މިއީ ގައުމީ ޓީމަށް ވެސް ރިޒޭ ދިން މެސެޖެއް: ސާންތީ
މިއީ ގައުމީ ޓީމަށް ވެސް ރިޒޭ ދިން މެސެޖެއް: ސާންތީ

އެސްޓީއޯ މާލޭ ލީގުގައި ބުރާސްފަތި ދުވަހުގެރޭ މާޒިޔާ އަތުން 4-0 އިން އީގަލްސް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ދެއްކި މޮޅު ކުޅުމަކީ ގައުމީ ޓީމަށް ވެސް އޭނާ ދިން މެސެޖެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

އެ މެޗުގައި ރިޒޭ ހެޓްރިކް ހެދިއިރު އޭގެ ތެރެއިން ދެ ލަނޑަކީ އަމިއްލަ ހުނަރު ބޭނުންކޮށްގެން ޖެހި މޮޅު ދެ ގޯލެވެ. ގައުމީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ޔޫރަޕުގެ މަތީ ފަންތީގައި ކުޅެފައިވާ ރޫމޭނިއާ ޑިފެންޑަރު އަންދްރެއި ކޯޑޯސް ބަލަހައްޓަމުން ދިޔަ މާޒިޔާގެ ޑިފެންސް ލައިން ފޫއަޅުވާލުމަށް ފަހު އޭނާ ގޯލް ޖެހީ ކިރްގިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު ޕަވެލް މަޓިއާޝް އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ސާންތީ ބުނީ ހުރިހާ އެންމެން ވެސް ކުޅުންތެރިންނަށް އިތުބާރުކުރަން ދަސްކުރަން ޖެހޭ ކަމަށާއި ގައުމީ ޓީމުން ވެސް ކުޅުންތެރިންނަށް އިތުބާރުކޮށްފައި ކުޅުންތެރިން އުފައްދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ގައުމީ ކޯޗު މި މެޗު ބަލަން އިންނެވިހެން. ހަގީގަތުގައި މިއީ ކޯޗު ބަލަން ވެސް މުހިއްމު މެޗެއް. އެބަޖެހޭ ކުޅުންތެރިންނަށް އިތުބާރުކޮށްފައި މިކަންތައް ކުރަން. ނެޝަނަލް ޓީމަކީ ވަކި ބަޔަކަށް މިހެން ލައްގަނޑެއް ޖަހާފައި އޮންނަ (ޓީމަކަށް ވެގެން ނުވާނެ). ކުޅުންތެރިން އިތުބާރު ކޮށްފައި ކުޅުންތެރިން އުފައްދަން ނެޝަނަލް ޓީމުން ޖެހޭ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ރިޒޭ އަށް ވެސް ކޮންމެވެސް ހިސާބަކުން އެކަށީގެންވާ ފުރުސަތުތަކެއް ދޭން ޖެހޭ ކަމަށާއި އޭނާ ތަފާތު ދައްކާ ކަމަށެވެ.

ރިޒޭ ވަނީ މިދިޔަ އަހަރު ގައުމީ ޓީމުން ލިބުނު މަ ފުރުސަތުތަކުގެ ބޭނުން ހިފައި ތަފާތު ދައްކައިފަ އެވެ. މި އަހަރު ކުރީކޮޅު ސްކޮޑުން ޖާގަ ގެއްލުނަސް އެންމެ ފަހުން އަފްގާނިސްތާނާއި ބޫޓާނާ ދެކޮޅަށް ކުޅެން ނެގި މެޗުން ފުރުސަތު ލިބުނެވެ.

ސާންތީ ބުނީ މާޒިޔާ މެޗުގައި ރިޒޭ އެ ދެއްކީ މި އަހަރު ކުޅުންތެރިއަކު ދެއްކި އެންމެ ތަފާތު ބޮޑު ކުޅުން ކަމަށާއި އެ މެޗުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް ދޭނީ ރިޒޭ އަށް ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު މާބޮޑު ކަމެއް ނުކުރަން. ރިޒޭ ބޭނުންވީ ތަފާތު ދައްކަން. އަމިއްލަ ހުނަރުން ތިން ގޯލް ވެސް ޖެހީ. އައުޓްސްޓޭންޑިން ކުޅުމެއް އެ ދެއްކީ،" ސާންތީ ބުންޏެވެ.