27 ޖޫން 2017 - 08:04

ލަންޑަން (ޖޫން 26) - ޗެލްސީގެ ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ވިއްކާލުމަކީ އެ ކްލަބަށް ހެދޭނެ ގޯހެއް ކަމަށް އެ ކްލަބްގެ ކުރީގެ ކުޅުންތެރިއާ ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
މިިދިޔަ ސީޒަނުގައި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކޮސްޓާ އަކީ އަންނަ ސީޒަނުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުގައި ނެތް ކުޅުންތެރިއެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކޮސްޓާ މިހާރު އަންނަ ސީޒަނަށް ކްލަބެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ލަމްޕާޑް ބުނީ ކޮސްޓާ ވިއްކާލުމަށް ޗެލްސީން ނިންމައިފިނަމަ އޭގެ ގެއްލުން އެ ޓީމަށް ދައްކާނެ ކަމަށެވެ.
"ކޮސްޓާ އަކީ ޗެލްސީ ސްޓައިލުގެ ފޯވާޑެއް. ޖެހިލުން ކުޑަ ކުޅުންތެރިއެއް. ޗެލްސީ އަށް ބަދަލުވި ފަހުން އޭނާ އަކީ އަބަދުވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް. އޭނާ ޖަހާފައި ހުރި ގޯލުތަކަށް ބަލާއިރު އަހަންނަށް ހިއެއްނުވޭ ދެން އެ ފެންވަރުގެ ކުޅުންތެރިއެއް ފަސޭހައިން ލިބޭނެހެން،" ޗެލްސީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލަމްޕާޑް ބުންޏެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ކޮސްޓާ ވަނީ 35 މެޗުން 20 ލަނޑު ޖަހައިފަ އެވެ. ލަމްޕާޑް ބުނީ ކޮންޓޭގެ ޕްލޭނުގައި ކޮސްޓާ އަށް ފުރުސަތު ނެތްކަން އެނގުމުން ލިބުނީ ހައިރާން ކަމެއް ކަމަށެވެ.
"ހަގީގަތުގައި ޗެލްސީގައި ކޮންޓޭގެ ކާމިޔާބީގެ ފަހަތުގައި ކޮސްޓާގެ ހިއްސާ ބޮޑު. އެކަމަކު އަންނަ ސީޒަނަށް ޗެލްސީން ތައްޔާރުވާއިރު ކޮސްޓާ އަށް ޖާގައެއް ނެތް ކަމަށް ބުނުމުން އަހަންނަށް ލިބުނީ ޝޮކެއް. އެކަމަކު ކޮންމެ ކޯޗެއްގެ ވެސް ވިސްނުން ތަފާތު ވާނެ. އެކަމަށް އަހަރެން އިހުތިރާމް ކުރަން،" މިދިޔަ ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ލަމްޕާޑް ބުންޏެވެ.
ކޮސްޓާ ވިއްކާލުމަށް ފަހު ޗެލްސީން ގެންނަން މަސައްކަތް ކުރަނީ ކުރިން އެ ޓީމަށް ކުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރު ރޮމެލޫ ލުކާކޫ ނުވަތަ ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އެވެ.
ޗެލްސީން ކޮސްޓާ ދޫކޮށްލައިފިނަމަ އޭނާ އަންނަ ސީޒަނުގައި ފެނުން އެންމެ ގާތީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުންނެވެ. އެކަމަކު އެތުލެޓިކޯ އަށް އޭނާ ސޮއިކުރި ނަމަވެސް އެންމެ އަވަހަށް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ މަހުގަ އެވެ. އެއީ ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ގަތުމުގެ ސަބަބުން ފީފާއިން އެތުލެޓިކޯ އަށް ދީފައިވާ ސަސްޕެންޝަނުގެ މުއްދަތު ހަމަވުމުންނެވެ.