ދަރިފުޅަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ނެތުމުން ކައްވަޅު ކޮނެފި
ދަރިފުޅަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ނެތުމުން ކައްވަޅު ކޮނެފި

ބަލި ދަރިފުޅަށް ފަރުވާކުރާނެ ފައިސާ ނެތިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޗައިނާގެ ބައްޕަޔަކު ތައްޔާރުވާން ފެށީ ދަރިފުޅު މަރުވުމުން ވަޅުލާނެ ގޮތަށެވެ. އޭނާގެ މިހާރުގެ އާދައަކީ ކައްވަޅު ކޮނެ އެތަނުގައި ދަރިފުޅު ގޮވައިގެން ކުޅެން އިނުމެވެ.

ޗައިނާގެ އުމުރުން އެންމެ ދެ އަހަރުގެ ޒަންގް ޒިން ލީ އަކީ ތެލެސީމިއާ ކުއްޖެއްކަން އެނގުނީ އުމުރުން ދެ މަހުގަ އެވެ. ލީގެ އާއިލާއިން އޭނާގެ ފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޚަރަދުކޮށްފަ އެވެ. ނަމަވެސް މިހާރު އަތްމަތި މުޅިން ހުސްވެ ފައިސާ ލިބޭނެ ގޮތެއް ނެތެވެ. ގަވާއިދުން ލޭ އަޅައި އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ދަރިފުޅުގެ ގުނަވަންތައް ފެއިލްވެ މާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަން މައިންބަފައިންނަށް ޔަގީންވެ އެވެ. އެހެންވެ ދަރިފުޅަށް ކޮށްދެވޭނެ އިތުރު އެއްވެސް ކަމެއް ނެތްކަން ޔަގީންވުމުން ލީގެ ބައްޕަ ޒަންގް ލިޔޮންގްގެ ހިތް ވަނީ ހަލާކުވެފަ އެވެ. އަދި ދަރިފުޅު މަރުވާން މާ ގިނަ ދުވަހެއް ނެތް ކަމަށް ނިންމައި ވަޅުލުމުގެ ތައްޔާރީތައް އޭނާ ފެށީ އެވެ.

ޒަންގް ބުނީ އޭނާގެ ސިކުނޑިއަކަށް އެ ނޫން އެހެން އެއްވެސް ޚިޔާލެއް ނައި ކަމަށެވެ. އެހެންވެ ދަރިފުޅު ވަޅުލާނެ ވަޅުގަނޑެއް ކޮނެގެން އޭނާ ގޮވައިގެން ގޮސް އޭގެ ތެރޭގައި ބައިންދައިގެން ކުޅެ ހަދަނީ އެވެ.

ބައްޕަ ބުނި ގޮތުގައި އެއީ ދަރިފުޅު ކައްވަޅެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް އޭނާ ގޮވައިގެން ގޮސް އެތަނުގައި ވަގުތު ހޭދަކުރުން ނޫން އެހެން ކަމެއް ކުރާކަށް ނުވިސްނަ އެވެ.

ޗައިނާގައި އާދައިގެ މީހުންނަށް ރަނގަޅު ބޭސްފަރުވާ ހޯދުމަކީ އުނދަގޫ އަދި ލިބޭ އާމްދަނީ އަށް ވުރެ އަގުބޮޑު ކަމެކެވެ.

ޒަންގް އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން ވަޅުގަނޑު ތެރޭގައި އޮށޯވެލައިގެން އޮންނައިރު އޭނާގެ އަންހެނުން ވެސް ކައިރީގައި އިނދެ އެވެ. ދެވަނަ ކުއްޖާ އަށް ބަލިވެއިނުމުން އޭނާ އަށް އެ ވަޅުގަނޑަށް އެރި އޮށޯވެ އޮންނަން އުނދަގޫކަމުންނެވެ.

ދަރިފުޅުގެ ފަރުވާއަށްޓަކައި އާއިލާއިން ވަނީ ރައްޓެހިން އަތުން ދަރަންޏަށް ގިނަ އަދަދަކަށް ފައިސާ ނަގާފަ އެވެ. ނަމަވެސް މިހާރު އެގޮތަށް ފައިސާ ދޭނެ މީހަކު ވެސް ނެތެވެ.

ލީގެ މައިންބަފައިން ބުނީ ދަރިފުޅަށް ބޭސް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.