28 ޖޫން 2017 - 08:16

ވަރަށް އުފާވެރި ރެޔަކަށް އިރު އޮއްސުނެވެ. ނާޒިމާގެ އިންތިޒާރު ނިމުމަކަށް އައެވެ. އެހެންނަމަވެސް ނާޒިމާގެ ހިތުގެ ވިންދު ހުރީ އަވަސްވެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިޔަށް އޮތީ ހައުލާ އޯލެވެލް އިމްތިހާނުގައި އިށީންނަ ދުވަހެވެ. ހައުލާއަކީ ހަގު ދަރިފުޅެވެ. މަންމައެއްގެ ފަރާތުން ކޮށްދޭންޖެހޭ އެއްވެސް ކަމެއް އެ ދަރިފުޅަށް އުނިވާކަށް ނާޒިމާ ނޭދެއެވެ. ކަރުދާހާއި ގަލަމުން ފެށިގެން ޔުނީފޯމާ ހަމަޔަށް ވެސް ނާޒިމާ ބޭނުންވަނީ ފަހު ވަގުތަށް ކަމެއް ލަސް ނުކުރާށެވެ. ގަލަމުން ދެލި އާދޭ ހެއްޔެވެ؟ ޔުނީފޯމުގައި އެއްވެސް ކިލާކޮޅެއް އެބަހުރި ހެއްޔެވެ؟ އިސްތިރި ޖައްސައި ނުލެވޭ ރުލެއް ހުރި ހެއްޔެވެ؟ އިސްޓާކީނު ދޮވެވިއްޖެ ހެއްޔެވެ؟ ﷲ ގެ އިރާދަފުޅުން ހައުލާއަކީ ތޫނުފިލި، ބަސްއަހާ ކުއްޖެކެވެ. އިމްތިހާނުގައި ހައުލާ މަތީ ވަނައެއް ހޯދާނެކަން ނާޒިމާއަށް ކަށަވަރެވެ. ފެށުނީއްސުރެ ވެސް ހައުލާއަކީ ކިލާހުންނާއި ގުރޭޑުން މަތީ ވަނަ ހޯދާ ކުއްޖެކެވެ. ގަދަ ދިހަޔެއްގައި ހައުލާ ހިމެނުމަކީ މުޅި ޢާއިލާ ދެކެމުންއައި ނަލަ ހުވަފެނެކެވެ. ފޮނި އުންމީދެކެވެ. ހިތި އިމްތިހާނެއްގެ ފަށާ ރަނގަބީލު އޭރު ޖެހެން ފަށައިފިކަމެއް ނާޒިމާ ނުދެނަހުއްޓެވެ. ރޮށި ފިހަން ހުއްޓައި ނާޒިމާއަށް އިވުނީ ހައުލާ ހަޅޭއްލަވައިގަތް އަޑެވެ. އަޑު ތޫލިވެފައި، ރިހުން ގަދައެވެ. ނާޒިމާ ދުވެފައި އައެވެ. ހައުލާގެ ކޮޓަރިއަށް ވަނެވެ. ނާޒިމާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެނދުގައި އޮށޯވެގެން އޮތް ހައުލާ ތެޅިފޮޅެނީއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން، ދެ ފަރާތަށް ފުރޮޅެނީއެވެ.
"މަގޭ ދަރި!" ނާޒިމާއަށް ބުނެވުނެވެ.
"މަންމާ!" ކުރު ނޭވާތަކެއްލަމުން ހައުލާ ބުންޏެވެ. "އައްދޯއި! އައްދޯއި! މަންމާ! ބޮލަށް ތަދުވަނީ."
ހުއްޓުންއަރައިފައި ހުރި ނާޒިމާގެ ގަނޑުވެފައިވާ ސިކުނޑި އަނެއްކާ ވެސް މަސައްކަތްކުރަން ފެށިއެވެ. ނާޒިމާ ދުވެފައި އައިސް ހައުލާގެ އެނދުގައި އިށީނެވެ. ދަރިފުޅުގެ ބޮލުގައި ފިރުމަން ފެށިއެވެ. އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
"ކިހިނެއްވީ؟ ކިހިނެއްވީ ދަރިފުޅާ؟" ނާޒިމާ ސުވާލުކުރިއެވެ. "ތަނެއްގަ ބޯ ޖެހުނީތަ؟"
"ނޫން!" މާ ގިނަ ވާހަކައެއް ހައުލާއަކަށް ނުދެއްކެއެވެ. "އައްދޯއި! މަންމާ! އައްދޯއި!"
އިރާދަމުގެ ވަގުތެވެ. ހަމީދު ގެޔަކު ނެތެވެ. ހަމީދަކީ ނާޒިމާގެ ފިރިމީހާއެވެ. ކުދީންގެ ބައްޕައެވެ. ދޮށްޓަށް ހުރި މޫނިސާ ހުރީ ހައުލާގެ އެނދު ކައިރީގައެވެ. ގޮތް ހުސްވެ ބިރުގެންފައެވެ. ނާޒިމާ ހުއްޓައިނުލައި ހައުލާގެ ބޯ މޮޑެދިނެވެ. ހައުލާއަށް ލުއިވާކަމުގެ އެއްވެސް ޢަލާމާތެއް ނުފެނުނެވެ. ރިހުން ދިޔައީ ގަދަވަމުން، ތޫނުވަމުންނެވެ.
"ކިހިނެއްތަވީ ދަރިފުޅާ؟" ނާޒިމާއަށް އެހުނެވެ.
އެ ސުވާލުގެ ޖަވާބެއް ހައުލާ ނުދެއެވެ. ނާޒިމާ ދައްކާ ވާހަކަ ހައުލާއަށް އިވޭހެނެއް ވެސް ހިޔެއްނުވެއެވެ. ކުރިޔަށް ވުރެ ބާރަށް ހައުލާ ތެޅިފޮޅެން ފެށިއެވެ. ބޮލުގައިރިހޭތީ އަޅާނެ އެއްވެސް އެއްޗެއް އެ ކޮޓަރީގައި ނުހުންނާނެކަން ނާޒިމާއަށް އެނގެއެވެ. ހައުލާއަކީ ބޮލުގައިރިހުމުގެ އެ ފަދަ އެއްވެސް މައްސަލައެއް ކުރިން ދިމާވި ކުއްޖަކަށް ނުވީތީއެވެ.
"ކިހިނެއްތަވީ ދަރިފުޅާ؟" ނާޒިމާ ދެން އެނބުރުނީ މޫނިސާއާ ދިމާއަށެވެ.
"ނޭނގެ މަންމާ!" މޫނިސާ ޖަވާބުގައި ބުންޏެވެ. "އަހަރުމެން ތިބީ އެނދުގަ އޮށޯވެގެން ވާހަކަދައްކަން. އެހެން އޮވެފަ ކުއްލިއަކަށް ހައު ރުޅިއައީ. ރުޅިއައިސްގެން ޖަހާ ހަޅޭއްލަވަން ފަށައިފި. މަ ނުދެކެން ހައު އެހާ ރުޅިއައިއްސަ ހުއްޓާ ދުވަހަކު ވެސް. މަށާ ދިމާއަށް ވެސް ކަލޭކަލޭ ކިޔާފަ އޭތިމީތި ގޮވަން ފަށައިފި."
ހައުލާއަކީ މީހަކާ ދިމާއަށް ބާރަށް އެއްޗެއް ވެސް ބުނާ ކުއްޖެއް ނޫނެވެ. ވަރަށް ރުޅިމަޑު ވާނެއެވެ. މޫނިސާ ދެއްކި ވާހަކަ ނާޒިމާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"ކަލޭ ހީކުރާ ގޮތް ދޯ!" ކުއްލިއަކަށް ނާޒިމާއާ ދިމާއަށް ބަލައިލައިފައި ހައުލާ ބުނެލިއެވެ. "ކަލޭމެން ބޭނުން އެއްވެސް ގޮތެއް ނެހެދޭނެ. ކަލޭތީ ކާކު؟ ރައްކާވޭ މި ތަނުން!"
ނާޒިމާއަށް ލިބުނީ ޝޮކެކެވެ. މަންމަ ފިޔަވައި އެހެން ނަމަކުން މުޚާޠިބު ނުކުރާ ދަރިފުޅުގެ ބަސްމަގު ހުރިލެއް ހުތުރުކަމާއި އަޑަށް އައިސްފައިވާ ބަދަލެއްގެ ސަބަބުންނެވެ. ދޭނެ ޖަވާބެއް ވެސް ނޭނގިފައި ހުއްޓައި އަނެއްކާ ވެސް ހައުލާ ވާހަކަދައްކަން ފެށިއެވެ.
"ކަލެއަކަށް ނުކުރެވޭނެ އެއްކަމެއް ވެސް. ނިކަން މަ ރަނގަޅުކޮށްބަލަ!" ހައުލާ އިންޒާރުދިނެވެ. "ނިކަން މި ރިހުން ކަނޑުވާލަބަލަ!"
މައްސަލައިގެ ބާވަތް ނާޒިމާއަށް ވިސްނުނެވެ. ހައުލާއަކީ އެ ވަގުތު ހައުލާއެއް ނޫނެވެ. ކޮންމެވެސް އެހެން ބާރަކުން ހައުލާގެ ހަށިގަނޑު ބޭނުންކުރަނީއެވެ. މޫނިސާ ބިރުން ރޯން ފެށިއެވެ. ނާޒިމާ ކުރިން އެ ކަހަލަ ވާހަކަތައް އަޑުއަހައެވެ. ޖިންނިމޮޔަވުމުން ދެން ކުރާނެ ކަންތަކާ ބެހޭގޮތުން އެހެން މީހުންނަށް ނާޒިމާ ޚިޔާލުދީ ހެދިއެވެ. އެހެންނަމަވެސް، ތިމާގެ ދަރިފުޅަށް އެ ކަން ކުރިމަތިވުމުން ދެން ހަދާނީ ކިހިނެއްކަމެއް ނާޒިމާއަކަށް ނުވިސްނުނެވެ. ސިކުނޑި ބުނީ ހަމީދަށް ގުޅުމަށެވެ.
"ބައްޕަޔަށް ގުޅާ!" ނާޒިމާ ބުންޏެވެ. "ބުނޭ އަވަހަށް އަންނާށޭ."
މޫނިސާގެ އަތްފައި ޚަރަކާތެއް ނުކުރިއެވެ. ނާޒިމާ ދެވަނަ ފަހަރަށް ހަޅޭއްލަވައިގަތެވެ. މޫނިސާ ދިޔައީ ސިއްސައިގެންނެވެ.
"ބައްޕަޔަށް ގުޅާށޭ!" ނާޒިމާ ބުންޏެވެ.
މޫނިސާ ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ. އޭރު ވެސް ހައުލާ އަނގަ ހުއްޓައިނުލައެވެ.
"ބައްޕައޭ؟ އެއީ ކަލޭގެ ބައްޕަތަ؟" މަލާމާތުގެ ރާގެއްގައި ހައުލާ އެހިއެވެ. "ހަމީދު ކިޔާ! ކަލޭގެ ފިރިމީހާޔަށް ކިޔަނީ ހަމީދޭ! ހުސެއިން ހަމީދު މޫސާ. އެއީ ކޯޗެއް އެނގޭ ސޮރެއް؟ އޭނަޔަށް ވުރެ ގިނަ އެއްޗެހި އެނގޭނެ ކަލެއަށް ވެސް. އައްދޯއި! ފެނޭތަ ވާގޮތް؟ ބޮލަށް ތަދުވަނީ."
ހީވަނީ ހައުލާއަށް ބައެއް ފަހަރު އަމިއްލަ އިޚުތިޔާރު ލިބޭހެންނެވެ. ޖެހިގެން އަންނަ ސިކުންތުގައި އެ ބާރު ގެއްލޭހެންނެވެ. އެއް ސިކުންތުގައި ހައުލާގެ މޫނުމަތިން ފާޅުވާނީ ވޭނުގެ އަސަރެވެ. ކުއްލިއަކަށް އެ އަސަރު ނަފުރަތަށް ބަދަލުވެއެވެ. އަނެއްކާ ހިތްދަތިކަމަށް ބަދަލުވެއެވެ.
"ނުގުޅޭނެ ހަމީދަކަށް،" ހައުލާ ރުޅިއައިސްފައި ބުންޏެވެ. "ފޯނު އެންގޭޖުކޮށްލާފަ ހުންނާނީ."
"ބައްޕަޔަކާ ނުގުޅޭ!" އެ ވަގުތު ކޮޓަރިއަށް ވަން މޫނިސާ ބުންޏެވެ.
ހައުލާ ހޭން ފެށިއެވެ. ވަރަށް "ކާޅު އަޑަކުން" ނިކަން ބާރަށެވެ. ނާޒިމާ އެ ވަގުތު ވެސް ހިތަށްއެރިއެވެ. ދިމާވެގެން އުޅެނީ ކުޑަ ކަމަކަށް ނުވާނެއެވެ. އެކަމަކު ހައުލާއަށް ކުރެވުނީ ކީއްބާއެވެ؟ އެ ދުވަހު ހަވީރު ހައުލާ ކިލާސް ކުއްޖެއްގެ ގެޔަށް ދިޔައެވެ. އިރު އޮއްސުމުގެ މާ ކުރިން ގެޔަށް އައެވެ. ނާޒިމާ ވިސްނަންޖެހުނީ އެންމެ ކަމަކަށް ނޫނެވެ. ހައުލާގެ ޓެސްޓަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކަރުނައިން ލޯ ތެމެމުންދަނިކޮށް މޫނިސާ އަތުން ނާޒިމާ ފޯނު ޖަހައިގަތެވެ. ހަމީދަށް ގުޅައިލިއެވެ. އެ ފޯނު ހުންނަނީ އެންގޭޖު ވެފައެވެ. ނަސީބަކުން އެ ވަގުތު ރާޝިދުމަތިން ހަނދާންވިއެވެ. އޭނައަކީ ރުޤްޔާކުރާ މީހެކެވެ. ރާޝިދު ނަންބަރަށް ނާޒިމާ ވަގުތުން ގުޅައިލިއެވެ. ފުރަތަމަ ރަނގަބީލާ އެކުގައި ރާޝިދު ފޯނު ނެގިއެވެ. ނާޒިމާ ވީ ގޮތް ކިޔައިދިނެވެ.
"މިހާރު ވެސް ތި ކަހަލަ ކަމަކު މި އުޅެނީ،" ރާޝިދު ބުންޏެވެ. "ފަހަރެއްގަ މި ރޭ ނުދެވިދާނެ. އެކަމަކު މަ ފޮނުވާނަން ސޫރަތްތަކެއްގެ ނަން. ދަރިފުޅަށް އިވޭ ހިސާބުގައި އެ ސޫރަތްތައް ޖަހާފަ ބަހައްޓާ. ﷲ އިރާދަކުރެއްވިއްޔާ ލުއިވާނެ. ހުރިހައިކަމެއް ބަރާބަރަށް ގޮއްސިއްޔާ އޭނަ ނިދާނެ. އެ އޮތް ގޮތަށް ބާއްވާ!"
މޫނިސާ އިންޓަނެޓުން އިސާހިތަކު އެ ސޫރަތްތައް ޑައުންލޯޑު ކުރިއެވެ. އެ ކަން ތައްޔާރުވާންދެން ނާޒިމާ އެ ސޫރަތްތައް ކިޔެވިއެވެ. ރާޝިދު ބުނީ ވަރަށް ބޮޑު ތެދެކެވެ. ހައުލާ މައިތިރިވިއެވެ. ދެން އަޑުގަދައެއް ނުކުރެއެވެ. ލޯމަރައިލައިގެން އޮތީއެވެ. އިރުކޮޅަކުން ހަމީދު އައެވެ. ނާޒިމާ ވީގޮތް ކިޔައިދިނެވެ.
"އަހަރުމެން ހާދަ ވަރަކަށް ގުޅީމޭ ދޯ ދަރިފުޅާ! އެންގޭޖުވެފަ ހުންނަނީ." ނާޒިމާ އެ ވާހަކަ ވެސް ބުންޏެވެ.
"މަށަށް ކޯލުއައިއްސަ ކެނޑެނީ،" ކޯލުތައް ދައްކައިލަމުން ހަމީދު ބުންޏެވެ. "ދެން ގުޅާއިރު ހުންނަނީ އެންގޭޖުވެފަ. އެހެންވެ މި އައީ. ނަސީބެއްނު އާދެވުނުކަން. މާދަމާ މީ ޓެސްޓު އޮންނަ ދުވަސް."
ނާޒިމާ އުޅެނީ އެއްބަނޑުއެއްބަފާ މީހުންނާ އެކުގައި އެއް ގެޔެއްގައެވެ. ހައުލާއަށް ކަންތައް ދިމާވި ގޮތް އެނގުމުން އެންމެން ވެސް ހާލުބަލަން އައެވެ. ކަންބޮޑުވުން ފާޅުކުރިއެވެ. ނާޒިމާއަށް ހިތްވަރުދިނެވެ. އެކަކު ފިޔަވައެވެ. އެހެންނަމަވެސް، އޭނަ ނައުން އެއީ މާ ބޮޑު ކަމަކަށް ނާޒިމާ ނަހަދައެވެ. އެއްބަނޑުއެއްބަފާ ކޮއްކޮއަކު ނާޒިމާގެ ދަރިއަކަށް ދެރައެއް ދޭންޖެހޭ ސަބަބެއް ނެތީމައެވެ. ހަގަށް ތިބި އެއްވެސް ކުއްޖަކަށް ނާޒިމާ އެއްވެސް ދެރައެއް ދީފައި ނުވާތީއެވެ. ދޮށީ ދަރިފުޅަކީ ނާޒިމާކަމުން، ބައްޕަ ނިޔާވަމުން ވިޔަފާރި ހަވާލުކުރީ ނާޒިމާއަށެވެ. މަންމަޔަކީ ނާޒިމާއާ އެއްވެސް ގުޅުމެއް ބާއްވަން މީހެއް ނޫނެވެ. ނާޒިމާ ހަނދާންހުންނަން ފެށީއްސުރެ ވެސް ކަން އޮންނަނީ އެހެންނެވެ. ސަބަބެއް ނޭނގެއެވެ. އެއް ގެޔެއްގައި އުޅުނަސް ނާޒިމާގެ އެއްވެސް ކަމަކާ މަންމަ ނުބެހެއެވެ.
އެއްބަނޑުއެއްބަފާ ހުރިހާ ކުދިންނަށް ވެސް ވިޔަފާރީގެ ފައިދާ ނާޒިމާ ދެއެވެ. ކުދިން ދެކެ ބިރަކުން ނޫނެވެ. ﷲ އަށް އޮންނަ ބިރުވެތިކަމެއްގެ ސަބަބުންނެވެ. ނާޒިމާއަކީ ފަސް ވަގުތު ނަމާދު ކުރާ މީހެކެވެ. ޙައްޖަށް ދިޔުމުގެ އިތުރުން، ތެދުވެރިކަމަކީ ނާޒިމާގެ ފޭރާމެކެވެ. ދީލަތިކަމާއި ކެތްތެރިކަމަކީ އަބަދު ބޭނުންކުރާ ގަހަނާއެކެވެ. ދުނިޔެއަކަށް ނާޒިމާގެ ހިތަކު ދަހިވެތިކަމެއް ނެތެވެ. ބަދަލުހިފުމާއި ކެހިވެރިކަމަކީ ނާޒިމާ ދަންނަ އެކުވެރިންނެއް ނޫނެވެ. ދަރިން ވެސް ބޮޑުކުރީ އެ ބިންގަލުގެ މަތީގައެވެ. އެއްވެސް މީހެއްގެ ހިތުގައި ނާޒިމާގެ ދަރިޔަކަށް ހަސަދަވެރިކަމެއް ނޯންނާނެކަން ނާޒިމާއަށް ކަށަވަރުވަނީ އެހެންވެއެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު ހޭލިއިރު ވެސް ހައުލާގެ އެއްވެސް މައްސަލައެއް ނެތެވެ. ކުރީ ރޭ ކިޔުނު އެއްވެސް އެއްޗެއްގެ ހަނދާނެއް ހައުލާ ނެތެވެ. އެކަމަކު، ކަމެއް ވީކަން ހައުލާއަށް އެނގެއެވެ.
"ދަރިފުޅު ވީހާ ވެސް ގިނައިން ކުރުސި ކިޔާތި!" ތަކުރާރުކޮށް ނާޒިމާ ހަނދާންކޮށްދިނެވެ.
ހައުލާ ހުރީ ޓެސްޓު ހަދާހިތުން ކެތްމަދުވެފައެވެ. މާ ކުރިއްސުރެ އެ ކަމަށް ތައްޔާރުވެފައި ވާތީއެވެ. އާދައިގެމަތިން ހައުލާ ގޮވައިގެން ދިޔައީ ހަމީދެވެ. ޓެސްޓު ފެށުނުތާ ވިހި މިނެއްޓު ނުވެއެވެ. އިސްކޫލުން ނާޒިމާއަށް ކޯލެއް އައެވެ.
ނުނިމޭ