މަސްތުވާތަކެއްޗަށް ފަރުވާ ލިބޭ މީހުން މުޖްތަމައުން ބަލައިގަންނަން ޖެހޭ: އަޒްލީން
މަސްތުވާތަކެއްޗަށް ފަރުވާ ލިބޭ މީހުން މުޖްތަމައުން ބަލައިގަންނަން ޖެހޭ: އަޒްލީން

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ތެރެ އިން ފަރުވާ ހޯދުމަށް ފަހު މުޖްތަމައަށް އެނބުރި އަންނަ މީހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށް، އެފަދަ މީހުން މުޖްތަމައުން ބަލަގަންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ވަބާ އަށް ފަރުވާ ހޯދައިގެން އަންނަ މީހުންނާ މެދު މުޖްތަމައު ދެކޭ ގޮތް ބަދަލު ނުވުމަކީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަނބުރާ މުޖްތަމައަށް އަންނަން ބޭނުންވާ މީހުން ބަލައިގަނެ، އެހެން މީހުންނެކޭ ވެސް އެއްފަދައިން އުޅުމުގެ ފުރުސަތު ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއަކަށް ހަދަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބަލަންވާނީ އެފަދަ ފަރާތްތަކުން ދެ ވަނަ ފަހަރަށް އެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އަޒްލީން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖްތަމައަށް ގެނައުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއް ކަމަށާއި އެއީ އެ މަނިކުފާނު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެ އަށް ޒުވާނުން ވަނުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ޒުވާނުން ބާރުވެރި ކުރުވައި، ތަފާތު ދާއިރާތަކުން ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ފަހި ފުރުސަތުތަކެއް ހޯދައިދީފައިވާ ކަމަށް އަޒްލީންގެ ބަޔާނުގައިވެ އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މިންވަރު މަދު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް މިހާރު އެޅިފައިވާ ކަމަށާއި ކަސްޓަމާއި ފުލުހުން ކުރާ މަސައްކަތުގެ ދަށުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތީގެ މިންވަރު މަދު ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދި އެ ތަކެތި ބޭނުންކުރާ މީހުންގެ އަދަދު ވެސް މަދުވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.