28 ޖޫން 2017 - 08:12

ސަލްމާން ޚާންގެ "ޓިއުބުލައިޓް"އަށް ބޮކްސް އޮފީހުގައި ލިބެމުން ދާ ފިނި ތަރުހީބުގެ ސަބަބުން އޭނާއަށް ވަނީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބިފަ އެވެ. އެހެންވެ މި ދަނޑިވަޅުގައި އޭނާ ބޭނުންވީ ފިލްމީ ވާހަކަ ނޫން އެހެން ވާހަކައެއް ދައްކާށެވެ. ސަލްމާނާ ގުޅޭ ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝައުގުވެރިވަނީ އޭނާގެ ލޯބީގެ ވާހަކަތަކަށާއި ކައިވެނިކުރާ ދުވަހެއް އޮޅުންފިލުވަންކަން އޭނާއަށް ވެސް ޔަގީންވެ އެވެ.
އެންމެ ފަހުން އޭނާ ދިން އިންޓަވިއުގައި އެ ވާހަކަ ދެއްކި އެވެ. އެގޮތުން ކައިވެންޏާ މެދު ދެކޭ ގޮތާއި އޭނާގެ ބަސްފޮތުގައި ލޯބި މާނަކުރާ ގޮތް ކިޔައިދިނެވެ.
މުޅި އިންޑިޔާ އިންތިޒާރުކުރަމުން ދަނީ ސަލްމާން ކައިވެނިކުރާ ދުވަހަކަށެވެ. ނަމަވެސް ސަލްމާން ހުރީ އޭނާގެ ހަޔާތުން އެ ފުރުސަތު އެއްވެސް މީހަކަށް ދޭން ތައްޔާރަކަށް ނޫނެވެ. އޭނާ ބުނި ގޮތުގައި ކައިވެންޏާ ބެހޭ ސުވާލު ނޫސްވެރިން ކުރަނީ ކޮންމެހެން އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމަކުންނެއް ނޫނެވެ. ކޮންމެވެސް އެއްޗެއް ނޫހުގައި ލިޔަން ކުރާ ސުވާލަކަށް ވާތީ އެކަމާ ވަރަށް ފޫހިވާކަމަށް ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި ކައިވެންޏަކީ ބޭކާރުވާ ފައިސާތަކެއް،" ސަލްމާން ބުންޏެވެ.
ހަމައެކަނި ކައިވެންޏެއް ނޫނެވެ. ލޯބީގެ ޖަޒުބާތު ވެސް ސަލްމާނަށް އިހުސާސްނުވާ ކަމަށްވެ އެވެ. އޭނާ ބުނީ ލޯބި ގަބޫލުނުކުރާ ކަމަށެވެ. "ލޯބި" މި ލަފުޒު އޮންނަން ޖެހޭ ސަބަބެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ.
ނަމަވެސް ދިރިއުޅުމުގައި ބައިވެރިއެއްގެ މުހިއްމުކަން އެބަ އޮތް ކަމަށް ސަލްމާން ގަބޫލުކުރެ އެވެ. އަދި އެކުގައި ގިނަ ދުވަހު އުޅުމުން ގާތް ގުޅުން އުފެދޭ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
ސަލްމާންގެ އުޅުމާއި މިޒާޖަށް ވަރަށް ރަނގަޅު ބަދަލެއް އައިސްފައިވާ ކަމަށް ގިނަ ބުނެ އެވެ. ނަމަވެސް އޭނާ ބުނީ އެއީ ހަމަ ކުރީގެ ވެސް ސަލްމާން ކަމަށެވެ. މިހާރު ވެސް ރިކްޝާގައި ދަތުރުކުރެ އެވެ. މަގުމަތީގައި ހިނގާފައި އުޅެ އެވެ. ބައިސްކަލް ދުއްވާ ވެސް ހަދަ އެވެ. މިއަދާ ޖެހެންދެން ވެސް ގިނަ ބަޔަކަށް އޭނާގެ އަސްލު އޮޅިފައިވާ ކަމަށް ވެސް ބުންޏެވެ.