ޗައިނާގައި މަގުތައް ބެލެހެއްޓުން ވަރަށް ސުމާޓް ވެއްޖެ
ޗައިނާގައި މަގުތައް ބެލެހެއްޓުން ވަރަށް ސުމާޓް ވެއްޖެ

ރަތް ބޮކި ދިއްލިފައި ހުންނައިރު މަގު ހުރަސްކުރާ މީހުން އަތުލަން ޗައިނާގައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ބޭނުންހިފަން ފަށައިފި އެވެ.

ޗައިނާގައި މަގުތައް ބެލެހެއްޓުން ވަރަށް ސުމާޓް ވެއްޖެ
ޗައިނާގައި މަގުތައް ބެލެހެއްޓުން ވަރަށް ސުމާޓް ވެއްޖެ

ޗައިނާގެ ރަސްމީ އިދާރާތަކުން ބުނަނީ ގޮތް ހުސްވެފައި އޮތް މައްސަލައަކަށް އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކާ އަޑު އިވެނީ ސްމާޓްފޯން ކަހަލަ އާލާތަކާ ގުޅުވައިގެންނެވެ. ސްމާޓް އާލާތްތައް ހުޅުވަން ނުވަތަ އޮންލައިންކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާ ގުޅުވައިގެންނެވެ. ނަމަވެސް އެ ނޫން ބޭނުންތަކުގައި ފަސޭހަކުރުމަށް ވެސް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ބޭނުންހިފެ އެވެ. ފާޚާނާތަކުން ޓޮއިލެޓް ކަރުދާސް ވަގަށް ގެންދާ މީހުން ހޯދާށާއި މަޝްހޫރު ރެސްޓޯރަންޓްތަކުގައި އޯޑަރު ރައްދުކުރުމަށް ވެސް އެ ޓެކްނޮލޮޖީ ބޭނުންކުރެ އެވެ.

މަގު ހުރަސްކުރަން ހުންނަ ކަފި ހުރަސްތަކާ ދިމާގައި، ކެމެރާ އަދި ސެންސަރުތައް ހަރުކޮށްގެން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރަން ފެށީ ޗައިނާގެ ޖިނާން ޕްރޮވިންސްގަ އެވެ. ނުގަވައިދުން މީހަކު މަގު ހުރަސްކުރަން އުޅެފި ނަމަ އޭނާގެ ފޮޓޯ އާއި ވީޑިއޯކޮޅެއް ރެކޯޑްކުރުމަށް ފަހު ކޮންޓްރޯލް ސެންޓަރަށް ފޮނުވަ އެވެ. އެ ހިސާބުން އެ މައްސަލަ ޕޮލިސް ރެކޯޑްތަކާ އަޅާކިޔެ އެވެ. އަދި އެ މީހެއްގެ ފޮޓޯ އާއި މަގު ހުރަސްކުރާ ވީޑިއޯ، އިމާރާތްތަކުގެ ބޭރު ފާރުގައި ހުންނަ ބޮޑެތި އިސްތިހާރު ސްކްރީންތަކުން ދައްކަން ފަށަ އެވެ.

ގަވާއިދާ ހިލާފަށް ހުރަސްކުރާ މީހާ ޓްރެފިކް ޕޮލިހުންގެ އަތުޖެހުމުން، ކުށުން ބަރީއަވުމަށް، ތިން ގޮތެއް ހުށަހަޅަ އެވެ. އެއް ގޮތަކީ ތިން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމެވެ. އަނެއް ގޮތަކީ ބައި ގަޑިއިރު ވަންދެން ޓްރެފިކް ގަވާއިދު ދަސްކުރުމެވެ. ތިން ވަނަ ގޮތަކީ ޓްރެފިކް ޕޮލިހަކާ އެކު 20 މިނެޓް ވަންދެން މަގުތައް ބެލެހެއްޓުމުގައި މަސައްކަތްކުރުމެވެ.

މަގުތައް ބަލަހައްޓަން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ބޭނުންހިފަން ފެށުމުން، ނުގަވައިދުން މަގު ހުރަސްކުރާ މީހުން ވަރަށް މަދުވެއްޖެ ކަމަށް ޖިނާންގެ ޓްރެފިކް ފުލުހުން ބުނެ އެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުގެ ކުރިން ދުވާލަކު 200 ކޭސް ރެކޯޑްކުރެވެ އެވެ. މިހާރު އެ ނިސްބަތް ވަނީ ދުވާލަކު 20 އަށް ތިރިވެފަ އެވެ.