ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި
ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި

ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން އިއްޔެ ހަމަލާތަކެއް ދީފި އެވެ. ރައީސް ނިކޮލަސް މަދޫރޯ އެކަން ސިފަކުރެއްވީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.

ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި
ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަނީ ޕޮލިސް ހެލިކޮޕްޓަރެއް ސުޕްރީމް ކޯޓު މަތީގައި ދުއްވާ ތަނެވެ. ދެން ހަމަލާތަކެއް ދޭ ތަނާއި، ބާރުގަދަ ގޮވުމެއްގެ އަޑު ވެސް އިވެ އެވެ.

ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި
ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި

އެ ހެލިކޮޕްޓަރު ދުއްވީ އޭތި ވަގަށް ނެގި ޕޮލިސް އޮފިސަރެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި މިހާރު އޮތީ "ކުށުގެ ސަރުކާރެއް" ކަމަށެވެ. އެ ޕޮލިސް އޮފިސަރު ވީ ތަނެއް އަދި ނޭނގެ އެވެ.

ކުރިން ތެލުގެ މުއްސަނދިކަމުގައި ފުދުންތެރި ދިރިއުޅުމެއް އޮތް ވެނެޒުއޭލާގެ އިގުތިސާދު ފުނޑުފުނޑުވެ، ސިޔާސީ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ދުވަހަކުހެން ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. މި ހާލަތުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ހުންނަނީ ރައީސްގެ ބާރުތައް ގަދަވާ ގޮތަށް ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރައީސް މަދޫރޯ ވިދާޅުވީ ސުޕްރީމް ކޯޓުގެ އިތުރުން ޖަސްޓިސް އާއި ހޯމް މިނިސްޓްރީގެ މަތިން ވެސް ހެލިކޮޕްޓަރު އުދުހުނު ކަމަށެވެ.

ބައެއް އޮފިޝަލުން ބުނި ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ހަބަރު ފެތުރި ގޮތުގައި ސުޕްރީމް ކޯޓަށް ހަތަރު ގްރެނޭޑް ވައްޓާލި އެވެ. އަދި ހޯމް މިނިސްޓްރީ އަށް އަމާޒުކޮށް 15 ވަޒަން ފޮނުވާލި ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު މަދޫރޯ ވިދާޅުވީ އެ ވަގުތު ސުޕްރީމް ކޯޓުގައި އިޖުތިމާއީ ހަފުލާއެއް ކުރިއަށް ދިޔަ ކަމަށާއި މިއީ "އެތައް ބަޔަކު މަރުވެދާނެ" ފަދަ ހަމަލާތަކެއް ކަމަށެވެ.

ވައްޓާލި އެއް ގެރެނޭޑް ނުގޮވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަހަރެމެންގެ ހަތިޔާރު އެޅި ހުރިހާ ބާރުތަކެއް ސުލްހަ ގާއިމްކުރަން މިހާރު ވާނީ ނެރެފައި،" މަދޫރޯ ވިދާޅުވި އެވެ.

"މި ހަމަލާ ދިން މީހުންނާއި ހެލިކޮޕްޓަރު ވެސް ހޯދައި ހިފާނަން."

އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯ ބަޔާނެއްގައި އެ ޕޮލިސް އޮފިސަރު އޭނާ އަކީ ކާކުކަން އަންގަމުން ބުނީ ނަމަކީ އޮސްކާ ޕެރޭޒް ކަމަށެވެ.

އަސްކަރީ ހެދުމުގައި، މޫނު ނިވާކޮށް އަދި ހަތިޔާރާ އެކު ތިބި ބަޔަކު ވެސް ވީޑިއޯ އިން ފެނެ އެވެ. ވެނެޒުއޭލާގެ ރައްޔިތުންނަށް އޭނާ ގޮވާލީ "އަނިޔާވެރި ވެރިކަމާ" ދެކޮޅުވުމަށެވެ.

"އަހަރެމެންނަކީ ކުށަށް އަރައިގެންފައިވާ ސަރުކާރާ ދެކޮޅަށް ނުކުމެފައިވާ ސިފައިންނާއި ފުލުހުންނާއި އަދި އާންމު ރައްޔިތުންގެ ތެރެއިން ގުޅިފައިވާ ބައެއް،" ޕެރޭޒް ބުންޏެވެ.

"ސިޔާސީ އެއްވެސް ފިކުރަކަށް ނުވަތަ ޕާޓީއަކާ އަހަރެމެން ނުގުޅެން. އަހަރެމެންނަކީ ގައުމު ދެކެ ލޯބިވާ، ގައުމަށްޓަކައި މަސައްކަތްކުރާ ބައެއް."

އޭނާ ބުނި ގޮތުގައި އެއްވެސް ހަމަލާއެއް ދެނީ ސަލާމަތީ ބާރުތަކާ ދެކޮޅަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ސަރުކާރާއި އަނިޔާވެރިކަމާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ.

ރައީސް މަދޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަނީ އާ އިންތިހާބެއް ބޭއްވުމަށް ގޮވާލަ އެވެ. ދައުރެއްގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ބޭނުންވާ ވަރަށް އާންމުންގެ ސޮއި ހޯދާފައި ވިޔަސް ސަރުކާރުން އެކަން ގަބޫލެއް ނުކުރެ އެވެ.

އެޕްރީލް 1 އިން ފެށިގެން ކުރިއަށް ދާ މުޒާހަރާތަކުގައި މިހާތަނަށް 70 މީހުން ވަނީ މަރުވެފަ އެވެ.

މަދޫރޯ ތުހުމަތުކުރާ ގޮތުގައި އެތެރޭގެ ހަމަނުޖެހުން ބޮޑުކުރަނީ އެމެރިކާ އެވެ. އަދި އޭނާއާ ދެކޮޅަށް ބަގާވާތެއް ގެންނަން އެމެރިކާ އިން މަސައްކަތްކުރާ ކަމަށް ވެސް ކުރިން ތުހުމަތުކުރި އެވެ. ނަމަވެސް އިއްޔެގެ ހަމަލާއަކީ ބަގާވާތެއް ކަމަކަށް މަދޫރޯ ވިދާޅެއް ނުވެ އެވެ.