26 ޖޫން 2017 - 09:55

ލަންޑަން (ޖޫން 26) – ޗައިނާ އަށް ބަދަލުވުމުގައި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް އޭނާ އަށް އިންގްލެންޑުގައި ކުރިން ކޯޗުކޮށްދިން އަދި ފަހު ޗައިނާ ލީގުގައި މަސައްކަތްކުރި ސްވެން-ގޯރާން އެރިކްސަން ބުނެފި އެވެ.
ރޫނީ އަށް ޔުނައިޓެޑުގައި މާބޮޑު ފުރުސަތެއް އޮތް ކަމަށް ނުބެލެވޭއިރު އޭނާ ގެންދަން ޗައިނާގެ ކްލަބްތަކުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އިންގްލެންޑް ދޫކޮށް ރޫނީ ޗައިނާ އަށް ބަދަލުވެދާނެ ކަމާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ. އެންމެ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ބެލެވެނީ ޗައިނާގެ މާހައުލާއި ސަގާފަތުގެ ތަފާތުކަމެވެ.
ޗައިނާ ލީގުގެ ތިން ކްލަބަކަށް ކޯޗުކޮށްދީފައިވާ އެރިކްސަން ބުނީ ބިދޭސީ ކުޅުންތެރިންނަށް ޗައިނާގައި ވަރަށް ރަނގަޅަށް ކަމޭހިތާ ކަމަށާއި އެ ގައުމަށް ރޫނީ ފަސޭހައިން ހޭނޭނެ ކަމަށެވެ.
"އަހަންނަށް ވަރަށް ގިނައިން އިވޭ ޗައިނާ އަކީ އެހެން ގައުމުތަކުގެ މީހުން އުޅެން ކަމުދާ ގައުމެއް ނޫނޭ ކިޔާ ވާހަކަ ވާހަކަ. އަހަންނަށް ދުވަހަކު ވެސް މައްސަލައެއް ދިމާނުވޭ. ރަނގަޅު ވާހަކައެއް ޔޫރަޕާ އެއްގޮތެއް ނޫން. ސަގާފަތް ވަރަށް ތަފާތު. އެކަމަކު ޝަންހާއީގައި ދިރިއުޅޭ ނަމަ އެއީ ލަންޑަނުގައި އުޅުން ފަދަ ކަމެއް،" ސްވިޑަން އަށް އުފަން އެރިކްސަން ބުންޏެވެ.
އެރިކްސަން ބުނީ ޗައިނާ އަށް ބަދަލުވުމާ އެކު ހުރިހާ ކަމަކުން މަހުރޫމްވީ ކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށާއި އިޓާލިއަން، ޖަޕަނީސް ނުވަތަ ސްޕެނިޝް ކެއުން ކާން ބޭނުން ނަމަ އެފަދަ އެތައް ރެސްޓޯރެންތަކެއް ހުންނާނެ ކަމަށެވެ. އަދި ބޭނުންވާ އެހެން ގިނަ ކަންކަން ވެސް ފުރިހަމަވާނެ ކަމަށް އެރިކްސަން ބުންޏެވެ.
"އަހަރެން ރޫނީއާ ބައްދަލުނުވާތާ ދުވަސްތަކެއްވެއްޖެ. އެހެންވީމާ އޭނާގެ ވިސްނުމެއް އަހަންނަށް ނޭގޭ. އެކަމަކު އަހަންނަށް ޔަގީން އޭނާ ޗައިނާ އަށް ބަދަލުވެއްޖެއްޔާ ރަނގަޅު ތަޖުރިބާއެއް ކުރާނެ ކަމަށް،" އިންގްލެންޑަށް 2001-2006 އަށް ކޯޗުކޮށްދިން އެރިކްސަން ބުންޏެވެ.
ޗައިނާގެ ކްލަބްތަކުން ރެކޯޑް ހަރަދުތަކެއް ކުރަމުން އަންނައިރު ޒުވާން އުމުރުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ ޗައިނާ ލީގަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ އޮސްކާ އާއި އެލެކްސިސް ޓަކްސޭރާ ހިމެނެ އެވެ.
އުމުރުން 31 އަހަރުގެ ރޫނީ ޗައިނާ އަށް ނުދާނެ ކަމަށް ބެލެވޭ އަނެއް ސަބަބަކީ އަންނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމުގެ ބިރު އޮތުމެވެ. އެހެންކަމުން ބެލެވެނީ އޭނާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމަށެވެ. ނުވަތަ އެމެރިކާ ލީގަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.