އީދުދުވަހުގެ ދިރުން "ޓިއުބުލައިޓް"އަށް ލިބިދާނެބާ؟
އީދުދުވަހުގެ ދިރުން "ޓިއުބުލައިޓް"އަށް ލިބިދާނެބާ؟

"ޓިއުބުލައިޓް" އަކީ ފާއިތުވީ ހައެއްކަ އަހަރު ދުވަހު އީދު ބަންދާ ދިމާކޮށް ރިލީޒްކުރި ސަލްމާން ޚާންގެ އެންމެ ދަށް ފެށުމެއް ލިބުނު ފިލްމެވެ. މިއީ ގިނަ ބަޔަކު އުންމީދުކުރި ގޮތެއް ނޫނެވެ. ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ތިން ދުވަހުގެ ތެރޭ ލިބުނީ 66 ކްރޯޑު (6.6 ބިލިއަން ރުޕީސް) އެވެ. މިއީ ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ސުލްތާން" އަށް ދެ ދުވަހުން ލިބުނު ވަރާ ގާތްކުރާ އަދަދެކެވެ.

ފިލްމުގެ ހިނގުން މިހާ ބޮޑަށް ދަށްވުމުން ސަލްމާނަށާއި ފިލްމަށް ފާޑުކިޔާ މީހުން ދަނީ އިތުރުވަމުންނެވެ. މިހާރު ގިނަ ބައެއްގެ ހިތުގައި އޮތް ސުވާލަކީ "ޓިއުބުލައިޓް"ގެ ނަސީބު އީދު ދުވަހު ބަދަލުވެދާނެ ހެއްޔެވެ؟ އިންޑިޔާ އަށް އީދު ވީ އިއްޔެ ކަމަށް ވެފައި ފިލްމަށް އާ ދިރުމެއް ލިބުކަން ނުވަތަ ނޫން ކަން އެނގޭނީ އިއްޔެ އާއި މިއަދު ސިނަމާތަކަށް ވަންނަ މީހުންގެ އަދަދުންނެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ފާޑުކިޔާ މީހުން ބުނަނީ ފިލްމު ކަމުނުދާކަމަށެވެ.

ފިލްމީ ވިޔަފާރި ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ މިދިއަ ހައެއްކަ އަހަރު ނުކުތް ސަލްމާން ޚާންގެ އެންމެ ނާކާމިޔާބު ފިލްމެވެ. ސަަބަބަކީ ފުރަތަމަ ދުވަހު 21.5 ކްރޯޑު (2.1 ބިލިއަން ރުޕީސް) ލިބުނުއިރު ދެ ވަނަ ދުވަހު ލިބުނު މިންވަރު މިއަށް ވުރެ ވެސް ދަށްވީމަ އެެވެ. އާދިއްތަ ދުވަހު ފިލްމުގެ ކަލެކްޝަން މަތިވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިއްބާ އެކަން ވެސް އެގޮތަކަށް ނުވި އެވެ.

ފާޑުކިޔުންތެރިންނާއި ފިލްމު ބެލި ގިނަ ބަޔަކު އިންތިހާއަށް ފާޑުކިޔަމުން ދިއުމަކީ ވެސް އެހެން މީހުންގެ ޝައުގު ކުޑަކުރުވި ސަބަބެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފިލްމުގެ ވިޔަފާރި ސަލްމާންގެ ކުރީގެ ފިލްމުތައް ވަރެއް ނޫނެވެ. އެމެރިކާގައި "ޓިއުބުލައިޓް"އަށް ވުރެ އައްލޫ އަރްޖުންގެ ތެލުގޫ ފިލްމު "ޑީޖޭ" ވެސް މާ ރަނގަޅަށް ހިނގަ އެވެ.

ފާއިތުވީ ފަސް އަހަރު އީދު ދުވަސްތަކުގައި ރިލީޒްކޮށްފައިވާ ސަލްމާންގެ "ކިކް"، "އޭކް ތާ ޓައިގާ"، "ބަޖްރަންގީ ބައިޖާން" އަދި "ސުލްތާން" ވެފައިވަނީ ބްލޮކްބަސްޓާ އަށެވެ. އެހެންވެ "ޓިއުބުލައިޓް"އާ މެދު ކުރި އުންމީދުތައް ވެސް ހުރީ ވަރަށް މަތީގަ އެވެ.

ސަތޭކަ ކްރޯޑު (10 ބިލިއަން ރުޕީސް)ގެ ބަޖެޓަކުން އުފައްދާފައިވާ "ޓިއުބުލައިޓް" ގެ ތިއެޓްރިކަލް ރައިޓްސް އަށް އެންއެެޗް ސްޓޫޑިއޯ އިން 120 ކްރޯޑު (12.0 ބިލިއަން ރުޕީސް) ދިނެވެ. އަދި ސްޓާ ޕްލަސް އަށް ސެޓެލައިޓް ރައިޓްސް ވިއްކާލައިގެން ވެސް ބޮޑު އާމްދަނީއެއް ހޯދި އެވެ. އެހެންކަމުން ފިލްމަށް ގެއްލުމެއް ނުވާނެކަން ޔަގީންވެ އެވެ. ނަމަވެސް ސަލްމާން ޚާންގެ ބޮކްސް އޮފީހުގެ ރަސްކަމަށް މި ފިލްމުން ނޭދެވޭ އަސަރެއް ކުރުން އެކަށީގެންވެ އެވެ.