އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން: ނަޝީދު
އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން: ނަޝީދު

އެމްޑީޕީގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށާއި އެ މަނިކުފާނު ވެރިކަމުން ދުރު ކުރުމަށް ޕާޓީގެ ހުރިހާ އެންމެން ވެސް ގިނަ ވަގުތު ދިނުމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީއަށް 12 އަހަރު ފުރުނު މުނާސަބާއާ ގުޅުވައިގެން މިއަދު ނެރުއްވި ބަޔާނެއްގައި ނަޝީދު ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ކުުރިއަށް އޮތް ދުވަސްތަކުގައި މިކަން ސާފުވާނެ ކަމަށެވެ.

"ޕާޓީގެ އެންމެ މެންބަރުންގެ ކިބައިން އަޅުގަޑު އެދެނީ، ރައީސް ޔާމީނު ވެރިކަމުން ދުރުކުރުމުގެ މަސައްކަތަކީ، ތިބޭފުޅުންގެ ގިނަ ވަގުތު ދެއްވާ މަސައްކަތަކަށް ހެއްދެވުމެވެ." ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިން އަނެއްކާ ވެސް މި ތިބީ އާ ފަތިހަކަށް އަލިވިލި، ރައީސް ޔާމީނުގެ ވެރިކަން ނިމި، މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ މަސައްކަތް ކުރަމުން އަންނަނީ ފަނޑިޔާރުންގެ ނިންމުންތަކަށް ސަރުކާރުން ވަނަ ނުދީ، ލާމަރުކަޒީ ނިޒާމު އަނބުރާ ގެނެސް، މީހުން މެރުމާއި މަރުގެ އިންޒާރު ދިނުން ފަދަ ބޮޑެތި ކުށްތަކުން ރާއްޖެ ސަލާމަތްކޮށް، ހާސްކަމެއް ނެތް ތަނަވަސް ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ. އަދި މާލޭގައި ހުންނަވައިގެން އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތަށް ނުހަނު ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތް ކާމިޔާބު ކުރުމުގައި އެހީތެރިވުމަށް، އަޅުގަޑަށް ވެސް މިނިވަންކަމާ އެކު ރާއްޖޭގައި އުޅުމުގެ ފުރުސަތު ލިބެން ޖެހެ އެވެ. މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތަށް އަޅުގަޑު އެދެނީ އިންތިހާއަށެވެ." ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން، އެ ގައުމުން ހިމާޔަތް ހޯއްދަވާފައިވާ ނަޝީދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކާއެކު އެމްޑީޕީން މިހާރު ކުރަމުން ގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރައީސް ޔާމީންގެ ބޭނުންފުޅަކަށް ސިޔާސީ ބޭނުމަށް ބަންދުގައި ބައިތިއްބާފައި ތިބި މީހުން މިނިވަންކޮށް، އެ މީހުންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދެވުމެވެ.

ޕާޓީއާ ގުޅޭގޮތުން ބަޔާނުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާމެނިފެސްޓޯގެ ތަސައްވަރެއް ފެނުން ރަނގަޅުވާނެ ކަމަށެވެ. އަދި އާ މެނިފެސްޓޯގެ ބައެއް ވިސްނުން، އެ މަނިކުފާނުގެ ހުރިއިރު އެ ކަންކަން މިއަދު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ 12 ވަނަ އަހަރީ ދުވަސް މި ދިމާވީ ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށާއި އެކަމަކު މަގުން ކައްސާލާފައިވާ މި ޑިމޮކްރަސީ އެމްޑީޕީއަށް ހަމައަކަށް އެޅުވޭނެކަމަށެވެ.