގުޅިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މުމްބައިގެ ބައިކުލާ ޖަލުގައި އިންދިރާނީ އާއި އޭނާގެ އެކުވެރި ގައިދީންތަކެއް މިދިޔަ ހަފުތާގައި ހަމަނުޖެހުން ހިންގި އެވެ. ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން މަރުވި ކަމަށް ބެލެވޭ މަންޖޫ ޝެޓީ ނަމަކަށް ކިޔާ މީހަކަށް އަނިޔާކުރި ކަމަށް ބެލެވޭ ޖަލުގެ މުވައްޒަފުންތަކަކާ އިންދިރާނީގެ ގްރޫޕުން ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދިނީ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކުރާ 200 ގައިދީންގެ ތެރޭގައި އިންދިރާނީ ހިމެނެ އެވެ.
ޝީނާގެ މަރަކީ މި ފަހަކަށް އައިސް އިންޑިޔާގައި އެންމެ އަސަރުކުރުވި އެއް ހާދިސާ އެވެ.
ޝީނާގެ މަރާލުމާއި އެކަމާ ގުޅޭ ހެކިތައް ނައްތާލުމުގެ ކުށުގައި އިންދިރާނީ ހައްޔަރުކުރީ 2015 ގަ އެވެ. އޭރު އޭނާއަކީ އައިއެންއެކްސް މީޑިއާގެ ސީއީއޯ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އިންދިރާނީ އާއި އޭނާގެ ކުރީގެ ފިރިއެއް ކަމަށްވާ ސަންޖީވް ކަންނާ އާއި ޑްރައިވަރު ޝާމްވަރް ރާއީ ވަނީ އޭޕްރީލް 24، 2012 ގައި ޝީނާ މަރާލުމަށް ފަހު ހަށިގަނޑު އަންދާލާފަ އެވެ. ނާނދާ ހުރި ބައިތައް ޖަންގައްޔެއްގެ ތެރޭގައި ވަޅުލީ އެވެ.
މި މައްސަލަ ދެ ތިން އަހަރެއް ވަންދެން އޮތީ ސިއްރުވެފަ އެވެ. ފަޅާއަރަން މެދުވެރިވީ ގާނޫނާ ހިލާފަށް ހަތިޔާރު ގެންގުޅެގެން ޑްރައިވަރު ރާއީ ހައްޔަރުކޮށްގެން ސުވާލުކުރުމުގެ ތެރޭގަ އެވެ. އޭނާ ވަނީ ޝީނާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފަ އެވެ.
ޝީނާ އަކީ އިންދިރާނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންގެ ތެރެއިން އެއް ދަރި އެވެ. ދެ ވަނަ ދަރިފުޅު މީކާއިލް މަރާލަން ވެސް އޭނާ މަސައްކަތްކުރިކަމަށް މީކާއިލް ބުނެފައިވެ އެވެ.
ޝީނާ މަރާލަން އިންދިރާނީ ނިންމީ އޭނާގެ ދޮންދަރި އަދި ފިރިމީހާ ޕީޓާގެ ފިރިހެން ދަރިފުޅާއި ޝީނާއާ ދެމެދު އޮތް ލޯބީގެ ގުޅުމާ ނުރުހިގެންނެވެ. އިންދިރާނީގެ ގޭގައި ޝީނާ އުޅުނީ ކޮއްކޮއަކަށް ވެގެންނެވެ. ޕީޓާ އާއި އޭނާގެ ދަރިފުޅަށް ވެސް ޝީނާ އަކީ އިންދިރާނީގެ ދަރިއެއް ކަމެއް ނޭނގެ އެވެ.
އިންދިރާނީ އާއި މީކާއިލް ކުޑައިރު އިންދިރާނީގެ މައިންބަފައިންނާ ހަވާލުކޮށް އޭނާގެ ދިރިއުޅުން ބަދަލުކުރީ މާ ދުރު ސަހަރެއް ކަމަށްވާ ކަލްކަތާ އަށެވެ. ފަހުން ބޮމްބޭއަށް ބަދަލުވެ ދިރިއުޅެން ފެށީ އެވެ. އަދި ޝީނާ ބޮޑުވެ، މަންމައަކީ އިންދިރާނީކަން އެނގުމުން ބޮމްބޭއަށް ބަދަލުވެ، އެގޭގައި އުޅެން ފެށީ އެވެ. އެކަމަކު އެންމެން ގާތު އިންދިރާނީ ބުނީ އެއީ އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ކަމަށެވެ.
ޝީނާގެ މަރުގެ މައްސަލައިގައި އިންދިރާނީގެ ފިރިމީހާ ޕީޓާ ވެސް ހުރީ ޖަލުގަ އެވެ. ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.