22 ޖޫން 2016 - 23:49

ޕެރިސް، ފްރާންސް (ޖޫން 22) - ތިން ލައްކައެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ އައިސްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ބޮޑު މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ އައިސްލެންޑް ދެ ވަނަ ބުރުން ޖާގަ ހޯދީ މިރޭ އޮސްޓްރިއާ އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ ގްރޫޕް އެފް ގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބައްދަލުކުރާނީ އިންގްލެންޑާ އެވެ.
މި ގްރޫޕުން އައިސްލެންޑް ފުލަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާ 1-1 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުން ހަންގޭރީއާ 1-1 އިން އެއްވަރުވިއިރު، މިރޭ އޮސްޓްރިއާ އަތުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ ފަސް ޕޮއިންޓް ހަމަކޮށްފަ އެވެ.
ފަސް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަންގޭރީ ގްރޫޕުގެ އެއް ވަނަ ހޯދިއިރު ތިން ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ޕޯޗުގަލް ވެސް ވަނީ، ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނި ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
މިރޭގެ މެޗުގެ 18 ވަނަ މިނެޓުގައި އައިސްލެންޑުގެ ޖޮން ބޯވަސަން ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޮސްޓްރިއާ އިން އެއްވަރުކުރީ 60 ވަނަ މިނެޓުގައި އަލެސަންދްރޯ ޝޮފްގެ ލަނޑުންނެވެ. އައިސްލެންޑް މޮޅުވީ އިތުރު ވަގުތުގެ ތެރޭ އިންވީ ޓްރޯސަސަން ޖެހި ލަނޑުންނެވެ.