ސައުލްގެ ހެޓްރިކުން ސްޕެއިން ފައިނަލަށް
ސައުލްގެ ހެޓްރިކުން ސްޕެއިން ފައިނަލަށް

ކްރަކޯ، ޕޮލެންޑް (ޖޫން 28) – ސައުލް ނިގުއޭޒްގެ ހެޓްރިކާ އެކު އިޓަލީ 3-1 އިން ބަލިކޮށް ޔޫރަޕުގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ރޭ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސްޕެއިން ބައްދަލުކުރާނީ ރޭ އިންގްލެންޑް އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވި ޖަރުމަނާ އެވެ.

ރޭ ސްޕެއިނާއި އިޓަލީ ކުޅުނު ސެމީ ފައިނަލް މެޗުގައި ސްޕެއިނަށް ސައުލް ލީޑު ނަގައިދިނީ 53 ވަނަ މިނެޓުގަ އެވެ. އިޓަލީ އަށް މައްސަލަތަކެއް ދިމާވީ 58 ވަނަ މިނެޓުގައި ރޮބާޓޯ ގަގްލިއަޑިނީ އަށް ރަތްކާޑު ދެއްކުމުންނެވެ. އެކަމަކު 62 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑުގެ ޓާގެޓް ފެޑެރިކޯ ބާނަޑެސްކީ ވަނީ އިޓަލީ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން އެތުލެޓިކޯގެ ސައުލް ވަނީ ސްޕެއިނަށް އަލުން ލީޑު ނަގައިދީފަ އެވެ. ބާސެލޯނާ އިން ޝައުގުވެރިވާ އުއްމީދީ ފޯވާޑް ސައުލް ހެޓްރިކް ފުރިހަމަކުރީ 74 ވަނަ މިނެޓުގަ އެވެ.

ރޭގެ މެޗުގައި ދެ ޓީމަށް ވެސް ޔޫރަޕުގެ މަތީ ފަންތީގައި ކުޅޭ ގިނަ ކުޅުންތެރިން ކުޅުނެވެ. ސްޕެއިން ޓީމަށް ބަލާއިރު ބާސެލޯނާ އަށް ކުރިން ކުޅުނު ޖެރާޑް ޑެއުލޮފެއޫ އާއި އާސެނަލްގެ ހެކްޓާ ބެލެރިން އާއި ރެއާލް މެޑްރިޑުގެ މާކޯ އަސެންސިއޯ ކުޅުނެވެ. އިޓަލީގައި ޔުވެންޓަސްގެ އުއްމީދީ ޑިފެންޑަރު ޑެނިއަލް ރުގާނީ އާއި އޭސީ މިލާނުގެ ޖިއަންލުއިޖީ ޑޮއްނަރުއްމާ އާއި މެނުއަލް ލޮކަޓެއްލީ އަދި ސަސުއޮލޯގެ ލޮރެންޒޯ ޕެލެގްރިނީ ކުޅުނެވެ. މިއީ މި މުބާރާތަށް ބެލިޔަސް މަތީ ފަންތީގެ އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިން ފެނިގެންދިޔަ މެޗެވެ.

އިންގްލެންޑާއި ޖަރުމަން ކުޅުނު މެޗުގެ 35 ވަނަ މިނެޓުގައި ޑޭވިޑް ސެލްކޭ ވަނީ ޖަރުމަނަށް ކުރި ހޯދައިދީފަ އެވެ. އިންގްލެންޑަށް 41 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޑެމަރައި ގްރޭ އެވެ. އަދި ޓަމަރެއިބީ އަބްރަހަމް އެ ޓީމަށް ކުރި ހޯދައިދިނެވެ. ޖަރުމަނަށް 70 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ފެލިކްސް ޕްލާޓޭ އެވެ. ޕެނަލްޓީގައި ޖަރުމަނުގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު އިންގްލެންޑުގެ ފަސް ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ތިން ޕެނަލްޓީ އެވެ.