28 ޖޫން 2017 - 08:14

އެމެރިކާގެ ޓެކްސަސްގެ މަންމައެއް ކަމަށްވާ ސިންތިއާ މާރީ ރުޑޮލްފް މަސްތުވާންވެގެން ހިންގި އަމަލެއްގައި ކުޑަ ދެ ދަރިން މަރުވުމުން އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އުމުރުން އެންމެ ދެ އަހަރުގެ ޖޫލިއަޓް ކާރުން ފައިބަން ދެކޮޅު ހެދުމުން އޭނާ އޭގެ ތެރޭގައި ބައިންދައި، ދޮރު ތަޅުލާފައި ސިންތިއާ ދިޔައީ އެވެ. އޭރު ކާރުގައި 16 މަހުގެ އަނެއް ދަރިފުޅު ވެސް އިނެވެ.
ދެ ކުދިން މަރުވީ ހޫނު ގަދަވެގެންނެވެ. ކާރު ބާއްވާފައި އޮތް ހިސާބުގަނޑުގައި އެދުވަހުގެ އެ ގަޑީގައި ހޫނުމިން ހުރީ، ފުލުހުން ބުނި ގޮތުގައި، 35.5 ޑިގްރީ ސެންޓިގްރޭޑްގަ އެވެ.
ފުލުހުންނަށް ފުރަތަމަ ދިން ބަޔާނުގައި ސިންތިއާ ހެދީ ދޮގެވެ. އެ ބަޔާނުގައި އޭނާ ބުނީ ޖޫލިއަޓް އަމިއްލައަށް ކާރަށް އަރާފައި ދޮރު ލައްޕާ ތަޅުލީ ކަމަށެވެ. ދެ ކުދިން ކާރުގައި ތިއްބާ އޭނާ އަށް ފެނުނީ މާ ފަހުން ކަމަށާއި އެ ވަގުތު ކާރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ހަގީގަތުގައި ކަން ވީ އެހެންނެއް ނޫނެވެ. ޖޫލިއަޓް ނުފޭބުމުން ދެ ކުދިން ވެސް ކާރު ތެރެއަށް ދޫކޮށް ދޮރު ތަޅުލާފައި ދިޔައީ އެވެ. މަސްތުވާތަކެތި ބޮއިގެން ނިދުނު ގޮތަށް އޭނާއަށް ހޭލެވުނީ ދެތިން ގަޑިއިރު ފަހުންނެވެ. ދެ ކުދިން މަރުވެފައި ތިއްބާ ފެނުމުން ކާރުގެ ބިއްލޫރިތައް ފުނޑުކޮށްލީ އެކްސިޑެންޓަކުން ވީ ކަމެއް ކަމަށް ދައްކަން ވެގެން ކަމަށް ފަހުން އޭނާ އެއްބަސްވި އެވެ.