26 ޖޫން 2017 - 17:26

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އާ ކޯޗަކަށް ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ބަރޭރާ ހަމަޖައްސައިފި އެވެ.
ނިއު އިން އާ ކޯޗެއް އައްޔަންކުރީ އެ ޓީމަށް މި ސީޒަނުގައި އިރުޝާދު ދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވަކިކުރުމަށް ފަހު އެވެ.
ނިއުއާ ހަވާލުވާން ބްރުޒޯން ވަނީ މިއަދު ރާއްޖެ އައިސްފަ އެވެ. އަދި އެސްޓީއޯ މާލޭ ލީގުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި އިރުޝާދު ދޭނެ އެވެ.
އުމުރުން 40 އަހަރުގެ ބްރުޒޮން ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ.
އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ.
އޭނާ މިދިޔަ ސީޒަނުގައި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަންކުރިއިރު މި އަހަރުގެ އައި ލީގުގެ ފަހު ހަ މެޗުގައި މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިނެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނިއު އަށް ބާކީ ހަތަރު މެޗު އޮތްއިރު އެ ޓީމަށް ވަނީ ދިވެހި ޕްރިމިއާ ލީގުން ގާތްގަނޑަކަށް ފުރުސަތު ކަށަވަރުވެފަ އެވެ. ޓަވަރޭސްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ތިން މެޗުން ބަލިވިއިރު އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެކަމަކު އޮތް ސްކޮޑާ ބަލާއިރު އެ ޓީމަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭއިރު ގިނަ މެޗުތަކުން ސަލާމަތްވީ ވެސް އުނދަގުލުންނެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ މެނޭޖްމަންޓުން ކުރާ މަސައްކަތާއި ކްލަބުގައި އޮތް ސްކޮޑާ ބަލާއިރު ޓީމުން ނެރެފައިވާ ނަތީޖާތަކާ މެދު ޗެއާމަނާއި ބޯޑް އަދި މެނޭޖްމަންޓުން ހިތްހަމަނުޖެހޭ ކަމަށާއި ކޯޗު ބަދަލުކުރީ އެހެންވެ ކަމަށެވެ.