27 ޖޫން 2017 - 07:54

އިންޑިޔާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ޖޯޑު ކަމަށްވާ ދިވްޔަންކާ ޓްރިޕާތީ އާއި އޭނާގެ ފިރިމީހާ ވިވެކް ދާހިޔާ މި އަހަރު ސްޓާ ޕްލަސްގެ ސެލެބްރިޓީ ޑާންސް ޝޯ "ނަޗް ބަލިޔޭ 8" އިން އެއްވަނަ ހޯދައިފި އެވެ.
ޝޯގެ ގްރޭންޑް ފިނާލޭގައި ދިވްޔަންކާ އާއި ވިވެކްއާ ވާދަކުރީ އަލަށް ވިދަމުން އަންނަ ކޯރިއޮގްރާފަރު ސަނަމް ޖޯހަރް އާއި އޭނާގެ ލޯބިވެރިޔާ އަބިގެއިލް ޕާންޑޭ އަދި ޓީވީ ދުނިޔޭގައި މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަނާޔާ އިރާނީ އާއި ފިރިމީހާ މޯހިތު އެވެ.
ދެ ވަނަ އަށް ދިޔައީ ސަނަމް އާއި އަބިގެއިލް އެވެ.
"ދިވެކް"ގެ ނަމުން މަޝްހޫރު ދެމަފިރިންނަށް ޝޯ ކާމިޔާބުކުރުމުން 3.5 މިލިއަން ރުޕީސް ލިބުނެވެ. އޭގެ އިތުރުން އަގުބޮޑު ގަހަނާ އާއި ކާރެއް ވެސް ލިބުނެވެ.
ސްޓާ ޕްލަސްގެ "ޔޭ ހޭ މުހައްބަތޭން" ގައި އިޝީތާގެ ރޯލު އަދާކުރާ ދިވްޔަންކާ އަކީ އިންޑިޔާގެ ގިނަ ބަޔަކަށް ވަރަށް މަގްބޫލު ބަތަލާއެކެވެ. އަދި ވިވެކް އަކީ ވެސް "ޔޭ ހޭ މުހައްބަތޭން" އާއި އެ ނޫން ވެސް ޝޯތަކުން މަޝްހޫރުކަން ލިބެމުން އަންނަ އެކްޓަރެކެވެ.
ނަޗް ބަލިޔޭ ކާމިޔާބުކުރެވުމާއި ދެ އެކްޓަރުންގެ ކައިވެންޏަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ އެކުވުމުން އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށްވާ ދިވްޔާންކާ ބުންޏެވެ.
ފިލްމީ ތަރި ސޮނާކްޝީ ސިންހާ އާއި ޑާންސް ދަސްކޮށްދޭ ކުޅަދާނަ މާސްޓަރު ޓެރެންސް ލުވިސް އަދި ފިލްމު ޑައިރެކްޓަރު މޯހިރު ސޫރީ ފަނޑިޔާރުކަން ކުރި ޝޯގެ ގްރޭންޑް ފިނާލޭ ސްޓާ ޕްލަސް އިން ދެއްކީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.