28 ޖޫން 2017 - 08:35

ފާއިތުވި ދެ ސީޒަނަށް ބަލާއިރު ފުރަތަމަ ޑިވިޝަން ކްލަބްތަކުން ވަނީ ބިދޭސީ ކުޅުންތެރިން ހޯދުމުގައި ހިތި ތަޖުރިބާތަކެއް ކޮށްފަ އެވެ. ގެނައި ކުޅުންތެރިން އެންމެ މެޗެއްގައި ކުޅުމަށް ފަހު ފެންވަރު ދަށްވުމުގެ ސަބަބުން އިތުރަށް މާ ގިނަ ފުރުސަތު ނުދީ ދޫކޮށްލައިފައި ވެސް އެބަހުއްޓެވެ. އެކަމަކު މި ސީޒަނަށް ބަލާއިރު މަންޒަރު ތަފާތެވެ. ކޮންމެ ޓީމެއްގައި ކަހަލަ ގޮތަކަށް ތަފާތު ދައްކަމުން އަންނަ ބިދޭސީ ކުޅުންތެރިއަކު އެބަހުއްޓެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އިން މިދިޔަ އަހަރު ވަނީ ގެނައި ބިދޭސީ ދެ ކުޅުންތެރިއަކު ފެންވަރު ދަށްވުމުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބްރެޒިލްގެ މިޑްފީލްޑަރު ރޮޑްރިގޯ އާއި ފްރާންސްގެ ފޯވާޑް ޖޯސެފް ނިކޮއިސޭ އެވެ. އެހެން ނަމަވެސް މި އަހަރު މާޒިޔާގެ ކޯޗުކަމާ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ހަވާލުވުމަށް ފަހު ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅެވެ.

އޭގެ ތެރޭގައި ހިމެނެނީ ރޫމޭނިއާގެ ތަޖުރިބާކާރު ޑިފެންޑަރު އަންދްރެއި ކޯޑޯސް، ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗާއި އެ ގައުމުގެ ފޯވާޑް އަލެކްސަންޑަ ރަކިޗް އަދި ކުރިން ވެސް މާޒިޔާ އަށް ކުޅުނު ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އެވެ. މި ހަތަރު ކުޅުންތެރިން ތަފާތު ދައްކާފައިވާއިރު މާޒިޔާ މިހާތަނަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ނިއު އިން މި ސީޒަނުގައި ގެނައި ކުޅުންތެރިންގެ ތެރެއިން ފެންވަރު ދަށްވުމުގެ ސަބަބުން ފޮނުވާލި އެންމެ ކުޅުންތެރިއެކެވެ. އެއީ ކުރިން ޗެލްސީ ޔޫތު ޓީމުގެ ކެޕްޓަންކަން ކުރި ޑެނިއަލް ޕަޕޯ އެވެ. މިހާރު ނިއުގައި ތިބި ބިދޭސީ ކުޅުންތެރިން ކަމަށްވާ ސާބިއާގެ ސްޓެފަން މާކޮވިޗާއި ނެދަލެންޑްސްގެ ޖަމެލް ލީފްލެންގް، ޖަޕާނުގެ އޮގާވާ އަދި ސްޕެއިންގެ އެޑްރިއަން ގަލާޑޯގެ ފެންވަރު ރަނގަޅެވެ.
މި ސީޒަނުގެ މިހާތަނަށް ނިއުގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ގަލާޑޯ އެވެ. އޭނާ ވަނީ ލީގުގައި ހަތް ގޯލު ޖަހައިފަ އެވެ.
ގްރީން ސްޓްރީޓްސް އިން މިހާތަނަށް ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގައި ބިދޭސީ ކުޅުންތެރިންގެ ދައުރު ބޮޑެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އިން ގެނައީ ޔޫކްރޭން ލީގުގައި ކުޅެފައިތިބި ތިން ކުޅުންތެރިން ކަމަށްވާ ޔޫކްރޭންގެ ތިން ކުޅުންތެރިންނަކީ ޕެޓްރޯ ކޮވަލްޗަކާއި ޒިމިޓްރޯ ޒަންޑޯޗް އަދި ސޮބޮލް އިލިއާ އެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ މިދިޔަ އަހަރު ނިއު އިން ގެނައި ޖަޕާންގެ ކީޕަރު ޖުން ކޮޗީ އެވެ.
ގްރީން ސްޓްރީޓްސްގެ ބިދޭސީ ހުރިހާ ކުޅުންތެރިން ވެސް ތަފާތު ދައްކަމުން އަންނަ އިރު ޒުވާން މިޑްފީލްޑަރު އިލިއާ އަދި ތަފާތެވެ. އޭނާގެ ތަފާތު ވަރަށް ބޮޑަށް ފެންނަމުން އަންނައިރު، އޭނާ އަކީ ހިލޭ ޖެހުންތަކަށް ހާއްސަ ކުޅުންތެރިއެކެވެ. ލީގުގައި މިހާތަނަށް އޭނާ ޖެހި ހަތް ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ހިލޭޖެހުމުންނެވެ.
ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން ވެސް އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ވާހަކަ ދައްކަ އެވެ. އެނގިފައިވާ ގޮތުގައި ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިން ހޯދުމަށް އެހެން ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ސީޒަނުގައި ބިދޭސީ ކުޅުންތެރިން ގެނައުމުގައި އެންމެ ދަށްކޮށް ދިޔަ އެއް ޓީމަކީ އީގަލްސް އެވެ. އެ ޓީމުން ގެނައި ނެދަލެންޑްސްގެ ފޯވާޑް ޑޮނޮވަން ޑީކްމަން ވަނީ ފޮނުވާލައިފަ އެވެ. އަދި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދަށް އަނިޔާގެ ސަބަބުން ފުރަތަމަ ބުރު އެއްކޮށް ކަހަލަ ގޮތަަކަށް އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެހެން ނަމަވެސް މިިދިޔަ ސީޒަނުގައި ވެސް އީގަލްސް އަށް ތަފާތު ދެއްކި ކީޕަރު ސުޖަން ޕެރޭރާ އާއި ޑިފެންޑަރު މުހައްމަަދު މަގްދީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ލީގުގެ ފުރަތަމަ ބުރުގައި އެހެން ޓީމުތަކުގައި ތިބި ކަހަލަ ތަފާތު ދައްކާނެ ބިދޭސީ ކުޅުންތެރިއަކު ނެތުމުން މައްސަލަ ދިމާވިކަން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން މާޒިޔާ މެޗުގައި ބިދޭސީ ކުޅުންތެރިން ދެއްކި ކުޅުމަށް ސާންތީ ތައުރީފްކުރި އެވެ.
މިދިޔަ ސީޒަނާ ހިލާފަށް މި ފަހަރު ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ބިދޭސީ ކުޅުންތެރިން ގިނަކޮށްފަ އެވެ. މި ފަހަރު އެ ޓީމުން ގެނައީ މިސްރުގެ ޑިފެންޑަރު އީސާ އަލް މަގްރަބީ، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން އަދި ސެއިން ވިންސެންޓް ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ. މި ތިން ކުޅުންތެރިންގެ އެހީއާ އެކު ޓީސީން ވަނީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްފަ އެެވެ. އަދި މީގެ ތެރެއިން ސްޓެވާޓް ވަނީ ސީޒަނުގެ މިހާތަނަށް ހަތް ގޯލު ޖަހައިފަ އެވެ.
ވިކްޓަރީގައި މި އަހަރު ރާއްޖޭގައި އަލަށް ކުޅޭ ބިދޭސީ ކުޅުންތެރިއަކު ނެތެވެ. އެ ޓީމުގައި ހިމެނެނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ސީރިއާގެ ކީޕަރު މުހައްމަދު އަލްޔޫސުފާއި ކެރިޗް އަންދްރޭގެ އިތުުރުން ނިއު އަށް ކުޅުނު ވެލިޗްކޯ މިޓްކޯ އަދި އީގަލްސް އަށް ކުޅުނު މުސްތަފާ ސެޑިކް އެވެ.
ޔުނައިޓެޑް ވިކްޓަރީން މި ފަހަރު އަަލަށް ގެނައީ ކްރޮއޭޝިއާގެ ފޯވާޑެއް ކަމަށްވާ ޒިވްކޮވިޗް ޓިހޯމިރް އާއި ކިރްގިސްތާންގެ ކީޕަރު ރުސްލާން އާމިރޯފް އެވެ. ދެން ހިމެނެނީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅުނު ވުކްރޮބަޓް ޑޯޑޭ އާއި ޓީސީ އަށް ކުޅުނު ކުޑޫސް ކެލާނީ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ސްކޮޑާ އަޅާކިޔާއިރު މި ހަތަރު ކުޅުންތެރިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ވެލެންސިއާ އަށް ބަލާއިރު ތިބި ބިދޭސީ ކުޅުންތެރިންނަކީ ކުރިން ވިކްޓަރީ އަށް ކުޅުނު ޗިންޒީ ކަކާ އާއި ގޮޑްފްރޭ ވެސްޓް އެވެ. ދެން އެ ޓީމާ އަލަށް ގުޅުނީ ނައިޖީރިއާގެ މިޑްފީލްޑަރު ޕްރިންސް އެވެ.