27 ޖޫން 2017 - 07:53

ޑައިރެކްޓަރު އަނުރާގު ބާސޫގެ "ޖައްގާ ޖާސޫސް" ކުޅެން ފެށިއިރު ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފް އަކީ ހަގީގީ ދެ ލޯބިވެރިން ނަމަވެސް ފިލްމުގެ ވަކި ހިސާބަކުން، މިދިޔަ އަހަރު، އެ ގުޅުން ވަނީ ކެނޑިފަ އެވެ.
މި މީހުން ރުޅިވުމުން އެންމެ ބޮޑު އަސަރެއް ކުރާނެ ފިލްމަކީ "ޖައްގާ ޖާސޫސް"ކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އަދި ޑައިރެކްޓަރު އަނުރާގަށް ވެސް އެކަން ވިސްނެ އެވެ.
ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން އަނުރާގު ބުނީ ރަންބީރު އާއި ކެޓުރީނާ ރުޅިވިކަން އެނގުނު ދުވަހު އޭނާ ވަރަށް ކަންބޮޑުވި ކަމަށެވެ. އަދި ރުޅިވުމަށް ފަހު ޝޫޓިންއަށް ފުރަތަމަ އައި ދުވަހު އެމީހުންގެ މޫނުމަތިން ވެސް އެކަން އެނގުނު ކަމަށް ބުންޏެވެ. ނަމަވެސް އޭނާ ބުނީ ޕްރޮފެޝަނަލް އެކްޓަރުންގެ ހައިސިއްޔަތުން އެމީހުންގެ ޒާތީ ދިރިއުޅުމުގެ މައްސަލަތަކުގެ އަސަރު ފިލްމަށް ކުރިޔަނުދޭން ދެ އެކްޓަރުން ވެސް ވަރަށް މަސައްކަތް ކުރި ކަމަށެވެ.
"ކުރިޔަށް ވުރެ ބޮޑަށް އެ މީހުން ފިލްމާ ދޭތެރޭ ވިސްނާ ފިކުރުކުރަން މަސައްކަތް ކުރާތަން ފުރަތަމަ ދުވަހު ވެސް އަހަންނަށް ފާހަގަކުރެވުނު. އެއީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އަހަންނަށް ލިބުނު ވަރަށް ބޮޑު އެހީއެއް،" އަނުރާގު ބުންޏެވެ.
"އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ޑައިރެކްޓަރެއް. އެހެންވެ ރަންބީރާއި ކެޓުރީނާއަށް އަހަންނާ ހެދި ވަރަށް ދަތިތައް ތަހައްމަލުކުރަން ޖެހިފައިވާނެހެން ހީވޭ. ފުރަތަމަ ދެތިން ދުވަހު މަންޒަރެއް ނަގަން ވެސް އެ މީހުންނަށް ވަރަށް އުނދަގޫވި. އޭގެ ފަހުން އެކަން ހަމައަކަށް އެޅުނު. އެހެންވެ އެމީހުންގެ ވަކިވުމަކުން ފިލްމަށް ނޭދެވޭ އަސަރެއް ނުކުރޭ."
"ޖައްގާ ޖާސޫސް" ރިލީޒްކުރާނީ ޖުލައި 14 ގަ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަންބީރާއި ކެޓުރީނާ އެކުގައި ދަނީ ކުރަމުންނެވެ.
ރަަންބީރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ކެޓުރީނާ އާއި އޭނާއާ ދެމެދު އޮތް ލޯބީގެ މަތިން މުޅިން ހަނދާން ނައްތާލާފައިވާ ކަމަށެވެ. އޭގެ ނޭދެވޭ އަސަރެއް އޭނާގެ ހަޔާތަށް ކުރަން ރަންބީރު ބޭނުން ނޫން ކަމަށް ވެސް ބުންޏެވެ.