އާލިއާގެ ކުރިއެރުމާ މެދު އަނުޝްކާ ބިރު ގަންނަނީތަ؟
އާލިއާގެ ކުރިއެރުމާ މެދު އަނުޝްކާ ބިރު ގަންނަނީތަ؟

އާލިއާ ބަޓް އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުންއަންނަ ބަތަލާ އެވެ. އާލިއާގެ ހުނަރާއި ލިބެމުންދާ ކާމިޔާބީން ލޮލަށް ނިދިނާންނަ ބަތަލާއިން މިހާރު ވަރަށް ގިނަ އެވެ. އަނުޝްކާ ޝަރުމާ އަކީ ވެސް މީގެ ތެރެއިން އެއް ބަތަލާކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

"ސުލްތާން"ގެ ސެޓުގައި އަނުޝްކާ އުޅެނީ ވަރަށް އަބުއިކޮށް ކަމަށާއި އޭނާއާ ހެދި ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފިލްމުގެ ސެޓުން ވާހަކަ ދެެއްކި މީހަކު ބުނެފައިވެ އެވެ.

"ސުލްތާން"ގެ ޕްރޮޑިއުސަރުން ފުރަތަމަ ބޭނުންވީ ފިލްމުގެ އެންމެ ރީތި ލަވަ ކަމަށްވާ "ޖަގް ގޫމިޔާ"ގެ ވާޝަން އެއް އަނުޝްކާގެ އަޑުން ވެސް ރެކޯޑްކުރާށެވެ. މައިކްރޯފޯނެއް ހިފައިގެން ގޮނޑިއެއްގައި އިނދެ އެވެ. ނަމަވެސް މިގޮތަށް ލަވަ ރެކޯޑްކުރުމަށް އަނުޝްކާ ކަނޑައެޅިގެން ދެކޮޅު ހެދި އެވެ.

އަނުޝްކާ ދެކޮޅުހެދީ އެއީ އާލިއާ ހަމަ އެގޮތަށް މީގެ ކުރިން ލަވައެއް ރެކޯޑް ކޮށްފައިވާތީ އެގޮތަށް ލަވައެއް ރެކޯޑްކޮށްގެން އާލިއާ އާއި އޭނާ އަޅާކިޔަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެވެ. "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"ގެ މައި ތެނު ސަމްޖާވާކީ" ލަވަ އާލިއާ ރެކޯޑްކޮށްފައި ވަނީ އެގޮތަށް ގޮނޑިއެއްގައި އިށީނދެ މައިކް ހިފައިގެންނެވެ.

އާލިއާ މިހާރު ކުރިއަރަމުންދާ ބާރުމިނުން އަނުޝްކާ ނޫނަސް ގިނަ ބަތަލާއިން އޭނާ ދެކެ ބިރުގަންނަހާ ވެ އެވެ. ބޮލީވުޑްގެ އެއްވަނަ ދަރަޖައިގެ ގިނަ ބަތަލާއިންނަށް ވުރެ އާލިއާ މިހާރު ވަނީ މާ ކުރީގަ އެވެ.

އާދަޔާޚިލާފު މޮޅު އެކްޓިން ދައްކާލެވޭ ކަހަލަ ފިލްމުތައް ކުޅެ އޭނާގެ ހުނަރު ފިލްމު އިންޑަސްޓްރީއަށް ދައްކާލުމުގައި އާލިއާ ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. މިހާރު އެކަކުވެސް އާލިއާގެ ހުނަރު ނެތް ވާހަކައެއް ނުދައްކަ އެވެ. އަދި އޭނާގެ ފަހުގެ ފިލްމު "އުޅްތާ ޕަންޖާބު" އަށް ލިބެމުންދާ ބޮޑު ކާމިޔާބީން އާލިއާގެ ތަރި ވަނީ އިތުރަށް ވިދުން ގަދަވެފަ އެވެ.

އަނުޝްކާ އާއި އެނޫންވެސް ގިނަ ބަތަލާއިންނަށް ވުރެ މާ ގިނަ ފިލްމުތައް މިއަހަރު ތެރޭ ވެސް އާލިއާގެ ރިލީޒްވާނެ އެވެ. އެހެންކަމުން އާލިއާ އާ އަޅާކިޔުމުން ދުރުވުމަކީ އަނުޝްކާ ކުރާ ބުއްދިވެރި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.