ސާރާގެ މައްސަލާގައި އަމްރިތާގެ ރުޅިގަނޑު ސައިފްއަށް
ސާރާގެ މައްސަލާގައި އަމްރިތާގެ ރުޅިގަނޑު ސައިފްއަށް

ސައިފް އަލީ ޚާން އަކީ ހިތަށްއަރާ އެއްޗެއް ބުނާ އެކްޓަރެކެވެ. އެގޮތުން އިންޓަވިއުއެއްގައި ދާދި ފަހުން އޭނާ ބުނީ ދަރިފުޅު ސާރާ އަލީ ޚާން ފިލްމު ކުޅެން ނިންމި ނިންމުމާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. އެހެން ބުނުމުން ކުރީގެ އަނބިމީހާ އަމްރިތާ ސިންގް ވަނީ ރުޅިގަދަވެފަ އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުގައި ސައިފް ބުނި ގޮތުގައި ދަރިފުޅު ބޮލީވުޑަށް ވަނުމުގައި އޭނާގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ސަބަބަކީ އެކްޓިން ޕްރޮފެޝަން އަކީ ވާނެ ގޮތެއް ބުނެދޭން ނޭނގޭ މަސައްކަތަކަށް ވުމެވެ. ސާރާ ފިލްމު ކުޅެން ނިންމުމުން ހިތްހަމަނުޖެހޭ ކަމަށް ބުނީ އެހެންވެ އެވެ.

އެ އިންޓަވިއު ކިޔާފައި އަމްރިތާ ރުޅިގަދަވެގެން ސައިފް އަށް ގުޅާ ވަރަށް އެއްޗެހި ގޮވި ކަމަށް ވެ އެވެ. ސާރާގެ ފިލްމީ ކެރިއަރު ފެށެން ކައިރިވެފައިވާ ދަނޑިވަޅެއްގައި އެފަދަ ވާހަކައެއް ސައިފް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް އަމްރިތާ ސިފަކުރި އެވެ.

އަމްރިތާގެ ރުޅިގަދަކަން އެނގޭތީ ސައިފް މާ ބޮޑަށް ޖަދަލުނުކޮށް ބުނި ކަމަށް ވަނީ އޭނާ ދެއްކި ވާހަކަތައް ނޫސްވެރިން އޮޅުވާލީ ކަމަށެވެ. އެހެންކަމުން ފަހުން ޕްރެސް ކޮންފަރެންސެއް ބާއްވާއި ސާރާގެ މައްސަލާގައި އޭނާ ދެކޭ ގޮތް އަލުން ކިޔައިދިނެވެ.

ސައިފް ބުނީ ދަރިފުޅު ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ. އެހެންވެ ދަރިފުޅު ކުރަން ބޭނުން ކޮންމެ ކަމެއް ކުރަން އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސާރާގެ ދެ ފަރާތު އާއިލާގައި ވެސް ތިބީ އާޓިސްޓުންނެވެ. އެހެންކަމުން ސާރާ އަކީ ވެސް ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށް ބުންޏެވެ. ނަމަވެސް ފިލްމީ ދާއިރާ އަކީ އެހާ ބޮޑު ޔަގީންކަމެއް އޮތް ޕްރޮފެޝަނަކަށް ނުވާތީ އެ ކަންބޮޑުވުން އޭނާ ތަކުރާރުކޮށް ފާޅުކުރި އެވެ.