27 ޖޫން 2017 - 08:06

ލަންޑަން (ޖޫން 27) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އޮލިވިއޭ ޖިރޫ ވިއްކާލުމަށް ފަހު އާސެނަލުން ލިޔޯންގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާއިތުވި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ޖިރޫ އަށް މާ ގިނަ ފުރުސަތުތަކެއް އެ ޓީމުގެ ކޯޗު އާސެން ވެންގާ ނުދެ އެވެ. މިދިޔަ ސީޒަނުގައި ޖިރޫ ވަނީ ލީގުގައި 12 ލަނޑު ޖަހައި ތިން ލަނޑު ޖަަހަން ތިން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަންނަ ސީޒަނަށް އިތުރު ފޯވާޑެއް ހޯދުމަށް އާސެނަލުން މަސައްކަތް ފަށާފައިވާއިރު އެ ޓީމުގެ ފުރަތަަމަ ޓާގެޓަކީ މޮނާކޯގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ އެވެ. އެހެން ނަމަވެސް އެމްބާޕޭގެ އަގުބޮޑުވުމުންނާއި އޭނާގެ ޝައުގުވެރިކަން ރެއާލް މެޑްރިޑަށް ހުރުމުން އާސެނަލުން ވަނީ އޭނާ ގެންނަން ކުރި މަސައްކަތް ހުއްޓާލައިފަ އެވެ.
ލަކަޒެޓޭ މި ސީޒަނަށް ފަހު ކްލަބް ބަދަލުކުރަން ނިންމާފައިވާއިރު، އޭނާގެ ފުރަތަމަ ވިސްނުމަކަށްވީ އެތުލެޓިކޯ މެޑްރިޑާ ގުޅުމެވެ. އެހެން ނަމަވެސް އެތުލެޓިކޯ އަށް މި ވަގުތު ކުޅުންތެރިއެއް ސޮއިކުރި ނަމަވެސް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ މަހުގަ އެވެ. އެއީ އެތުލެޓިކޯ އަށް ފީފާއިން ދީފައިވާ ސަސްޕެންޝަން ހަމަވުމުންނެވެ.
އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށްވުމުން ލަކަޒެޓޭގެ އަމާޒަކީ މުޅި ސީޒަނުގައި ވެސް ކުޅުމުގެ ފުރުސަތު ލިބޭ ޓީމަކާ ގުޅުމެވެ. ލިޔޯނުން ދާދި ފަހުން ބުނީ ލަކަޒެޓޭ ހޯދަން އިނގިރޭސި ކްލަބަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ސީޒަނުގައި ލިޔޯނަށް 28 ލަނޑު ޖަހައިިދިން ލަކަޒެޓޭ ވިއްކާލަން އެ ޓީމުން ކިޔާ އަގަކީ 50 މިލިއަން ޕައުންޑެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ވިސްނުން ހުރީ ޖިރޫ ވިއްކާލުމަށް ފަހު ލަކަޒެޓޭ ގަންނަން ފަންޑް ހޯދުމެވެ.
އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޖަރުމަނުގެ ޝާލްކާގެ ވާތު ބެކް ސައިދު ކޮލަސިނަޗް ގެނެސްފަ އެވެ. އަދި އިތުރު ކުޅުންތެރިން އެ ކްލަބާ ގުޅޭނެ ކަމަށް އެ ޓީމުން ބުނެ އެވެ.
އާސެނަލްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ މެސުޓް އޮޒިލް އާއި އަލެކްސިސް ސަންޗޭޒް އަދި އޮކްސްލޭޑް ޗެމްބަލެއިން އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން އަންނަނީ ލިބެމުންނެވެ.