28 ޖޫން 2017 - 07:32

މެޑްރިޑް (ޖޫން 28) – ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ރުޅި އައިސްފައި ކަމަށާއި އެކަމަކު އޭނާ ރެއާލް މެޑްރިޑުގައި މަޑުކުރާނެ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ރޮނާލްޑޯ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން ވަނީ އޭނާ އަށް ދައުވާކުރަން ހުށަހަޅައިފަ އެވެ. ރޮނާލްޑޯގެ ފަރާތުން އެ ތުހުމަތުތަށް ދޮގުކޮށްފައިވާއިރު އެއްވެސް މީހަކު އޭނާ ހިމާޔަތްނުކުރާ ކަމަށް އޭނާ ސްޕެއިން ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޮނާލްޑޯ ގެންދަން ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސުގެ ޕީއެސްޖީން ޝައުގުވެރިވާ ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު ޕެރޭޒް ވިދާޅުވީ އެގޮތަށް ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް އޭނާ ކަންބޮޑުނުވާ ކަމަށެވެ.
"ކްރިސްޓިއާނާގެ ކޮންޓްރެކްޓެއް އެބައޮތް ރެއާލް މެޑްރިޑާ އެކު ހަދާފައި. އަހަރެމެންނަށް އެނގޭ ކަމަކީ އޭނާ ކުޅުންތެރިއެއް ގާތު ބުނިކަން ވަރަށް ހިތްހަމަނުޖެހިފައި ހުރި ވާހަކަ. ދެން އެ ވާހަކަ އަބޯލާ ނޫހުގައި ޖެހީ. އަހަރެން އަދި އޭނާއާ ވާހަކައެއް ނުދައްކަން. މީޑިއާ އިން ކިތަންމެއް ސަމާލުކަމެއް ދިނަސް އަހަރެންގެ މާބޮޑު ސަމާލުކަމެއް ނެތް މި މައްސަލައަށް. ކުރަން ޖެހޭހާ ވެސް ކަމަކީ ކޮންފެޑެރޭޝަންސް ކަޕް ނިމެންދެއް މަޑުކުރަންވީ އޭނާއާ ވާހަކަދައްކަން،" ޕެރޭޒް ވިދާޅުވި އެވެ.
ޕެރޭޒް ވިދާޅުވީ ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑުގެ ކުޅުންތެރިއަކަށްވީތީ އުފާކުރާ ކަމަށާއި އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިކަމުގައި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެޒްއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޕެރޭޒް ވިދާޅުވި އެވެ.
ރޮނާލްޑޯ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް 2009 ވަނަ އަހަރު މެޑްރިޑާ ގުޅި އެ ޓީމަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދީ ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.