"ބަހޫބަލީ"ގެ ޑައިރެކްޓަރު ދެކެ ޝްރީދޭވީ ރުޅިއަތުވެއްޖެ
"ބަހޫބަލީ"ގެ ޑައިރެކްޓަރު ދެކެ ޝްރީދޭވީ ރުޅިއަތުވެއްޖެ

"ބަހޫބަލީ"ގެ ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ ދެކެ ޝްރީދޭވީ ހިތްހަމަނުޖެހިއްޖެ އެވެ. ސަބަބަކީ ރާޖާމޯލީ ދިން އިންޓަވިއުއެއްގައި "ބަހޫބަލީ" ނުކުޅެން ޝްރީދޭވީ ނިންމުމުގެ ކުރިން ވަރުގަދަ ޒުވާބެއް އޭނާއާ ކުރި ކަމަށް ބުނުމުންނެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ޝްރީދޭވީ ބުނީ ރާޖާމޯލީ ކަހަލަ މަޑުމައިތިރި ގަދަރުވެރި މީހަކު އޭނާއާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދެއްކީތީ ހައިރާންވާ ކަމަށެވެ. ރާޖާމޯލީ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބުނީތީ ވެސް އުފާކުރާ ކަމަށާއި ނަމަވެސް ރާޖާމޯލީ ވާހަކަ ދެއްކި ގޮތުން ވަރަށް ދެރަވާ ކަމަށެވެ.

އިންޑިޔާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ސިލްސިލާ "ބަހޫބަލީ"ގެ އެންމެ މުހިއްމު އެއް ބަތަލާގެ ރޯލު ފުރަތަމަ ކުޅެން ހުށަހެޅީ ޝްރީދޭވީ އަށެވެ. ނަމަވެސް އޭނާ ކީ އަގު ބޮޑުކަމުން ޕްރޮޑިއުސަރުން ހިތްހަމަނުޖެހިގެން އޭނާ އަށް ފިލްމު ނުދިނީ އެވެ. އެ ފިލްމުގެ ރާމްޔާ ކްރިޝްނަން ކުޅެފައިވަނީ ޝްރީދޭވީ ކުޅެން ހަމަޖެހިފައި އޮތް ރޯލެވެ. އެ ފިލްމު ދޫކޮށްލުމަށްފަހު ޝްރީދޭވީ ކުޅުނީ ވިޖޭގެ "ޕުލީ" އެވެ.

މި ވާހަކަތަކުގެ ދިފާއުގައި ޝްރީދޭވީ ބުނީ އޭނާ އެގޮތަށް ކަންތައް ކުރާނަމަ މީހުން އޭނާ އަށް ކުޅޭނެ ފިލްމެއް ނުދިނީސް ކަމަށެވެ. ފަހަރެއްގައި ޕްރޮޑިއުސަރުން ދޮގު ހަދައިގެން ރާޖާމޯލީ ކައިރީގައި އޭނާގެ ވާހަކަ ދެއްކީ ކަމަށް ވެދާނެ ކަމަށް ވެސް ޝްރީދޭވީ ބުންޏެވެ. އެހެންވިޔަސް އެއްވެސް ހާލެއްގައި އެގޮތަށް އޭނާ އާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޝްރީދޭވީ ބުންޏެވެ.

ޝްރީދޭވީ އެންމެ ފަހުން ކުޅެފައިވާ "މަމް" އަންނަ ޖުލައި 7 ގައި ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.