އަނިޔާއާ ގުޅޭގޮތުން އދ.ގެ އެންގުންތައް ތަންފީޒުކުރަން އެޗްއާރުސީއެމުން ގޮވާލައިފި
އަނިޔާއާ ގުޅޭގޮތުން އދ.ގެ އެންގުންތައް ތަންފީޒުކުރަން އެޗްއާރުސީއެމުން ގޮވާލައިފި

އަނިޔާވެރި، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާ ގުޅޭގޮތުން ރާއްޖެ އިން އިސްލާހުުކުރަން ޖެހޭ ކަމަށް އ.ދގެ ކޮމެޓީތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރުސީއެމުން މިގޮތަށް އިލްތިމާސްކުރީ، އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިއްޔެ ފާހަގަކުރި ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނީ އެފަދަ ދުވަހެއް ފާހަގަކުރަނީ، އަނިޔާވެރި އަމަލުތައް ނައްތާލައި އެފަދަ ކަންކަމަކީ އެއްވެސް ދައުލަތަކުން ގަބޫލުކޮށްގެން ނުވާނެ ކަންކަމުގެ ގޮތުގައި ހާމަކޮށްދޭން ކަމަށެވެ.

އަނިޔާކުރުމާއި ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލު ހިންގުމާއި އަދަބު ދިނުން މަނާކުރާ މުއާހަދާގައި ދިވެހިރާއްޖެ އިން 2004 ގައި ވަނީ ބައިވެރިވެފަ އެވެ. އެ މުއާހަދާގެ ދަށުން، ދިވެހި ސަރުކާރުން އ.ދ އަށް ހުށަހަޅަން ޖެހޭ ރިޕޯޓް ވީހާވެސް އަވަހަކަށް ހުށަހެޅުމަށް ވެސް އެޗްއާރުސީއެމުން އިލްތިމާސްކުރި އެވެ. މިއާއެކު، އަނިޔާއާ ގުޅޭގޮތުން އދ.ގެ ކޮމެޓީތަކުން ރަނގަޅު ކުރަން އަންގާފައިވާ ކަންކަން ވެސް ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން ގޮވާލާފައިވެ އެވެ. އެކަމަކު އެކަންކަމުގެ ތަފްސީލު އެޗްއާރުސީއެމުން ހާމަކޮށްފައެއް ނުވެ އެވެ.

"މީގެއިތުރުން، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އަނިޔާ އިން އެއްކިބާވެ ހުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް އިލްތިމާސްކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ލާއިންސާނީ އަނިޔާކުރި ކަމަށް ބުނެ މިދިޔަ އަހަރު 34 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ހައްޔަރުކުރިއިރު ފުލުހުން އަނިޔާކުރި ކަމަށާއި ބަންދުކޮށްފައި ހުރި މަރުކަޒުގައި އަނިޔާކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެ އެވެ.

މީހުން ބަންދުކޮށްފައި ބައިތިއްބާ މަރުކަޒުތަކުން ރަނގަޅުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކަންކަން ވެސް ރަނގަޅކުރަން އަންގައި، އެކަންކަން އިސްލާހުކުރޭތޯ ބަލަމުން އަންނަ ކަަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އަނިޔާވެރި ލާއިންސާނީ އަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދޭން ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އަނިޔާ އިން އެއްކިބާވެ ހުރުމަކީ ހައްގެއް ކަމަށާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުތައް ނުދިނުމާއި އެއްވެސް މީހަކާ މެދު ރަހުމްކުޑަ، އިހާނެތި އަމަލުތައް ނުހިންގޭނެ ކަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

އަނިޔާ އިން މިނިވަންވެ ހުރުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ހޯދައިދޭން ރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިންނާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންޓި ޓޯޗާ ގާނޫނުގެ ދަށުން، އަނިޔާގެ މައްސަލަތައް ބަލައި އެ ފަރާތްތަކަށް އިންސާފު ހޯދައިދޭން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި އެޗްއާރުސީއެމުން ބުނެފައިވެ އެވެ.